ހަސަން ސައީދު ހަތަރު މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ހަސަން ސައީދު، ފުލުހުންނަށް ފިއްލަވައިގެން އުޅުއްވިކަން ސާބިތުވެ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.


ހަސަން ޖަލަށް ލާން ހުކުމްކުރީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރަން މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަން އެނގި ހުރެ ފުލުހަށް ހާޒިރުވެފައި ނުވާތީ ދައުލަތުން އުފުލި ގާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.

މިއަދު ހަވީރުން ފެށިގެން ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި ފާހަގަކުރި ނުކުތާތައް އިއްވަވަމުން އެ މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ހަސަން ހައްޔަރު ކުރަން އޭނާގެ ފްލެޓަށް ފުލުހުން ގޮސް އޭނާއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމާއި އެގޭގެ ދޮރު ވައްޓާލައިގެން ވަދެ ފުލުހުން ފާސްކުރިއިރު އެގެއިން އޭނާ ފެނިފައިނުވާ ކަން ދައުލަތުން ހުށަހެޅި ފުލުހުންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.

ހަސަން ހޯދަން ފުލުހުން އޭރު އާންމުކޮށް އިއުލާން ކޮށްފައިވާ ކަން ފާހަގަކުރައްވައި، ގާޒީ ވިދާޅުވީ އެ އެންގުމާ އެއްގޮތަށް ހަސަން އަމަލު ކުރައްވަން ޖެހޭނެ ކަމަށެވެ. އަދި ހަސަން ހޯދާ ކަން އޭނާއަށް އެނގޭ ކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށާއި އެހެންވެ، ފުލުހުންގެ އެ އެންގުމާ އެއްގޮތަށް އަމަލު ނުކުރެއްވުމަކީ ގާނޫނު ހިންގުމަށް ހުރަސް އެޅުއްވުން ކަމުގައި ބެލެވޭނެ ކަމަށް ވެސް ގާޒީ އާދަމް ވިދާޅުވި އެވެ.

މީގެ އިތުރުން ހަސަން ހައްޔަރު ކުރުމަށް ނެރުނު އަމުރު ސުޕްރީމް ކޯޓުން ފަހުން ބާތިލް ކޮށްފައި ވިޔަސް، އެ އަމުރު ބާތިލް ކުރުމާ ހަމައަށް އަމުރުގެ ބާރު ހިނގާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ އެ މައްސަލާގައި ދިފާއީ ހެކިންގެ ގޮތުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދުގެ ނަން ހަސަންގެ ފަރާތުން ހުށަހަޅާފައި އޮތަސް، އެ ދެ ބޭފުޅުންނަކީ ދައުލަތުގެ ހެކިންގެ ހެކިބަސް ނަފީ ކުރެވޭނެ ފަދަ ބޭފުޅުން ކަމަށް ނުވާތީ އާއި އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ކުށްތަކެއް ސާބިތުވުމުގެ އިތުރަށް ބޮޑެތި ޖިނާއީ ދައުވާތަކެއް ހިނގަމުންދާތީ އެ ބޭފުޅުންގެ ހެކިބަސް ނުނަގަން ނިންމެވީ ކަމަށެވެ.

ހަސަންގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ދެ ފަރާތަށް ދިން ފުރުސަތުގައި ދައުލަތުން އެދުނީ އެ ކުށަށް ގާނޫނުލް އުގޫބާތުގައި އޮންނަ އަސާސީ އަދަބު ކަމަށްވާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅުމަށެވެ.

އަދަބު ކަނޑައެޅުމާ ބެހޭ ގޮތުން ހަސަންގެ ވަކީލުން ދެ ހުށަހެޅުމެއް ހުށަހެޅި އެވެ. އެއީ އޭނާ މިހާރު ވެސް ފަސް މަހަށް ވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކުރައްވާފައި ވާތީ، އަދަބު ކަނޑައެޅިޔަސް ހުކުމުގެ އިތުރު މުއްދަތެއް ތަންފީޒު ކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި ހުށަހެޅުމަކާއި އަދަބުގެ ބާވަތް ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެކެވެ.

ހަސަން މިހާރު ބަންދުގައި ހުންނެވީ އޭނާގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާއާ ގުޅިގެންނެވެ.

ގާޒީ އާދަމް ވިދާޅުވީ ހަސަން ކުރިން ބަންދުގައި ހުންނެވީ އެހެން މައްސަލައެއްގައި ކަމަށް ވާތީ މިއަދު ސާބިތުވި މައްސަލާގައި އޭނާގެ މައްޗަށް ޖަލު ހުކުމުގެ އަދަބު ކަނޑައަޅަން ހުރަހެއް ނެތް ކަމަށެވެ. އަދަބުގެ ބާވަތް ގޭ ބަންދަށް ބަދަލު ކޮށްދެއްވެން ނެތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ހަސަން ޖަލަށް ލާން ހުކުމް ކުރިޔަސް، އޭނާގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުފެނެ އެވެ. ހުކުމަށް ފަހު ކޯޓު ރޫމުން ނިކުމެވަޑައިގަތުމުގެ ކުރިން ހިނިތުންވެ ހުންނަވައިގެން އޭނާގެ އާއިލާ ބޭފުޅުންނާ ސަލާމް ކުރައްވައި، ވާހަކަ ދެއްކެވި އެވެ.