ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ނިންމި ނިންމުން ބާތިލް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް މިއަދު އިއްވުމަށް އެ ކޯޓުގައި ތާވަލްކޮށްފި އެވެ.
މި މައްސަލަ ތާވަލް ކޮށްފައި ވަނީ މިއަދު ހެނދުނު 11:00 އަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ކަނޑައަޅާފައި ވަނީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެ ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވިޔަސް، އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އެ އަމުރުގައި ކަނޑައެޅި އެވެ.
އެކަމަކު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ 12 މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލަން އަމުރުކޮށްފަ އެވެ.
އެ އަމުރުގެ އެ ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމް އިއްވަން މިދިޔަ ބުރާސްފަތި ދުވަހު ވެސް ތާވަލް ކުރި އެވެ. އެކަމަކު، ފަހުން ވަނީ އަޑުއެހުން ކެންސަލް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފެބްރުއަރީ މަހުގެ އަމުރުގައި އެ ކޯޓުގެ ކުރީގެ ހުކުމް ބާތިލް ކަމަށް ކަނޑައެޅި ފަހުން މަޖިލީހުން މިހާރު ވަނީ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަންގެ ގާނޫނެއް ފާސްކޮށްފަ އެވެ. އެފަދަ ގާނޫނެއް ހަދަން ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމުގައި ބުނެފައިވެ އެވެ.
ރައްޔިތުން އިންތިޚާބު ކުރި ބަޔަކު މަޖިލިހަށް ނުވަދެވި އުޅޭތާ މިހާރު އަހަރެއް ވެއްޖެ އެވެ. އޭގެ ތެރެއިން، ބައެއް މެމްބަރުންގެ ވަކިވަކި މައްސަލަތަކެއް ވެސް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެކަމަކު އެއިން އެއްވެސް މައްސަލައެއްގައި ހުކުމެއް އަދި ނީއްވަ އެވެ.