ޖޭޕީގެ ރައީސް ކަން އަލީ ވަހީދަށް ދޭން މެމްބަރުންތަކެއް ދެކޮޅު ހަދަނީ

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރައީސަކަށް، އެ ޕާޓީއާ ވަރަށް ފަހުން ގުޅިވަޑައިގެންނެވި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ހަމަޖެއްސުމާ ދެކޮޅަށް އެ ޕާޓީގެ ބައެއް ބޭފުޅުން މަސައްކަތް ކުރައްވަން ފައްޓަވައިފި އެވެ.


ޕެރެޑައިސް އައިލެންޑުގައި މިއަދު އޮންނަ ކޮންގްރެސްގައި، ޖޭޕީގެ ރައީސް ކަމަށް އަލީ ވަހީދު އެކަނި ކުރިމަތި ލެއްވިއިރު، އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ނިންމާފައިވާ އިސްލާހާ އެކު އެއީ ޕާޓީގެ އެންމެ އިސް މަގާމެވެ. ޖޭޕީގެ ލީޑަރަކަށް ހުންނެވި ގާސިމް އިބްރާހިމް، އެ މަގާމަށް ކުރިމަތި ނުލެއްވީ އޭނާ އަށް އިއްވާފައިވާ ތިން އަހަރުގެ ޖަލު ހުކުމާ ހެދި އެވެ.

ހުކުމް ތަންފީޒުކުރާ މީހުން ބައިވެރިކޮށްގެން ކޮންގްރެސް ނުބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގައިފަ އެވެ.

ޖޭޕީގެ ރައީސް ކަން އަލީ ވަހީދަށް ކަށަވަރުވާނީ، ކޮންގްރެސްގައި މިއަދު ނަގާ ފެންނަ ނުފެންނަ ވޯޓުގައި އަޣުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ. ކޮންގްރެސްގައި އެ ޕާޓީގެ 400 މެމްބަރުން ބައިވެރިވެ އެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް ކަން އަލީ ވަހީދަށް ދޭން އެ ޕާޓީގެ އާއްމު މެމްބަރުންތަކެއް ދެކޮޅު ހަދަނީ، ވަރަށް ފަހުން ޕާޓީއާ ގުޅިވަޑައިގަތުމާ އެކު ޕާޓީގެ އެންމެ އިސް މަގާމަށް އޭނާ ހަމަޖައްސާތީ އެވެ. އެއީ، އިންސާފުވެރި ގޮތެއް ނޫން ކަމަށް ބައެއް މެމްބަރުން ދެކެ އެވެ.

އަލީ ވަހީދަށް ވޯޓު ނުދޭން އެދި ޕާޓީގެ އެތެރޭގައި ދަނީ ކެމްޕޭނެއް ވެސް ކުރަމުންނެވެ.

ޖޭޕީގެ ރައީސް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އިންތިޚާބު ކުރަން އާއްމު ބައެއް މެމްބަރުން ދެކޮޅު ހެދި ނަމަވެސް، އެނގިފައިވާ ގޮތުގައި، އެ ޕާޓީގެ ލީޑަރު ގާސިމްގެ ތާއީދު ކުރައްވަނީ އަލީ ވަހީދަށެވެ. ރައީސް ކަމުގެ މަގާމާ ހެދި، ޖޭޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، ދެބަސްވުންތައް ނުބާއްވައި އޮމާންކަމާ އެކު ކޮންގްރެސް ނިންމާލަން ގާސިމް ވަނީ އެ ޕާޓީގެ އާއްމު މެމްބަރުންނާ އެކު ރޭ ބޭއްވި ވީޑިއޯ ކޮންފަރެންސްގައި އިލްތިމާސް ކުރައްވައިފަ އެވެ.

އާއްމު މެމްބަރުންތަކެއްގެ ހިތްހަމަނުޖެހުން ހުއްޓަސް ގާސިމްގެ ތާއީދާ އެކު ޖޭޕީގެ ރައީސް ކަމަށް އަލީ ވަހީދު ހޮވޭނެ ކަމުގެ ޔަގީންކަން ބޮޑެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް މެއި، 1، 2015 ގައި ކުރި ބޮޑު މުޒާހަރާއާ ގުޅިގެން، އަމިއްލައަށް އަރުވާލެއްވިގެން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ އަލީ ވަހީދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ އެކު ޑީއާރުޕީގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފަ އެވެ. އޭނާ ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތީ ވެސް މައުމޫނާ އެކު ޑީއާރުޕީންނެވެ. އެ ޕާޓީން އެމްޑީޕީ އަށް ބަދަލުވެވަޑައިގެންނެވިއިރު އޭނާ އަކީ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބެރެވެ.

އެމްޑީޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ ޗެއާޕާސަން ކަން އަލީ ވަހީދު ކުރެއްވިއިރު އެ ޕާޓީގެ އިސް އެއް ބޭފުޅަކީ އަލީ ވަހީދެވެ. އެމްޑީޕީން ވަކިވެވަޑައިގަތީ، ރާއްޖެ އިން ބޭރުގައި ހުންނަވަން ޖެހިވަޑައިގަތުމާ އެކު ރާއްޖޭގައި ތިބި ބަޔަކަށް އެމްޑީޕީގެ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށް ކަމަށް ވިދާޅުވެ އެވެ. އޭނާ ޖޭޕީއާ ގުޅިވަޑައިގަތީ މިދިޔަ މަހު ފަހުކޮޅު އެވެ.

ޖޭޕީގެ ރައީސްގެ އިތުރުން އެ ޕާޓީގެ ނައިބު ރައީސް ކަމަށް ވެސް މިރޭ ބޭފުޅަކު އައްޔަން ކުރާނެ އެވެ. އެ މަގާމަށް ކުރިމަތި ލެއްވީ ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް އެކަންޏެވެ.

ޖޭޕީގެ ނައިބު ހަތަރު ލީޑަރުންނަށް ކުރިމަތިލެއްވީ، މިހާރު ވެސް އެ މަގާމުގައި ތިއްބެވި ތިން ބޭފުޅުން ކަމަށްވާ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި ޑރ. ހުސެއިން ރަޝީދު ހަސަނާއި ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީންގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން އާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް (އެފްއޭ) އެވެ.