"ސްޓީލިން ޕެރެޑައިސް" ދެއްކި މައްސަލާގައި މީޑިއާ ނެޓް ޖޫރިމަނާ ކުރީ ރަނގަޅަށް: ސިވިލް ކޯޓު

ދިވެހި ސަރުކާރާ މެދު ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށް، އަލްޖަޒީރާ އިން ގެނެސްދިން ޑޮކިއުމެންޓްރީ ކަމަށްވާ "ސްޓީލިން ޕެރެޑައިސް" ރީ-ބްރޯޑްކާސްޓްކުރި މައްސަލާގައި މީޑިއާ ނެޓް ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.


ސްޓީލިން ޕެރެޑައިސް ރީ-ބްރޯޑްކާސްޓް ކުރި މައްސަލާގައި އަބުރުގެ ގާނޫނުގެ ދަށުން މީޑިއާ ނެޓް ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް، މާފަށް އެދެން އެންގީ ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ. އެ ކޮމިޝަންގެ އެ ނިންމުން ބާތިލްކުރަން ދައުވާ ކުރީ މީޑިއާ ނެޓުންނެވެ.

އެ މައްސަލާގައި، މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމް ގައި ވަނީ މީޑިއާ ނެޓުން ރީ-ބްރޯޑްކާސްޓް ކުރި ޑޮކިއުމެންޓްރީ އަކީ އަބުރުގެ ގާނޫނުގެ ދަށުން ގައުމުގެ ސިޔާދަތާއި އިސްތިގުލާލަށް ގެއްލުން ހުރި ކޮންޓެންޓްތަކެއް ހިމެނޭ ޑޮކިއުމެންޓްރީއެއް ކަން، ހުށަހަޅާފައިވާ ލިޔުންތަކާއި ދެ ފަރާތުގެ ބަހުން ސާބިތުވާ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި މީޑިއާ ނެޓް ޖޫރިމަނާކޮށް، މާފަށް އެދުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެންގި އެންގުމަކީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށް ކަނޑައެޅެން ނެތް ކަމަށް ވެސް ގާޒީ އަލީ އަބްދުﷲ ކުރެއްވި އެ ހުކުމުގައިވެ އެވެ.

ބައިނަލްއަގްވާމީ ދެ އެވޯޑެއް ލިބުނު "ސްޓީލިން ޕެރެޑައިސް" ގައި ދިވެހި ސަރުކާރުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އަދި ސަރުކާރުގެ ބައެއް ވެރިންގެ މައްޗަށް މަނީލޯންޑްރިންގެ ތުހުމަތުތަކެއް ވެސް އެ ޑޮކިއުމެންޓްރީ ގައި ކޮށްފައި ވެ އެވެ.