ސީރިއާގެ ހަނގުރާމަ އަށް ދާން އުޅުނު މީހަކު ހައްޔަރުކޮށްފި

ސީރިއާގައި ކުރާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެގައުމަށް ފުރަން އުޅުނު ދިވެހި ފިރިހެނަކު، އިތުރު ބަޔަކާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރޭ ހައްޔަރުކޮށްފި އެވެ.


އެނގިފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރީ، ސީރިއާ އަށް ފުރަން ތައްޔާރުވެގެން އެއާޕޯޓަށް ގޮސް ތިއްބަ އެވެ. ހައްޔަރުކުރި ފިރިހެން މީހާ، މީގެ ކުރިން ވެސް ސީރިއާ އަށް ދާން އުޅެނިކޮށް ހިފަހައްޓައި، ކޯޓު އަމުރެއްގެ ދަށުން ފުރުން މަނާކުރި އެވެ. އޭނާ ފުރަން އިއްޔެ އެއާޕޯޓަށް ދިޔައީ، އެ އަމުރުގެ މުއްދަތު ހަމަވުމުން ކަން އެނގިފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ހަނގުރާމަ އަށް ފުރަން އުޅެނިކޮށް މީގެ ކުރިން ވެސް އެއާޕޯޓުން ދިވެހިން ހައްޔަރުކުރެ އެވެ.

ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން މިދިޔަ ޖެނުއަރީ މަހު އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާ އަށް ދިޔަ ދިވެހިންގެ އަދަދު އުޅެނީ 61 ގަ އެވެ. މިއީ، ސީރިއާ އަށް ދިޔަ މީހުންގެ އަދަދު ސަރުކާރުން 2016 ވަނަ އަހަރު އިއުލާނު ކުރި ފަހުން، 12 މީހުންގެ އިތުރުވުމެކެވެ.

މި މުއްދަތުގެ ތެރޭގައި ހަނގުރާމަ އަށް ދާން އުޅުނު 68 މީހަކު ހިފަހައްޓާފައި ވެސް ވެ އެވެ. އެއީ 59 މީހަކާއި ނުވަ ކުޑަ ކުދިން ކަމަށް ނެޝެނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ވަނީ ބުނެފަ އެވެ. އޭގެތެރެއިން 12 މީހަކު ތުރުކީން ހިފެހެއްޓި އިރު 13 މީހަކު އެކި ގައުމުތަކުން އަދި މާލެ އިން 21 މީހަކު ހިފެހެއްޓި ކަމަށް ވެސް އެ ސެންޓަރުގެ ހިސާބުތަކުން ދައްކަ އެވެ.