ޚަބަރު / އިލެކްޝަންސް ކޮމިޝަން

ވޯޓުލާން ރަޖިސްޓްރީ ކުރުވުމުގެ ޒިންމާ މިފަހަރު ސަރުކާރުގެ މުވައްޒަފުންނަށް!

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުމުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ހަރަކާތްތެރިވަނީ. --ފޮޓޯ/މިހާރު

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމަކީ، މީގެކުރިން އޮންނަ ގޮތުން ނަމަ، އެ އިންތިޚާބެއްގައި ވާދަކުރާ ޕާޓީތަކުން ވަރަށް ފޯރީގައި ކުރާ ކަމެކެވެ؛ އެކަމަކު ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް، ސަރުކާރުގެ މިނިސްޓްރީތަކާއި މުވައްޒަފުންނަށް މިވަނީ ބޮޑު ޒިންމާއެއް ހަވާލުކޮށްފަ އެވެ.

އެއީ، އެ މިނިސްޓްރީއަކަށް ނުވަތަ ކުންފުންޏަކަށް ކަނޑައަޅާފައިވާ އަދަދަށް، ވޯޓުލާން މީހުން ރަޖިސްޓްރީ ކޮށްދިނުމެވެ. އެހެންވެ، ރަސްމީ މަސައްކަތުން ވީއްލި، ރަޖިސްޓްރޭޝަންގައި މުވައްޒަފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ވޯޓުލާން ރަޖިސްޓްރީ ކުރުވުމުގެ ޒިންމާ، މިނިސްޓްރީތަކުގެ މުވައްޒަފުންނާ ހަވާލުކޮށްފައި ވަނީ، އެނގިފައިވާ ގޮތުގައި، އެ މިނިސްޓްރީއެއްގައި ސިޔާސީ މަގާމްތައް ފުރުއްވާ ބޭފުޅުންގެ ބެއްލެވުމުގެ ދަށުންނެވެ. މިނިސްޓްރީތަކާއި ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އަންނަނީ ގޭގެއަށް ގޮސްގެންނާއި އާއްމުކޮށް މީހުން އެއްވާ ތަންތަނަށް ފޯމު ހިފައިގެން ގޮސް ރަޖިސްޓްރީ ކޮށްދެމުންނެވެ.

ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންތަކެއް އިއްޔެ ވަނީ، ކުޑަކުދިންނަށް ޚާއްސަކޮށްފައިވާ އިސްކަންދަރު މައިޒާނާއި މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ވެސް ރަޖިސްޓްރޭޝަންގެ ފޯމު ފުރައިދީފަ އެވެ. ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ރަޖިސްޓްރީކުރާއިރު، އައިޑީކާޑުގެ ކޮޕީ ވެސް ބޭނުންވެ އެވެ. އެހެންވެ، ފޯމު ފުރައިދޭ މުވައްޒަފުން އެދެނީ، އެ މީހުން ދޭ ނަމްބަރަކަށް އައިޑީކާޑުގެ ކޮޕީ ފޮނުވައިދިނުމަށެވެ.

އަދި އިލެކްޝަންސް ކޮމިޝަނަށް ރަޖިސްޓްރޭޝަން ފޯމު ހުށަހަޅާއިރު އައިޑީކާޑުގެ ފޮޓޯ ކޮޕީ ހުށަހަޅާނެ ކަމުގެ ޔަގީންކަން ވެސް ދެ އެވެ.

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ކުރިއަށް ދަނީ: އިންތިޚާބުގެ ކެމްޕޭންގައި އެ ޕާޓީން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ވޯޓުލާ މީހުން ރަޖިސްޓްރީކުރުމަށް.

"މިހާރު" އަށް ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނިގޮތުގައި، ރީރެޖިސްޓޭޝަން ކުރިއަށް ގެންދަން އެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ އެންގެވުމަށް ވަކި ޚާއްސަ ޓީމެއް އޮންނަނީ އެކުލަވާލައިފަ އެވެ. އެ މިނިސްޓްރީއަކަށް ދީފައި އޮންނަ އަދަދަށް ފޯމު ފުރައިދިނުމަކީ އެ ޓީމުގެ ޒިންމާއެކެވެ.

