ޕާޓީތަކަށް ދޭ ފައިސާ 10 މިލިއަނަށް ވުރެ ބޮޑު ނުވާ ގޮތް ހަދަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އަދަދު 10 މިލިއަނަށް ވުރެ ބޮޑު ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.


ސިޔާސީ ޕާޓީތަކުގެ ގާނޫނު މިހާރު އޮންނަ ގޮތުން ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދެވޭނީ ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެކެވެ. އެކަމަކު ދޫކުރެވޭ އެންމެ މަތީ މިންވަރެއް ގާނޫނުގައި މިހާރު ކަނޑައަޅާފައެއް ނުވެ އެވެ.

ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން މަޖިލީހަށް ހުށަހެޅުއްވި ބިލުގައިި އިސްލާހު ހުށަހަޅާފައިވަނީ ދައުލަތުގެ ބަޖެޓްގައި ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އަދަދުގެ 0.5 ޕަސެންޓް ޕާޓީތަކަށް ދިނުމަށެވެ. އެކަމަކު އެގޮތަށް ދޫކުރެވޭ ޖުމްލަ އަދަދު 10 މިލިއަނަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އެ އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

ސިޔާސީ ޕާޓީތަކަށް ދިނުމަށް ދައުލަތުގެ ބަޖެޓްގައި އެންމެ ފަހުން ކަނޑައަޅާފައިވަނީ 24 މިލިއަން ރުފިޔާ އެވެ. ފައިސާ ދޫކުރަނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގައި މެމްބަރުން ތިބި އަދަދުގެ ނިސްބަތުންނެވެ.

އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކުރަން ނިންމިއިރު އެންމެ ބޮޑު އަދަދެއް ލިބޭ ގޮތަށް އޮތީ އެންމެ ބޮޑު ޕާޓީ އަދި ވެރިކަން ކުރާ ޕީޕީއެމްއަށެވެ. އެ ޕާޓީ 11 މިލިއަން ރުފިޔާ ދޭން ނިންމާފައިވާއިރު އެމްޑީޕީއަށް 7.5 މިލިއަން ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ. އެކަމަކު ފައިސާ ދޫކުރާނީ ގާނޫނުގައިވާ ގޮތުގެ މަތިން އޮޑިޓް ރިޕޯޓް ހުށަހެޅުމުންނެވެ.