އިހަވަންދޫގެ ހަތަރު ކައުންސިލަރެއްގެ ފޯނު ހިފަހައްޓައިފި

ހއ. އިހަވަންދޫގެ ހަތަރު ކައުންސިލަރެއްގެ ފޯން، ކޯޓު އަމުރަކުން ފުލުހުން މިއަދު ހިފަހައްޓައިފި އެވެ.


"ވީ ގޮތެއް ނޭނގޭ. ކޯޓު އަމުރު ދައްކާފައި، ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ފޯނު އަތުލީ،" ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުން ފަދަ މައްސަލަތަކުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ން މީގެ ދެ މަސް ކުރިން ސަސްޕެންޑް ކޮށްފައިވާ އެ ކައުންސިލަރުންގެ ފޯނު ފުލުހުން ހިފެހެއްޓި މައްސަލާގައި، ކައުންސިލް މެމްބަރު މުހައްމަދު މަފާޒް "މިހާރު" އަށް ވިދާޅުވި އެވެ.

ފަސް ކައުންސިލަރުންގެ ތެރެއިން، ފުލުހުން ނުގެންދަނީ މަފާޒްގެ މޮބައިލް ފޯން އެކަންޏެވެ. ސަބަބެއް ކަމަށް ބުނީ އޭނާ ގެންގުޅެނީ ސްމާޓް ފޯނަކަށް ނުވާތީ އެވެ.

މިދިޔަ މޭ މަހުގެ 31 ވަނަ ދުވަހު، އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑު ކޮށްފައި ވަނީ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމުގައި އިހުމާލުވުން ފަދަ ކަންތައްތައް ހިމެނޭ ކަމަށް ތުހުމަތުކޮށްފަ އެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގައި ދިމާވި މައްސަލަތަކަކާ ގުޅިގެން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް އެ ކައުންސިލަރުން ވަނީ ތިން މަހަށް ސަސްޕެންޑު ކޮށްފަ އެވެ. އިދިކޮޅު އެމްޑީޕީގެ އެ ފަސް މެމްބަރުން، ދެ ފަހަރު ވެސް ސަސްޕެންޑް ކުރީ މުސާރަ ނުލިބޭ ގޮތަށެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އެލްޖީއޭގެ އޮފިޝަލަކު ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ ކައުންސިލަރުން ދިޔައީ ތަކުރާރުކޮށް ރައްޔިތުންނަށް ޖެއްސުން ކުރަމުންނެވެ.

އެލްޖީއޭ އިން ވަނީ އިހަވަންދޫގެ ކައުންސިލަރުން ތިން ވަނަ ފަހަރަށް ސަސްޕެންޑް ކުރަން ޖެހިއްޖެ ނަމަ އެ ކައުންސިލް އުވާލަން ހައި ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.