އާ ޕާޓީއެއް އުފައްދަން ވަކީލު ހަސީން ހުށަހަޅައިފި

ގާނޫނީ ވަކީލު، އަބްދުﷲ ހަސީން އެމްޑީޕީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފި އެވެ.


އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާން އަހުމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް އަކްރަމް ނުދެއްވި އެވެ.

"ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުމެއް [އައިޑީކާޑާއި ކުށުގެ ރެކޯޑްތައް] ވަނީ ހުށަހަޅާފައި. އަޅުގަނޑުމެންގެ އިދާރީ މަސައްކަތް މިހާރު ދަނީ ކުރަމުން،" އަކްރަމް ވިދާޅުވި އެވެ.

އާ ސިޔާސީ ޕާޓީ އުފައްދަން ހުށަހެޅީ "މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީ(ލޭބާ ޕާޓީ)" ގެނަމުގަ އެވެ.

ހަސީން "މިހާރު" އަށް ވިދާޅުވީ އާ ޕާޓީއެއް އުފެއްދުމަށް ނިންމީ އެމްޑީޕީއާ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށެވެ. އޭނާގެ މަގުސަދަކީ މަސައްކަތްތެރިންގެ ހައްގުތަކާއި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތް ކުރުން ކަމަށް ހަސީން ވިދާޅުވި އެވެ. އެކަންވާން އޮތީ ޕާޓީއެއް ހަދައިގެން ކަމަށް ހަސީން ވިދާޅުވި އެވެ.

"އަޅުގަނޑު އެއްވެސް ބަޔަކާއި ދެކޮޅަށް އަދި އެއްކޮޅަށް ކުރާ މަސައްކަތެއް ނޫން މިއީ. އަޅުގަނޑުމެން ގަބޫލްކުރާ އުސޫލުތަކާއި ހަމަތަކަށް މަސައްކަތް ކުރުން ބޭނުމަކީ،" ހަސީން ވިދާޅުވި އެވެ.

އިލެކްޝަންސް އިން ހުއްދަ ދިނުމާއެކު، ރިޔާސީ އިންތިހާބުގެ ކުރިން 3،000 މީހުންގެ ސޮއި ހަމަކޮށް ޕާޓީ ރަޖިސްޓްރީ ކުރާނެ ކަމަށް ހަސީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭނާއާއެކު ޕާޓީ އުފެއްދުމުގައި މަސައްކަތް ކުރަނީ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރައްވާ ބޭފުޅުންތަކެއް ކަމަށެވެ.

ގާނޫނީ ވަކީލު ހަސީން މިހާތަނަށް ސިޔާސީ ދާއިރާ އިން ފެނިފައިވަނީ މުޅިން ވެސް އެމްޑީޕީގެ ހަރަކާތްތަކުންނެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަން ބަދަލުކުރަން ކުރި މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވި އެވެ. ނޫސް މަޖައްލާތަކަށް ލިޔުއްވާ ހެއްދެވި އެވެ. އަދި ހަސީނަކީ ބޮޑެތި ޝަރީއަތްތަކުގައި ވަކާލާތުކޮށްފައިވާ ވަކީލެކެވެ. އޭގެ ތެރޭގައި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ހުސައިން ހުމާމްގެ ދިފާއީ ވަކީލެއްގެ ގޮތުން މަސައްކަތް ކުރެއްވި އެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވެސް ދެ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅި އެވެ. ނަމަވެސް ލިޔެކިޔުންތައް ފުރިހަމަ ނުވާތީ އެ ދެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ނުދެ އެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީކޮށްފައި އޮތީ ހަ ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ޑީއާރުޕީ އަދި އެމްޑީއޭ އެވެ.