ފާނަ ބަސަންދު ފެތުރެނީ، ވެކްސިނެއް ނެތް!

ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ "ފާނަ ބަސަންދު" ފެތުރެމުންދާއިރު އެ ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ރާއްޖޭގައި ނެތް ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.


ހަށިގަނޑުގައި ގިނަ އަދަދަކަށް ބިހި ނަގައި، އަދި ގަދަ ހުން އަންނަ އެ ބަލިން ރައްކާތެރިވުމަށް ޖަހަނީ "ޗިކަންޕޮކްސް އެންޓިބޮޑީޒް" މާއްދާ ހިމެނޭ ވެކްސިނެކެވެ. އެ ވެކްސިން ދޭން ޖެހެނީ ބިހިތަކާއި ފޮޅުތައް ނަގަން ފެށުމުގެ ކުރިންނެވެ.

ފާނަ ބަސަންދު ޖެހިފައިވާ މީހަކާ އެކު އުޅޭ ބަޔަކަށް ނުވަތަ ކުޑަކުދިންނަށް އެ ވެކްސިން އާންމުކޮށްދީ ހަދަ އެވެ. އެއީ ފަސޭހައިން ގައިންގަޔަށް އަރާ އެ ބަލިން ދުރާލައި ސަލާމަތްވެ ތިބުމަށެވެ.

އެ ވެކްސިން ޖެހުމަށް އައިޖީއެމްއެޗާއި އޭޑީކޭ އަށް ދިއުމުން ބުނަނީ ވެކްސިން ގަނެގެން ގެނައުމުން ޖަހައިދޭ ކަމަށާއި ހޮސްޕިޓަލުގައި ނެތް ކަމަށެވެ. އަމިއްލަ ކްލިނިކްތަކާއި ދަމަނަވެށިން ވެސް ބުނީ އެ ވެކްސިން މިހާރު ނެތް ކަމަށެވެ.

ރާއްޖެ އަށް އެންމެ ފުޅާދާއިރާއެއްގައި ބޭސް އެތެރެކުރާ، އެސްޓީއޯއިން ބުނީ ފާނަ ބަސަންދުގެ ވެކްސިން ސްޓޮކް ހުސްވެފައިވާ ކަމަށެވެ. ލިބޭނެ ވަކި ދުވަހެއް އެތަނަކުނ ނުބުނެ އެވެ.

ރާއްޖެއަށް ބޭސް އެތެރެކުރާ ބޮޑުތި އެހެން ކުންފުނިތަކުން ބުނީ އާންމުކޮށް އެ ވެކްސިން އެތެރެކުރަނީ އެސްޓީއޯ އާއި އޭޑީކޭއިން ކަމަށެވެ. އެ ދެ ކުންފުނީގައި ވެސް ވެކްސިން ސްޓޮކެއް ނެތެވެ.

"ސްޓޮކް ހުރީ ހުސްވެފައި. ލިބޭނެ ސީދާ ދުވަހެއް އަދި ނޭންގެ،" އޭޑީކޭ އިން ވެސް ބުންޏެވެ.

ބައެއް ބަލިތަކަށް ދޭ ވެކްސިންތަކަކީ ސަރުކާރުގެ ވެކްސިން ޕްރޮގްރާމްގެ ދަށުން ދެމުން އަންނަ އެއްްޗެކެވެ. އޭގެ ސްޓޮކް ސަރުކާރުން ބަލަހައްޓައި އާންމުންނަށް ފޯރުކޮށްދެ އެވެ.

އެކަމަކު އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވީ ފާނަ ބަސަންދަށް ޖަހާ ވެކްސިނަކީ ސަރުކާރުގެ ވެކްސިން ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ވެކްސިނެއް ނޫން ކަމަށެވެ. އެހެންކަމުން އެ ވެކްސިން އެތެރެކޮށް ވިއްކުން، ބޭސްއެތެރެ ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް ހުޅުވާލާފައި އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.