މިދިޔަ އޭޕްރީލް މަހު ހުޅުވި ފެއާމޮންޓް ސިއްރު ފެންފުށީގެ ހާއްސަކަން މީގެ ކުރިން މީހުން ސިފަ ކުރަނީ އެ ރިސޯޓުގައި ހުންނަ 200 މީޓަރުގެ ދިގު ސްވިމިންޕޫލާ ގުޅުވައިގެންނެވެ. އެކަމަކު 120 ލަގްޒަރީ ވިލާގެ މި ރިސޯޓުގެ މޫދުގައި މިހާރު އެއަށް ވުރެ ހާއްސަ ތަނެއް ހުރެ އެވެ. ދުނިޔޭގެ ފުރަތަމަ މޫދު ސްކަލްޕްޗާ ގެލަރީ މިދިޔަ އާދިއްތަ ދުވަހު ހުޅުވި އިރު، މި ތަނަށް ދުނިޔޭގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ.
އިނގިރޭސިވިލާތުގެ އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސްގެ ހިޔާލާ އެއްގޮތަށް އުފެއްދި މި ގެލަރީ ނުވަތަ އެގްޒިބިޝަން ހުންނަނީ ސިއްރު ފެންފުށީގެ ފަޅުތެރޭގަ އެވެ. މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން މިތަނުގައި ދައްކުވައިދީފައިވަނީ އިންސާނުންނާ ވައްތަރު ގޮތަށް ހަދާފައި ހުރި ބުދުތަކާއި އޭގައި ހަރުކޮށްފައިވާ މުރަކަތަކުންނެވެ.
ކޮރަލޭރިއަމްގެ ނަން ދީފައިވާ މިތަން ހަދާފައި ހުންނަނީ، ހަ މީޓަރު ހުންނަ ދަގަނޑު ފޮއްޓެއްގެ ގޮތަށެވެ. އޭގެ ތަންތަންގަނޑު ކަނޑައިގެން، ފެނާއި ވައި ދައުރު ވާނެ ގޮތަށް ހަދާފައިވާ މި ފޮށީގެ ބޮޑުބައި ހުންނަނީ ފެނުން މަތީގަ އެވެ. އަދި ބިޔަ މި ފޮށީގެ މަތީގައި ވެސް ބުދުތައް ބަހައްޓާފައި ހުރި އިރު، ފޮށީގެ އެތެރޭގައި، ދެ ފެން ދޭތެރެ އާއި މޫދު އަޑީގައި ވެސް ބުދުތައް ހުރެ އެވެ.
ދިވެހިން ސިފަވާ ގޮތަށް، އެ މީހުންގެ ބައްޓަމަށް ހަދާފައި ހުރި މި ބުދުތަކުގައި މުރަކަ ހަރުކޮށްފައި ހުންނައިރު، އެ ބުދުތައް ވަށައިގެން މަސްތައް ހަރަކާތްތެރިވާ މަންޒަރު ވަރަށް ހިތްގައިމެވެ.
މިތަން ތައްޔާރު ކުރި ޑިކެއާސް ބުނިގޮތުގައި ސްކަލްޕްޗާތައް ހަދާފައި ހުރީ ގުދުރަތީ ނިޒާމާ އިންސާނުން ގުޅިފައިވާ މިންވަރު ދައްކުވައިދިނުމަށް، މޫލާފައި ތިބި ބައެއްގެ ގޮތުގަ އެވެ. މިއީ ނުވަ މަސް ދުވަހުގެ މަސައްކަތެވެ.
މޫދުގެ މާހައުލާ ގުޅޭގޮތަށް މިތަން ތައްޔާރުކޮށްފައި ވަނީ މެރިން އިންޖިނިއަރުންނާއި ޑައިވަރުންނާއި ވެލްޑަންކުރާ މީހުންގެ އެހީގަ އެވެ. މޫދުގައި ބިޔަ ފޮއްޓާއި ސްކަލްޕްޗާތައް ބަހައްޓާފައި ވަނީ ކްްރޭން ފަދަ ތަކެތި ބޭނުން ކޮށްގެންނެވެ.
މި ގެލަރީ ބަލާލަން ދާން ޖެހެނީ ސިއްރު ފެންފުށީގެ މެރިން ބަޔޮލޮޖިސްޓުންްގެ ޓީމަކާ އެކު އެވެ. އެ މީހުންޏާ އެކު އެތަނަށް ފީނާލުމުން، އެ ގެލަރީގެ ތަފްސީލާއި އެއިން ދައްކުވައިދޭ މާނަ އެ މީހުން ކިޔައިދޭނެ އެވެ.