މައުލޫމާތު ބަދަލުވާ އައިޑީ ކާޑު ހެދުން މިވަގުތަށް ވަނީ މެދުކަނޑާލާފައި-- މިހާރު ފޮޓޯ: ހުސެން ވަހީދު
24 ޖުލައި 2018 - 10:24
މައުލޫމާތު ބަދަލުވެގެން އައިޑެންޓިޓީ ކާޑު ހައްދައިދިނުން، ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު މެދުކަނޑާލައިފި އެވެ.
ޑީއެންއާރުން ކުރި އިއުލާނެއްގައި ބުނީ މައުލޫމާތަށް ބަދަލު ގެންނަންޖެހޭ އައިޑީ ކާޑު ހައްދައިދިނުން މެދުކަނޑާލީ، ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިހާރު އެކުލަވާލާފައިވާތީ، މައުލޫމާތަށް އަންނަ ބަދަލެއްގެ ސަބަބުން ވޯޓު ނުލެވިދާނެތީ ކަމަށެވެ.
ވޯޓާސް ލިސްޓުގައި އޮންނަ ގޮތާ ހިލާފަށް، މީހެއްގެ ނަމާއި އެޑްރެހާއި އުފަން ތާރީހު ބަދަލުވެއްޖެ ނަމަ ވޯޓުލުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
"މިގޮތަށް ނިންމަން ޖެހުނީ ކުރިއަށް އިންތިހާބުގައި ދިވެހި އެއްވެސް ރައްޔިތަކަށް ވޯޓުލުމުގެ ހައްގު ގެއްލިގެން ނުދިޔުމަށްޓަކަ އެވެ." ޑީއެންއާރުގެ އިއުލާނުގައި ބުނެފައި ވެ އެވެ.
މައުލޫމާތު ބަދަލުވާ އައިޑީ ކާޑު ހަދައިދިނުން މި ވަގުތަށް މެދުކަނޑާލި ނަމަވެސް، އިންތިހާބުގެ ފަހުން އެ ހިދުމަތް އަލުން ދޭނެ ކަމަށް އެތަނުން ބުންޏެވެ.
އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓު އާއްމުކޮށްފައިވާއިރު، އެޑްރެހާއި ނަން ބަދަލުވެގެން ދެން އެ ލިސްޓަށް ބަދަލެއް ނުގެނެވޭނެ އެވެ. އެކަމަކު ފްލެޓަކަށް ބަދަލުވެގެން ނުވަތަ ދަފްތަރުގައި ރަޖިސްޓްރީވެ، އެޑްރެސް ބަދަލު ވެގެން ގިނަ ބަޔަަކު އައިޑީ ކާޑު ބަދަލުކުރަން މިދުވަސްކޮޅު އަންނަ ކަމަށް ޑީއެންއާރުން ވަނީ ބުނެފަ އެވެ.
އެހެންވެ، އެ ފަދަ މީހުންނަށް ވޯޓު ނުލެވުމުގެ ޒިންމާ ނުނަގަންވެގެން، ޑީއެންއާރުން ކުރިން އައިޑީކާޑު ހައްދައިދެނީ، ވޯޓު ނުލެވުނަސް މައްސަލައެއް ނެތް ކަމަށް އިގްރާރެއްގައި ސޮއިކުރުވުމަށް ފަހު އެވެ.
"ވޯޓާސް ލިސްޓާ ގުޅޭ މައުލޫމާތު އެއްކޮށް، އެކަމުގެ މަސައްކަތް ކުރަނީ އަޅުގަނޑުމެންނެއް ނޫން. އެހެންވީމަ، ލިސްޓުގައި (އަލުން ހައްދާ ކާޑާ އެއްގޮތަށް) އެ މީހެއްގެ ނަމާއި އެޑްރެސް އޮންނާނެއެކޭ އަޅުގަނޑުމެންނަކަށް ނުދެންނެވޭނެ. އެހެންވެ، ލިސްޓުގައި ނަން ނެތިގެން އެ މައްސަލަ ޖެއްސިޔަސް އަޅުގަނޑުމެން ކުރާނެ ކަމެއް ނޯންނާނެތީ، މި ފަދަ އިގްރާރެއްގައި ސޮއިކުރަން ދެނީ،" ޑީއެންއާރުގެ ޑިރެކްޓަރު ފަރީދާ ޔޫސުފް ވިދާޅުވި އެވެ.
މި މަހު 1 ގެ ފަހުން ރަށްވެހިކަން ބަދަލުކުރާ މީހުންނަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ގެއްލިދާނެތީ، ރިޔާސީ އިންތިޚާބާ ހަމައަށް ރަށްވެހިކަން ބަދަލު ނުކުރަން އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު، އޭގެ ފަހުން ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ. އެކަމަކު ދަފްތަރުގައި ޖެހުނު ކަމުގައި ވިޔަސް، އިންތިހާބުގެ ކުރިން އެ މީހެއްގެ އެޑްރެސް ބަދަލު ނުވާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލީ
24 July 2018
ތިއީ ޕީ.ޕީ އެމުން ނިންމާފައިވާ ނިންމުން . ކާޑު ޔުނިޓުން ހަމަ ނިންމާލީ. ކާޑުޔުނިޓުވެސް ކުލަޖެހިފަ ތިއޮތީ. ސަރުކާރުން ބުނާހާ ކޮންމެ ގޮތަކަށް ކަންތައްތައް ކުރަން ތިތަންވެސްއޮތީ. މާރިޔާ ދޭބަލަ އަވަހަށް ކޯޓަށް. ވަރަށް ސަލާމް
ފަރީ
24 July 2018
ތިކަން ތިގޮތަށް ތިނިންމެވީ ވެރިކަންކުރާ ޕާޓީން ބޭނުންވީމަ އެމީހުންގެ ބޭނުންތަށް ނިމުމުން. ތިއީ ކަނޑައެޅިގެން ރައްޔިތުންނަށް ދިން ބޮޑިއެއް
މަރޭމިތުރާ
24 July 2018
[[ވޯޓަކީ މިގައުމުގެ އެންމެ އަގުބޮޑު އަމާނާތެއް! ވޯޓައް ހުރަސްއެޅުމީ މިގައުމަށްވާ ހިޔާނާތެއް!]]
އައިޝާ
24 July 2018
އަހަރެން އަދި ނުދެކެން ދުވަހަކުވެސް މިހާމޮޅަށް މިހާރީރިކޮށް ލިޔާކުއްޖެއް. ސިޔާސީ ޅެންވެރިކަން ދިވެހިބަހުން.
ސައްލޭސައްލޭ
24 July 2018
މަދެކުނިން އިހުގެ އަދީބުންގެ ޅެންތައް
މަރޭމިތުރާ
24 July 2018
ވޯޓްލުމުގެ ހައްގު ހޯދައިދިނުމީ މުޅިގައުމަށް އޮތްކަމެއް! ވޯޓައް ދަތިވާހާކަންކަން ނައްތައިދިނުމީ ސަރުކާރަށްއޮތްކަމެއް!