ށ. މިލަންދޫ ސްކޫލްގެ ދަރިވަރުންނަށް ދޫކުރި ޓެބްލެޓްތައް އަނބުރާ ސްކޫލާ ހަވާލުކުރުމަށް އެ ތަނުން އިއްޔެ އަންގައިފި އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، މިލަންދޫ ސްކޫލްގެ ދަރިވަރުންނަށް މިދިޔަ މަހު ދޫކުރި ޓެބްލެޓްތައް އަނބުރާ ސްކޫލާ ހަވާލު ކުރުމަށް އެންގީ، ކިޔެވުން ނޫން އެހެން ބޭނުންތަކަށް ސްކޫލް ވަގުތުގައި ޓެބްލެޓްތައް ބޭނުން ކުރަމުން ދާތީ ކަމަށެވެ.
"އެ ކުދިން ޓެބްލެޓްތައް ސްކޫލަށް ގެންގޮސް، ކިޔެވުމާ ނުގުޅޭ ވީޑިއޯތައް ބަލައި، ގޭމް ކުޅުން ފަދަ ކަންތައް ކުރާތީ، އެހެން ވެގެން އެ އެއްޗެހި އަންބުރާ ގެންދަން އެނގީ،" ޝިޔާމް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ޓެބްލެޓް ބޭނުން ކޮށްގެން ކިޔަވައިދޭ އިރު، ކުދިންނަށް ވަދެވޭނީ ކަނޑައަޅާފައިވާ ވަކި ވެބްސައިޓް ތަކަކަށް ކަމަށެވެ.
ރާއްޖޭގެ ސްކޫލްތަކުގެ ހުރިހާ ދަރިވަރުންނަށް މި އަހަރުގެ ދެ ވަނަ ޓާމުން ފެށިގެން ޓެބްލެޓް ބޭނުން ކޮށްގެން ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވީ ނަމަވެސް ހުރިހާ ސްކޫލްތަކަކަށް ޓެބްލެޓްތައް ބަހައެށް ނުނިމެ އެވެ.
ނަމަވެސް، އެ މިނިސްޓްރީން މިހާރު ވަނީ ގްރޭޑް 1-12 އަށް ކިޔަވައިދޭ 8،459 ޓީޗަރުންނާ ޓެބްލެޓް ހަވާލުކޮށްފަ އެވެ. އަދި އެ ބޭނުން ކުރާނެ ގޮތާ މެދު ޓީޗަރުންނާއި ބެލެނިވެރިން އަހުލުވެރި ކުރުވަން ވެސް ތަފާތު ޕްރޮގްރާމްތައް ހިންގާފައި ވެ އެވެ.