އިސް ބޭފުޅުން ޕޮލިހަށް ގެންދިޔައަސް ފަހަތަކަށް ނުޖެހޭނަން: އިއްތިހާދު

އިދިކޮޅު އިއްތިހާދުގެ އިސް ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކުރިޔަސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރަން ކުރަމުން އަންނަ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށް އެ އިއްތިހާދުން އިއްޔެ ބުނެފި އެވެ.


އިއްތިހާދުގެ ހިޔަނި ހޯމް މިނިސްޓަރު އަހުމަދު ތަސްމީން އަލީ އާއި ސިވިލް ރައިޓްސް މިނިސްޓަރު ހަސަން ލަތީފް އަދި ހެލްތު މިނިސްޓަރު ޝިދާތާ ޝަރީފު ފުލުސް އޮފީހަށް ހާޒިރުވުމަށް ވަނީ ޗިޓު ފޮނުވައިފަ އެވެ. އެ ތިން ބޭފުޅުން މިހާރު ހާޒިރުވާން އަންގާފައި ވަނީ މާދަމާ ހަވީރު 4:00 އަށެވެ.

އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނީ އެ އިއްތިހާދުގެ އިސް ބޭފުޅުންނަށް ބިރު ދައްކައި އެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ކުށްވެރި ކުރާ ކަމަށެވެ. އެ ބޭފުޅުންގެ އަގު ވައްޓާލުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ވެސް އިއްތިހާދުން ގޮވާލި އެވެ.

އިއްތިހާދުން ބުނި ގޮތުގައި ތިން ބޭފުޅުން ވެސް ފުލުސް އޮފީހަށް ހާޒިރު ކުރަން އުޅެނީ ގާނޫނުތަކުގެ ބޭރުން ފިޔަވަޅު އެޅުމަށެވެ. އަދި ރާއްޖޭގައި އިދިކޮޅު ހަރަކާތްތައް ހިންގުން ހުއްޓުވުމަށް ކަމަށް ވެސް ބުންޏެވެ.

"ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަކަށް ނުޖެހޭނަން،" ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ޑިމޮކްރަސީ އަލުން އިއާދަކުރުމަށާއި މިނިވަން އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުންދާ ކަމަށެވެ.

ތަސްމީނާއި ހަސަން ލަތީފު އަދި ޝިދާތާ ފުލުސް އޮފީހަށް ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް މިހާތަނަށް އެނގިފައެއްނުވެ އެވެ.