ވޯޓުލާން ރަޖިސްޓްރީކޮށްދިނުމުގައި ސަރުކާރުގެ މުވައްޒަފުން ހަރަކާތްތެރިވަމުން މި އަންނަނީ، ވެރިކަން ކުރާ ޕީޕީއެމްގެ ކެމްޕޭނަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމަށް، ސަރުކާރުގެ މުވައްޒަފުން ރަސްމީ މަސައްކަތްތަކުން ވީއްލާފައިވާ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. ސަރުކާރުގެ މުވައްޒަފުން މި ފުރާ ފޯމުތައް ހަވާލުކުރަނީ، އިލެކްޝަންސް ކޮމިޝަނާތޯ ނުވަތަ ޕީޕީއެމްގެ އޮފީހާތޯ ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

އެ މަސައްކަތުގައި އުޅޭ ބައެއް މުވައްޒަފުން ބުނިގޮތުގައި ފޯމުތައް ހަވާލުކުރަން ޖެހެނީ އެ މިނިސްޓްރީއަކުން އެކަމަށް ކަނޑައަޅާފައިވާ ވަކި ޚާއްސަ ބޭފުޅުންތަކަކާ އެވެ.

އެކަމަކު އެ ފޯމުތައް ޕީޕީއެމްގެ ކެމްޕޭން ޓީމުތަކާ ހަވާލުކުރަމުން އަންނަ ކަމުގެ ތުހުމަތު ވެސް ކުރެ އެވެ. އިސްކަންދަރު މައިޒާންގައި، ރެޖިސްޓްރޭޝަން ފޯމުތައް ފުރި މުވައްޒަފުން ވަނީ، ރުމާލު2 ޖަގަހާގައި ޕީޕީއެމުން ރޭ ބޭއްވި އެކަމާ ގުޅޭ ބައްދަލުވުމުގައި ވެސް ބައިވެރިވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި، އެ ޕާޓީގެ އިސް ބޭފުޅުން ވާހަކަ ދެއްކެވީ ވެސް ވީހާ ވެސް ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން ރެޖިސްޓްރީކުރުވުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން ކަން ވެސް "މިހާރު" އަށް ވަނީ އެނގިފަ އެވެ.

ވޯޓުލާން ރަޖިސްޓްރީކުރުމުގައި ސަރުކާރު މުވައްޒަފުން ހަރަކާތްތެރިވުމުގެ އިތުރުން، ރަޖިސްޓްރޭޝަން ކުރިއަށް ގެންދަން އިލެކްޝަންސުން ކަނޑައެޅި ތަންތަނުގައި ޕީޕީއެމްގެ މޭޒުތައް ބަހައްޓާފައިވާ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ. އެކަމަކު މި ތުހުމަތު އެ ކޮމިޝަނުން ދޮގު ކުރެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ރީރެޖިސްޓްރޭޝަނަށް މޭޒުތައް ބަހައްޓަން އެ ކޮމިޝަނުން ހަމަޖެއްސި އެއްވެސް ތަނެއްގައި ޕީޕީއެމުގެ މޭޒެއް ބަހައްޓާފައި ނުވާ ކަމަށެވެ. އެ ކޮމިޝަނުން މިހާރު ރަޖިސްޓްރީކޮށްދެނީ ބާޖަމާލުއްދީން ސްކޫލާއި ވިލިމާލޭގައި ހުންނަ ފެރީ ޓާމިނަލްގައި ކަމަށް ވިދާޅުވި އެވެ.

"މީގެއިތުރުން ވޯޓުލާން ރެޖިސްޓްރީ ކުރަން ކޮމިޝަނުން ކަނޑައަޅާ ތަންތަން އިއުލާން ކުރާނެ،" އަކްރަމް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުން މާލޭގައި ރީރަޖިސްޓްރީ ކުރުމުގެ ހަރަކާތް ފެށުމަށް ބޭއްވި ހަރަކާތުގައި މަޖިލިސް ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ޖޭޕީ

އޭނާ ވިދާޅުވި ގޮތުގައި، ގޭގެއަށް ގޮސްގެންނާއި އެކި ތަންތަނުގައި މޭޒު ބަހައްޓައިގެން ރެޖިސްޓްރޭޝަންގެ ފޯމުތައް ފުރައިދިނުމަކީ އެ ކޮމިޝަނުން މަރުހަބާ ކިޔާ ކަމެކެވެ. ވޯޓުލާން ރަޖިސްޓްރީ ކުރުމުގައި އުޅޭ ސިޔާސީ ޕާޓީތަކާއި އާއްމު ފަރުދުންގެ މަސައްކަތަށް ކޮމިޝަނުން ހިތްވަރުދޭ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބަހައްޓާފައިވާ މޭޒުތަކުން ރަޖިސްޓްރީވާ މީހުންނަށް، ފޯމު ހުށަހެޅި ކަމުގެ ޔަގީން ކަމެއްގެ ގޮތުން ސްލިޕެއް ދޫކުރެ އެވެ. އެކަމަކު ޕާޓީތަކާއި މިނިސްޓްރީތައް މެދުވެރިކޮށް ރަޖިސްޓްރީވާ މީހުންގެ ސްލިޕް ލިބޭނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާ ފަރާތަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އޭގެއިތުރުން، ރަޖިސްޓްރީވެފައިވާ ނަމަ، ފޯމުގައި އެ މީހަކު ދީފައިވާ މޯބައިލް ނަމްބަރަށް މެސެޖްކުރާނެ ކަމަށާއި އެހެންކަމުން އެ މީހަކު އާއްމުކޮށް ބޭނުންކުރާ ނަމްބަރު ފޯމުގައި ޖަހަން އިލެކްޝަންސުން އެދެ އެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުން ރީރެޖިސްޓްރީ ވުމުގެ ފުރުސަތު އަންނަ މަހުގެ 11 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

