ޚަބަރު / އަހުމަދު ރިލުވާން

ޑީއެންއޭއާ ރިލްވާނާ ގުޅުވުމަށްޓަކައި ދައުލަތުން ހުށަހެޅި ރިލްވާންގެ ބޭބެގެ ހެކިބަސް ނަގަން ނިންމައިފި

ރިލްވާން: އޭނާ ގަދަކަމުން ފޮރުވި ކަމަށް ދައުލަތުން ދައުވާކުރަނީ ދެ މީހަކަށް

ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން އެރުވި ކަމަށް ބުނާ ކާރުން ފެނުނު ޑީއެންއޭއާ އޭނާއާ ގުޅުވުމަށްޓަކައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ރިލްވާންގެ ބޭބެ މޫސާ ރިލްވާންގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

އޮގަސްޓް، 2014 ގައި ގެއްލުނު ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރަނީ ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކަށް އޭނާ އަރުވައިގެން ގޮހެވެ.

އާލިފްގެ ކާރުން ފެނުނު އިސްތަށްޓަކުން ލިބުނު އެމްޓީ ޑީއެންއޭ ދިމާވީ ރިލްވާންގެ މަންމައާ އެވެ. އެހެންވެ، ދައުލަތުން މަސައްކަތް ކުރަނީ އެ ޑީއެންއޭއާ ރިލްވާނާ ގުޅުވާލުމަށެވެ. އެކަމަށްޓަކައި ދައުލަތުން ބޭނުންވަނީ ރިލްވާންގެ އާއިލާގެ އެއްވެސް މެމްބަރަކު އެ ކާރަށް ދުވަހަކު ވެސް އަރާފައި ނެތްކަން ސާބިތު ކޮށްދީގެން، ރިލްވާނާ އެ ޑީއެންއޭއާ ގުޅުވުމަށެވެ.

ރިލްވާނާ އެއްބަނޑު އެއްބަފާ މީހުންނާއި އެއްބަނޑު މީހުން އަދި އެއްބަފާ މީހުންގެ ހެކިބަސް މީގެކުރިން ނެގިއިރު ވެސް މޫސާ ރިލްވާންގެ ހެކިބަސް ނުނަގައި، އޮތީ އޭނާގެ ހެކިބަސް ނެގުމާ މެދު ދެ ފަރާތުގެ ދެމެދުގައި ޚިިޔާލު ތަފާތުވުމުން އެކަމާ މެދު ފަހުން ގޮތެއް ނިންމުމަށްޓަކަ އެވެ.

މޫސާ ރިލްވާންގެ ހެކިބަސް ނެގުމާ މެދު ދެ ފަރާތުގެ ދެމެދުގައި ޚިޔާލު ތަފާތުވީ އެ މައްސަލާގެ ހެކި ހުށަހެޅުމުގެ މަރުހަލާގައި ދައުލަތުން އޭނާގެ ނަން ހުށަނާޅައި އޮތުމަށް ފަހު، ހެކިބަސް ނެގުމުގެ މަރުހަލާގައި އޭނާގެ ހެކިބަސް ނަގައިދޭން ދައުލަތުން އެދުމުންނެވެ. އެހެންވެ، ކޯޓުން ހަމަޖައްސާފައި އޮތީ ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިމުމުން މޫސާ ރިލްވާންގެ ހެކިބަސް ނެގުމާ މެދު ގޮތެއް ނިންމުމަށެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ނިންމެވީ މޫސާ ރިލްވާންގެ ހެކިބަސް ނެގުމަށެވެ. ގާޒީ އާރިފް ވިދާޅުވީ ހެކި ހުށަހެޅިއިރު މޫސާ ރިލްވާންގެ ނަން ދައުލަތުން ހުށަހަޅާފައި ނެތަސް، އޭނާގެ ހެކިބަސް ނަގަން ނިންމެވީ މުޅި އެ މައްސަލަ ބިނާވަނީ ކާރުން ފެނުނު ޑީއެންއޭގެ މައްޗަށް ކަމަށްވާތީ ކަމަށެވެ.

މޫސާ ރިލްވާނަކީ އެ އާއިލާގެ މެމްބަރެއް ކަން އެ އާއިލާގެ އެހެން މީހުންގެ ހެކިބަހުން އެނގޭއިރު، އޭނާގެ ހެކިބަސް ނުނަގަން ނިންމައިފި ނަމަ، އެ މައްސަލާގައި އުފެދިގެން އަންނާނީ ބޮޑު ޝައްކެއް ކަމަށް ގާޒީ އާރިފް ވިދާޅުވި އެވެ. އެ ޝައްކު ފިލުވާލުމަށްޓަކައި އަދި އިންސާފަށް ވާސިލްވުމަށްޓަކައި އޭނާގެ ހެކިބަސް ނެގުން ކޮންމެހެން މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

މިހާރު މެލޭޝިއާގައި ދިރިއުޅެމުންދާ މޫސާ ރިލްވާންގެ ހެކިބަސް ނެގުމަށްޓަކައި ދައުލަތަށް ގާޒީ އެންގެވީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް އަންނަ ބުރާސްފަތި ދުވަހު އޭނާ ހާޒިރު ކުރުވައި، ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ފަދައިން އެމްބަސީގެ ފަސްޓް ސެކެޓްރީއެއްގެ ހާޒިރުގައި ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ. އޭނާގެ ހެކިބަސް ނަގާނީ ސްކައިޕް މެދުވެރިކޮށެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްކައިޕް މެދުވެރިކޮށް ހެކިބަސް ނަގާނެ ފަހަރެވެ.

