ހިތަދޫ ގައި ހިންގި މާރާމާރީ އަކަށް ފަހު ސައިކަލެއްގައި ރޯކޮށްލައިފި

އައްޑޫ ހިތަދޫގައި، މިރޭ ގުރޫޕް މާރާމާރީއެއް ހިންގުމަށް ފަހު، އެ ރަށުގައި ސައިކަލެއްގައި ރޯކޮށްލައި އަންދާލައިފި އެވެ.


މީގެ ގަޑިއެއްހާ އިރު ކުރިން، ހިތަދޫ ބޮޑުމަގުގައި ސައިކަލެއްގައި ރޯކޮށްލާފައިވާއިރު، އެ ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. ސައިކަލްގައި ރޯކުރުމުން، އަނދަމުންދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ފޭސްބުކްގައި ބައެއް މީހުން އާންމު ކޮށްފަ އެވެ.

ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ސައިކަލްގައި ރޯކޮށްލީ، ދުއްވާފައި ދަނިކޮށް ހުއްޓުވުމަށް ފަހު އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ހިތަދޫގެ ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާރީގައި ދެ މީހަކު ޒަހަމް ވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ވެ އެވެ.

ނަމަވެސް އެއްވެސް މީހަށް ސީރިއަސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

މިރޭގެ ހާދިސާއާ ގުޅިގެން 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ކަށަވަރުކޮށްދެ އެވެ. ނަމަވެސް، ހަމަނުޖެހުން ހިންގި ސަބަބެއް އަދި ސާފެއް ނުވެ އެވެ.