މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ބަޔަކު މަޑުކޮށްލައިގެން-- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު
20 ޖޫން 2018 - 13:59
އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވްކުރަން ބޭރުގެ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ދައުވަތު ދީފި އެވެ.
އެ ކޮމިޝަނުްގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ އިންތިހާބު އޮބްޒާވްކުރަން ހަތް ގައުމަކަށާއި ތިން ޖަމިއްޔާއަކަށް ދައުވަތު ދީފައިވާ ކަމަށެވެ.
އީސީން ދައުވަތު ދީފައިވަނީ ޔޫރަޕްގެ ދެ ގައުމަކަށާއި ސާކުގެ ދެ ގައުމަކަށާއި އޭޝިޔާ ޕެސިފިކްގެ ދެ ގައުމެއްގެ އިތުރުން އަރަބި ގައުމަށެވެ. އޭގެ އިތުރުން ބައިނަލްއަގުވާމީ ތިން ޖަމިއްޔާއަކަށް ވެސް ދައުވަތު ދީފައި ވެ އެވެ.
އަކްރަމް ވިދާޅުވީ އިންތިހާބު އޮބްޒާވްކުރާނެ ގައުމުތައް ކަނޑައެޅީ، އިންތިހާބުތަކާ ބެހޭ ބޭރުގެ ޖަމިއްޔާތަކާ މަޝްވަރާކޮށްގެންނެވެ. އީސީން ދައުވަތު ދިން ގައުމުތަކުގެ އިތުރުން އެހެން ގައުމުތަކަށް ވެސް، އިންތިހާބު އޮބްޒާވްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Riyaasee inthikhaabu 2018 observe kurumah Europe ge 2 gaumakasha SAARC ge 2 gaumakashaa, Asia Pacific ge 2 gaumakashaa, Arabic 1 gaumakashaa , bainalaguvaamee 3 jamiyaakah EC in dhauvathu dheefi
— Elections Commission (@ElectionsMv) June 20, 2018
"އީސީން ދައުވަތު ދިން ގައުމުތަކުގެ އިތުރުން އެހެން ގައުމުތަކާއި ޖަމިއްޔާތަކަށް ވެސް، މުއްދަތުގެ ތެރޭގައި އޮބްޒާވްކުރަން ހުށަހަޅައިފި ނަމަ އެކަން ފަހިކޮށްދެވޭނެ. ބޭނުމަކީ ވީހާ ވެސް ހުޅުވާލައިގެން، ދެ ފުށް ފެންނަ ގޮތަކަށް އިންތިހާބު ކުރިއަށް ގެންދިއުން،" އަކްރަމް ވިދާޅުވި އެވެ.
އިންތިހާބު އޮބްޒާވްކުރަން ބޭރުގެ ފަރާތްތަކަށް ދައުވަތު ދިން އިރު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ކަންތައް ހިނގަމުންދާ ގޮތުން، ރިއާސީ އިންތިހާބުގެ މިނިވަންކަމާ މެދު ބޭރުގެ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ސިޔާސީ އިދިކޮޅު ހުރިހާ ލީޑަރުން ޖަލު ހުކުމްގައި ނުވަތަ ހައްޔަރު ކޮށްފައި ތިބި އިރު، އެ ބޭފުޅުން ހައްުޔަރުކޮށް ޝަރީއަތް ކޮށްފައިވަނީ ސިޔާސީ ސަބަބުތަކަކަށްޓަކައި ކަމަށް ބުނެ އިދިކޮޅު ލީޑަރުން މިނިވަން ކުރުމަށް ވިލާތުގެ ގައުމުތަކުންނާއި އަވައްޓެރި ބައެއް ގައުމުތަކުން ވަނީ ގޮވާލައިފަ އެވެ.
އޭގެ އިތުރުން، މިނިވަން އިންތިހާބެއް ބާއްވާ ނަމަ، އިދިކޮޅު ސިޔާސީ ލީޑަރުންނަށް ވެސް، އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ދިނުމަށް އެ ގައުމުތަކުން ގޮވައިލަ އެވެ. ސެޕްޓެމްބަރު 23ގައި ބާއްވާ ރިއާސީ އިންތިހާބަކީ، އެންމެ ބޮޑަށް ހުޅުވާލައިގެން ބާއްވާ އިންތިހާބު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަޢުވަތު
21 June 2018
ކީއްކުރަން ދިން ދަޢުވަތެއް
ތުއްތުނާ
20 June 2018
ކޮންމެވެސް ތާކުން ތާކު ނުޖެހޭ ގައުމުތަކުގެ ލިސްޓެއް ކަމުން ނަން ހާމަ ނުކޮށް އޮތީ.........