ގާޒީ އެގޮތަށް އެންގެވުމުން، ދައުލަތުން އެދުނީ ބުރާސްފަތި ދުވަހަށް މޫސާ ރިލްވާން އެމްބަސީ އަށް ހާޒިރު ނުކުރެވިއްޖެ ނަމަ އެކަމަށް އިތުރު ފުރުސަތެއް ދިނުމަށެވެ. ޖަވާބުގައި ގާޒީ އާރިފް ވިދާޅުވީ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ މަގްބޫލު އުޒުރެއް އޮންނަން ޖެހޭނެ ކަމަށާއި އަދި އެކަން ތަކުރާރު ވެގެން ވެސް ނުވާނެ ކަމަށެވެ.

ސިއްރު ހެއްކަކު ހެކިބަސް ދޭން ދެކޮޅު ހެދުމުން އޭނާގެ ހެކިބަސް ނުނަގާނެ

އެ މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ހެއްކަކު ހާޒިރު ކުރަން ތަކުރާރުކޮށް މަސައްކަތް ކުރުމުން ވެސް އޭނާ ހާޒިރު ނުކުރެވުމުން ގާޒީ މިއަދު ނިންމެވީ އެ ހެކިވެރިޔާގެ ހެކިބަސް ނުނެގުމަށެވެ. ސިއްރު ހެކިން ކޯޓަށް ހާޒިރު ކުރުމުގައި އޮންނަ އުސޫލުގެ ދަށުން އެ ހެކިވެރިޔާ ހާޒިރު ކުރަން ދައުލަތުން ކުރި މަސައްކަތް ކާމިޔާބު ނުވުމުން އެންމެ ފަހުން ކޯޓުން ވަނީ ޗިޓް ފޮނުވައިގެން ވެސް އޭނާ ހާޒިރު ކުރެވޭތޯ މަސައްކަތް ކޮށްފަ އެވެ.

އޭނާ ދިރިއުޅޭ އެޑްރެހަށް އެތައް ފަހަރަކު ޗިޓް ފޮނުވިޔަސް، އޭނާއާ ޗިޓް ހަވާލެއް ނުކުރެވުނެވެ. އަދި އޭނާގެ ފޯނަށް ކޯޓުން ގުޅުމުން އެ މައްސަލާގައި ހެކިބަސް ދޭން ހާޒިރު ނުވާނެ ކަމަށް ބުނެ، އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް ގާޒީ އާރިފް ވިދާޅުވި އެވެ. އޭނާ ހާޒިރު ކުރަން އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރެވިފައިވާ ކަމަށް ނިންމަވައި، ގާޒީ ނިންމެވީ އެ ހެކިވެރިޔާގެ ހެކިބަސް ނުނެގުމަށެވެ. އެކަމަކު އޭނާ ތަހުގީގަށް ދީފައި އޮތް ބަޔާނަށް ރިއާޔަތް ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ހެކިވެރިން ހާޒިރު ކުރުމުގައި ކޯޓުގެ ޒިންމާއަކީ ކޯޓަށް ހާޒިރުވާން އެންގުން ކަމަށާއި އެކަމަކު ހެކިވެރިޔާ ހާޒިރު ނުވިޔަސް، އެ މީހަކު ހައްޔަރު ކޮށްގެން ގެނެވޭނެ ގޮތެއް ނެތް ކަމަށެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު މިހާރު އޮތްގޮތުން ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރެވެނީ ދައުވާ ލިބޭ މީހުން އެކަނި ކަމަށާއި ހެކިވެރިންނާ މެދު އެ އުސޫލުން އަމަލު ކުރެވޭނެ ކަމަަކަށް ގާނޫނުގައި ބުނެފައި ނެތް ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

"މާނައަކީ ގާނޫނު ސައިލެންޓްކޮށޭ މި އޮތީ ހެކިވެރިން ހައްޔަރު ކޮށްގެން ގެނައުމާ ބެހޭގޮތުން. ކުރީގައި އުސޫލުތަކެއް އޮތް ކަމުގައި ވިޔަސް، ގާނޫނު އައިމަ އަޅުގަނޑުމެން ބަލަން ޖެހޭނީ ގާނޫނަށް." ގާޒީ އާރިފް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި އިންސާފު ގާއިމް ކުރުމަށްޓަކައި ކޮންމެހެން މުހިންމު ކަމަށް ދެކިގެން އެ ހެކިވެރިޔާ ހައްޔަރު ކޮށްގެން ކޯޓަށް ގެނައި ކަމުގައި ވިޔަސް، ހެކިބަސް ދޭން ދެކޮޅު ހަދާ މީހެއްގެ ފަރާތުން ހެކިބަސް ނެގުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ފޮރުވުމެއް ނެތި، ހެކިބަސް ދިނުމަކީ އިސްލާމްދީނުގައި އަންގަވާފައިވާ ކަމެއް ކަމަށާއި އެކަމަކު ހެކިބަހަކީ އަމިއްލަ އިހްތިޔާރުގައި އެ މީހަކު ދޭ އެއްޗެއް ކަން ގާޒީ ފާހަގަ ކުރެއްވި އެވެ. އަދި އެއީ އަދަބު ދީގެން ނުވަތަ ހައްޔަރު ކޮށްގެން ހޯދޭނެ އެއްޗެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހެޅި އެހެން ހުރިހާ ހެކިންގެ ހެކިބަސް ނަގައި، މިހާރު އޮތީ ނިމިފަ އެވެ. ރިލްވާންގެ ބޭބެ މޫސާ ރިލްވާންގެ ހެކިބަހަށް ފަހު ދެން އޮންނާނީ އެ މައްސަލާގެ ޚުލާސާ ބަޔާން ހުށަހެޅުން ކަމަށް ބެލެވެ އެވެ. އޭގެފަހުގައި ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.

0 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454