އަންނަ މަހުގެ 10 ކުރިން ކޯލިޝަން ކެންޑިޑޭޓަކު ނުދެއްކިއްޖެ ނަމަ، ޖޭޕީން މީހަކު ނެރެނީ

އަންނަ މަހުގެ 10 ކުރިން އިދިކޮޅު ކޯލިޝަނުން މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ކަނޑަނޭޅިއްޖެ ނަމަ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ން ކެންޑިޑޭޓެއް ނެރުމުގެ މަސައްކަތް ފަށައިފި އެވެ.


ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ޖޭޕީން މިއަދު ފަށާ ކޮންގްރެސްގެ ނުރަސްމީ ބައްދަލުވުމެއް ރޭ ބާއްވާފައިވާއިރު، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވީޑިއޯ މެދުވެރި ކުރައްވައި ދެއްކެވި ވާހަކައިގައި ރިޔާސީ ކެންޑިޑޭޓުގެ މައްސަލަ އަށް އަލިއަޅުވާލައްވައިފަ އެވެ.

ތިން އަހަރުގެ ޖަލު ހުކުމެއް އިއްވުމުން ބޭސްފަރުވާ އަށް ވަޑައިގެން، ޖަރުމަނުން ސިޔާސީ ހިމާޔަތް ހޯދަވައިގެން އެ ގައުމުގައި އުޅުއްވާ ގާސިމް، ވީޑިއޯ މެދުވެރިކޮށް ދެއްކެވި ވާހަކައިގައި ވިދާޅުވީ އަންނަ މަހުގެ 10 ގެ ކުރިން އިދިކޮޅު ކޯލިޝަން ކެންޑިޑޭޓެއް ނުދެއްކިއްޖެ ނަމަ ޖުމްހޫރީ ޕާޓީން ވަކި ކެންޑިޑޭޓެއް ކަނޑައަޅާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް ގާސިމް ވިދާޅެއް ނުވެ އެވެ.

އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރުން ލަސްވާ މައްސަލާގައި، އެ ކޯލިޝަން ގައި ހިމެނޭ އަދާލަތު ޕާޓީން ވެސް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެންމެ ފަހުން، އެ ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ވެސް ވަނީ އިދިކޮޅު ޕާޓީތަކުގެ ވަކިވަކި އަމާޒުތައް އެއްކައިރިކޮށް، ގުޅިފައިވާ އެއް ކެންޑިޑޭޓަކު ނެރުމަށް ގޮވާލައިފަ އެވެ.

ޖޭޕީގެ ތިން ވަނަ ކޮންގްރެސްގައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ޕްރައިމަރީ ބޭއްވުމަށް އަސާސީ ގަވައިދަށް އިސްލާހެއް ހުށަހަޅާނެ އެވެ. ޖޭޕީގެ އަސާސީ ގަވައިދު މިހާރު އޮތް ގޮތުން، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ލީޑަރެވެ. ނަމަވެސް ޖަލު ހުކުމެއްގައި ގާސިމް ހުންނެވުމުންނާއި އުމުރުން 65 އަހަރު ވެފައި ވުމުން ގާސިމަށް ގާނޫނީ ގޮތުން އެ ފުރުސަތު ވަނީ ބަންދުވެފަ އެވެ.

ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވައިލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމައި އެކަމުގެ މަޝްވަރާތައް ކުރަމުންދާއިރު މިހާތަނަށް ކެންޑިޑޭޓެއް ދެއްކިފައެއް ނުވެ އެވެ. އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓު އެ ޕާޓީން ބޭއްވި ޕްރައިމަރީން ހޯދަވައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަނީ ވަކިން ކެމްޕެއިން ކުރައްވަމުންނެވެ. އެ މައްސަލާގައި ވެސް ކޯލިޝަންގެ އެހެން ބައެއް ޕާޓީތަކުގެ ހިޔާލު ތަފާތެވެ.

އެމްޑީޕީ ނުހިމަނައި، ގާސިމް މިދިޔަ އަންގާރަ ދުވަހު ވަނީ ހިޔަނި ކެބިނެޓެއް އިއުލާން ކުރައްވައިފަ އެވެ. އެ ކެބިނެޓް ގާސިމް އިއުލާން ކުރެއްވީ އިދިކޮޅު ކޯލިޝަންގެ އެހެން ޕާޓީތަކާ މަޝްވަރާ ނުކުރައްވައި ކަމަށް ވެސް އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެފައި ވެ އެވެ.

ގާސިމް ބޭނުންވާ ހިޔަނި ކެބިނެޓެއް އިއުލާން ކުރެއްވުމުން، އެ މައްސަލާގައި ވެސް އެމްޑީޕީގެ ބައެއް އިސް ބޭފުޅުންގެ ނުރުހުން ވަނީ އޭނާ އަށް އަމާޒުވެފަ އެވެ.