ބްރިޖާ ގުޅޭ މަގުތައް ހަދަން ގައިދީން ނެރެފި

ތަފާތު ކުށްތަކުގައި، ކަރެކްޝަންސްގެ ބެލުމުގެ ދަށުން ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންތަކެއް، މާލެ-ހުޅުލޭ ބްރިޖާ ގުޅޭ މާލޭގެ މަގުތައް (މާލޭ ރިންގް ރޯޑް) ހެދުމުގެ މަސައްކަތަށް ނެރެ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ. މިއީ މާލޭގެ މަސައްކަތަކަށް ގައިދީން ނެރުނު ފުރަތަމަ ފަހަރެވެ.


އިއްޔެ އިން ފެށިގެން 20 ގައިދީއަކު އަންނަނީ، ކުޅިވަރު އެކުވެންޏާ ދިމާލު ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އޮރެންޖް ކުލައިގެ ޓީޝާޓަކާއި ގަދަ ނޫކުލައިގެ ޓްރެކްސޫޓެއް ލައިގެން ތިބި އެ ގައިދީން ބެލެހެއްޓުމަށް ކަރެކްޝަންސްގެ މުވައްޒަފުން ވެސް ތިބެ އެވެ. ރިންގް ރޯޑް ޕްރޮޖެކްޓްގެ މައިގަނޑު މަސައްކަތްތައް ކުރަމުން އަންނަނީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުންނެވެ.

ގައިދީން ލައްވައި ކުރާ މަސައްކަތްތަކަކީ ކަރެކްޝަންގެ ކޯޕަރޭޓިވް ސޮސައިޓީން ބަލަހައްޓާ ކަންތައްތަކެކެވެ. ގައިދީން މަސައްކަތް ކުރަނީ ކޮންޓްރެކްޓް އުސޫލުން، މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް އެލަވެންސެއް ލިބޭ ގޮތަށެވެ.

ސްޓެލްކޯގެ މަސައްކަތްތައް ކުރުމަށް ވެސް އެއްބަސްވުމެއް ހަދައި ގައިދީން އަންނަނީ އެ ކުންފުނީގެ އެކިއެކި މަސައްކަތްތައް ކުރަމުންނެވެ. އެ މަސައްކަތްތައް ކުރަނީ އެ ކުންފުނީގެ ސައިޓްތަކުގަ އެވެ.

ގައިދީން މަސައްކަތަށް ނެރުމާ ގުޅޭ ގޮތުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިއާން ކުރިން ވިދާޅުވީ މަސައްކަތަށް ނެރޭ ގައިދީންނަކީ "ބަސްއަހާ" ގައިދީން ކަމަށެވެ. އަދި މަސައްކަތަށް ނެރޭ ގައިދީންގެ ފަރާތުން މުޖުތަމައަށް ނުވަތަ މަސައްކަތު މާހައުލަށް ވެސް އެއްވެސް ނުރައްކަލެއް ނޯންނާނެ ކަމަށާއި އެ މީހުން މަސައްކަތް ކުރާ އިރު، ކަރެކްޝަންސްގެ އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު ވެސް މަސައްކަތް ނިންމުނީމަ ގެންދާނީ ހުޅުމާލޭ ޖަލަށް... އަޅުގަނޑުމެން ސިނާއީ މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ ކޮމާޝަލް ކޮމްޕޯނެންޓްގެ ތެރެއިން. [ދުވަހު މުސާރަ އަށް ކަނޑައެޅިފައިވާ ރޭޓުގެ ތެރޭގައި] ޓްރާންސްޕޮޓޭޝަން އާއި ޕްރޮޓެކްޝަންގެ ބައިތަކާ މި ހުރިހާ ހަރަދުތަކެއް މޮނީޓާކޮށް، މެއިންޓެއިންކޮށް ބަލަހައްޓާނީ އަޅުގަނޑުމެންގެ ކޯޕަރޭޓިވް ސޮސައިޓީން،" ޝިއާން ވިދާޅުވި އެވެ.

މީގެ ކުރިން ގައިދީން އައީ ޖަލުތަކުގެ މަސައްކަތާއި ތިލަފުށީގެ އެކިއެކި ސިނާއީ މަސައްކަތްތައް ކުރަމުންނެވެ.

ރިންގް ރޯޑް ޕްރޮޖެކްޓްގެ ދަށުން، މޭރީ ބްރައުން އިން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް ބޮޑުތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނުގެ މަގު ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރަން ވަނީ ނިންމައިފަ އެވެ. އެ މަގު ފުޅާ ކުރަމުން އަންނަނީ، ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށެވެ.