ޒުވާން ޕްރެޒެންޓަރު ސާއިދުގެ ދެ ކިޑްނީ ފެއިލްވެ، އާންމުންގެ އެހީއަށް

ޕީއެސްއެމްގެ ޒުވާން ކުޅިވަރު ޕްރެޒެންޓަރު ސާއިދު އަހުމަދުގެ ދެ ކިޑްނީ ފެއިލްވެ އާންމުންގެ އެހީއަށް އެދިއްޖެ އެވެ.


އުމުރުން 28 އަހަރުގެ ސާއިދުގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަން އެނގުނީ އިންފެކްޝަނެއް އުފެދިގެން ޑޮކްޓަރަށް ދެއްކުމުން މިދިޔަ ހޮނިހިރު ދުވަހު އެވެ.

ސާއިދު ޑޮކްޓަރަށް ދެއްކީ ކާން އުނދަގޫވާތީ އެވެ. އޭނާ ހީކުރީ އެއީ ރޯގާ ޖެހިގެން ކުރިމަތިވި މައްސަލައެއް ކަމަށެވެ.

"އޭޑީކޭއަށް ދިޔައިމަ އެޑްމިޓް ކުރީ ވަރަށް ލޭ މަތިކަމަށް ބުނެފައި. ދެން ޑޮކްޓަރުން އެހި ބަލިހެއްޔޭ. އަޅުގަނޑު ބުނިން އަނެއްހެން ކަމެއް ފާހަގައެއްނުވޭ،" 2009 އިން ފެށިގެން ފުޓްބޯލް ކޮމެންޓްރީ ވެސް ދެމުން އަންނަ ހުނަރުވެރިޔާ ބުންޏެވެ.

"އަޅުގަނޑު އެހެން ބުނީމަ ޑޮކްޓަރުން ބުނީ ވަރަށް ދެރަ ހަބަރެކޭ ދޭން އޮތީ. ދެ ކިޑްނީ ވެސް ވަނީ ފެއިލްވެފައޭ."

ސާއިދު ކޮމެންޓްރީއެއް ދެނީ--

ސާއިދު ބުނީ ކިޑްނީގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމުން ދެ ކިޑްނީ މަސައްކަތްކުރަނީ 13 ޕަސެންޓް ކަމަށް އެންގި ކަމަށެވެ.

ޑޮކްޓަރުގެ އެ ޖަވާބާ އެކު ސާއިދު ފޭސްބުކްގައި ލިއުނީ "ސަލާމަތް ސިއްހަތެއްގައި ލެއްވުމީ ހާދަ ބޮޑު ނިއުމަތެއް ނޫންތޯ..." އޭ ކިޔައިފަ އެވެ. އެހެން ލިޔުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އެ ސްޓޭޓަސްގައި އޭނާއަށް ސިއްހީ މައްސަލައެއް ދިމާވިކަން ބުނެފައި ނެތް ނަމަވެސް ގިނަ ބަޔަކު ވަނީ އޭނާއަށް ހެޔޮ ދުއާކޮށް ކޮމެންޓްކޮށްފަ އެވެ.

ކިޑްނީގެ މައްސަލައަށް ބޭސްފަރުވާ ފެށި ނަމަވެސް އޭނާގެ ހާލަތު ހުރި ގޮތުން ބޭހުން ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން ލަފައެއް ނުކުރެ އެވެ. އެކަމަކު ކިޑްނީ ބަދަލުކުރާނީތޯ ނުވަތަ ޑައިލަސިސް ހަދަން ފަށާނީތޯ އަދި ނުނިންމަ އެވެ.

އިތުރު ފަރުވާއަށާއި ޑޮކްޓަރުންގެ އިރުޝާދު ހޯދަން އަންނަ އާދިއްތަ ދުވަހު ސާއިދު ރާއްޖެއިން ބޭރަށް ފުރާނެ އެވެ.

"އަޅުގަނޑު އެދެނީ މާތް ﷲގެ ހަޒުރަތަށް ދުއާ ކޮށްދިނުމަށް އަޅުގަނޑަށް އަވަސް ޝިފާއެއް ދެއްވުން އެދި. އެންމެ ބޭފުޅުން ދުއާކޮށްދިނުން،" ސާއިދު، އޭނާގެ ފޭނުންނާއި ރަހުމަތްތެރިންނަށް އެދުނެވެ.

ސާއިދަށް އެހީވާން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ރުފިޔާ އެކައުންޓް، 7701175423101 އަށް ނުވަތަ ޑޮލަރު އެކައުންޓް 7713-225362-101 އަށް ފައިސާ ޓްރާންސްފާ ކުރެވޭނެ އެވެ.

ސާއިދަށް އެހީ ހޯދަން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ތަފާތު ކެމްޕެއިންތައް ހިންގަމުންނެވެ. އޭގެ ތެރޭގައި މީޑިއާގައި މަސައްކަތްކުރާ މީހުންނާއި ކުޅިވަރުގެ ދާއިރާގެ މީހުންގެ އިތުރުން އާންމުން ވެސް ހިމެނެ އެވެ.

"އަޅުގަނޑުގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން އަންނަނީ ލިބެމުން،" ސާއިދު ބުންޏެވެ.

ސާއިދަށް މީގެ ކުރިން ވެސް ވަނީ ސިއްހީ މައްސަލައެއް ކުރިމަތިވެފަ އެވެ. އެގޮތުން 2015 ގައި މައިނާ ސްޓްރޯކެއް ޖެހުނެވެ. އޭގެ ފަހުން އޭނާ އަންނަނީ ބޭސް ބޭނުންކުރަމުންނެވެ.

ސާއިދުގެ އަނތްބަކާއި ތިން އަހަރުގެ ދަރިއަކު އެބަ ހުއްޓެވެ.

ސަންއެފްއެމް އިން 2009 ގައި ނޫސްވެރިކަމުގެ ދާއިރާ އަށް ނުކުތް ސާއިދު ޕީއެސްއެމްއާ ގުޅުނީ 2015 ގަ އެވެ. ފުޓްބޯޅަ ކޮމެންޓްރީ ދިނުމުގެ އިތުރުން އޭނާ އަންނަނީ ކުޅިވަރު ޕްރޮގްރާމްތައް ޕްރޮޑިއުސްކޮށް ޕްރެޒެންޓް ވެސް ކުރަމުންނެވެ.

ކިޑްނީ ފެއިލްވިކަން އެނގުނު އިރު ޕީއެސްއެމްގެ ކުޅިވަރު ނޫސްވެރިންނާ އެކު އޭނާ ވެސް ތައްޔާރުވަމުން އައީ ބުރާސްފަތި ދުވަހު ފަށާ ވޯލްޑް ކަޕުގެ ހާއްސަ ކަވަރޭޖަށެވެ.