7 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 2%
icon angry icon angry 94%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަސަނާ

22 July 2018

މަ އުޅޭ ކުންފުނިން ރީރެޖިސްޓްރޭޝަނޭ ކިޔާފަ އެންމެންގެ ފިންގަރ ޕްރިންޓާއި އެކު ފޯމުތައް ނެގި. އެކަން ކުރީ ސީދާ އެމްޑީ ސްޓާފުންނާ ބައްދަލުކޮށް އެވާހަކަ ދައްކާފަ. އެކަމުގައި އިސްކޮށް އުޅެނީ ޕީޕީއެމްގެ އެކްޓިވިސްޓަކަށް ވެގެން އުޅޭ މުވައްޒަފެއް ލައްވާ. އެސޮރަކީ ސެޓްފިކެޓެއް ނެތި ބޮަޑު މަޤާމެއް ދީފަ ހުރި ސޮރެއް!! އޮފީހުގަ އިދިކޮޅު މުވައްޒަފުންގެ ފޯމުތައް އެހެން ތަންތަނުގަ ރަޖިސްޓްރީ ކުރުވާ ގޮތަށް އޮތީ. ވަޒީފާއަށް ބިރުން އެމުވައްޒަފުން ފޯމުތައް ހަވާލުކުރީ

The name is already taken The name is available. Register?

ކުއާލާ

22 July 2018

ގިނަ މީހުން ވޯޓްލި ވަރަކަށް ރަނގަޅީ...

The name is already taken The name is available. Register?

ވޯޓް

22 July 2018

ތިޔައީ ތިޔަޕީޕީ އިން ކުރާކަންކަން ސައްހަކޮށްލީ. ލަދު. މިމަޅީގަނުޖެހި އަމއްލައަށް އިލެކްޝަނަށްގޮސް ރަޖިސްޓްރީ ވުން ބުއްދިވެރި

The name is already taken The name is available. Register?

ޓާޓާ

22 July 2018

ފުރާކޮންމެ ފޯމަކަށް ފުލެޓެއް ލިބެޔޯ.. އެހެންވީމާ ޖެންޑަރ މިނިސްޓްރީގެ ކުދިން ހޭބޯނާރާ ފޯމްފުރަނީ!!

The name is already taken The name is available. Register?

ގުއިސެއްޕެ

22 July 2018

ވޯޓު އޮޅުވާލުމަށް ސަރުކާރުން މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ނެރެނީ...

The name is already taken The name is available. Register?

ދދސދސދ

22 July 2018

ތިޔައީ ރާއްޖެތެރޭ 70 ހާސް މީހުންގެ ވޯޓު އޮޅުވާލަން މާލޭ ސަރުކާޜުން ކުރާ ހީލަތްތެރި މަސައްކަތެއް. ބޮޑުމީޙާ އޮފީހަށް ސީދާ ގެންގޮސް އެބަބުނޭ އަމިއްލައަށް ކުރާނަމޭ ބުނީމަވެސް އުހުން ތިމަންނަ މެންނޭ ކުރާނީ. ދެން އިލެކްޝަނަށް ގުޅީމާ ބުނީ ސިސްޓަމް ހަލާކުވެގެން އަދި ރަޖިސްޓްރީ ކުރިކަން ނޭގެނިއްޔޭ. މި ނޫހުންވެސް ރާއްޖެތެރޭ މީހުންނަށް ހިންގާ ޖަރީމާއާށް އެހެން ކިއަން ނުކުރެިގެން ތިޔަ އުޅެނީ.

The name is already taken The name is available. Register?

falaku ain

22 July 2018

ތިބުނީ ރަނގަޅަށް. އެފޯމްތައް ޕީޕީއެމް އަށް ގެންގޮސްގެން ފުރަތަމަވެސް ބަލާނީ ކޮންޕާޓީއެއްގެ ރަޖިސްޓްރީގައި އޮތް މީހެއްތޯ؟ އިދިކޮޅު ޕާޓީގެ ރަޖިސްޓްރީގައި އޮތިއްޔާ އެމީހެއްގެ ފޯމް އެހިސާބުން ގެއްލުނީ. ވޯޓުލާން ދާއިރު ނަމެއް ނޯންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454