ސަރުކާރުގެ ކޮންމެ އޮފީހަކަށް އެންމެ ފިކްސްޑް ލައިނެއް، ފެކްސް ލައިންތައް ވެސް ކަނޑާލަނީ

ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގައި ބޭނުންކުރާ ޓެލެފޯން ފިކްސްޑް ލައިންތަކުގެ ތެރެއިން ކޮންމެ ތަނެއްގައި އެއް ލައިން ބެހެއްޓުމަށް ފަހު، ދެން ހުރިހާ ފިކްސްޑް ލައިންތައް ކަނޑާލުމަށާއި އަދި ހުރިހާ ތަނެއްގައި ވެސް ފެކްސްގެ ޚިދުމަތް ހުއްޓާލަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.


ފައިނޭންޝަލް ކޮންޓްރޯލަރު ފާތިމަތު ރަޒީނާ ސޮއިކުރައްވައި ސަރުކާރުގެ އޮފީސްތަކަށާއި މުއައްސަސާތަކަށް މިދިޔަ އަންގާރަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ކޮންމެ އޮފީހެއްގައި އެއް ފިކްސްޑް ލައިން ބެހެއްޓުމަށް ފަހު، ބާކީ ލައިންތައް ކަނޑާލަން ރައީސް އޮފީހުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ މަސައްކަތް ކޮށް މި މަސް ނިމުމުގެ ކުރިން އެންގުމަށް ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރު އެދިވަޑައިގެންފައި ވެ އެވެ.

ފިކްސްޑް ލައިންތަކުގެ އިތުރުން، ސަރުކާރުގެ ހުރިހާ އޮފީހެއްގެ ފެކްސް ލައިންތައް ކަނޑާލަން ވެސް ރައީސް އޮފީހުން ވަނީ ނިންމައިފަ އެވެ.

ލައިންތައް ކަނޑާލުމުގެ ކަންކަން ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަދި ދިރާގާ މަޝްވަރާ ކޮށްގެން ކުރިއަށް ގެންދިއުމަށް ވެސް ފައިނޭންޝަލް ކޮންޓްރޯލަރު ވަނީ އަންގަވައިފަ އެވެ.

ސަރުކާރުގެ ކޮންމެ އޮފީހެއް އަދި މިނިވަން މުއައްސަސާއެއްގައި ޓެލެފޯން ފިކްސްޑް އެއް ލައިން ބެހެއްޓުމަށް އަދި ހުރިހާ ތަނަކުން ފެކްސް ލައިން ކަނޑާލަން ރައީސް އޮފީހުން ނިންމި ސަބަބެއް އަދިއެއް ނޭނގެ އެވެ. ނަމަވެސް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އެ ފަދަ ފިޔަވަޅުތައް ދޭތެރެދޭތެރެއިން އަޅަ އެވެ.

ދައުލަތުގެ އެއް އޮފީހުން އަނެއް އޮފީހަށް ސިޓީ އާއި ލިޔުންތައް ފޮނުވުމުގައި ފެކްސްގެ ބަދަލުގައި މިހާރު ބޭނުންކުރަނީ އީ-ގަވަމެންޓް ނުވަތަ ޖެމްސް ސިސްޓަމެވެ. އެކަމަކު، ކޮންމެވެސް ވަރަކަށް އަދިވެސް ފެކްސް ފޮނުވަ އެވެ.