ނުހެދި ހުރި ރިސޯޓްތަކަށް ލޯނު ހަމަޖައްސައިދޭނަން: އިބޫ

ފައިސާގެ ދަތިތަކާ ހެދި، މިހާތަނަށް ނުނިންމި ހުރި ރިސޯޓުތަކުގެ ވެރިންނަށް ލޯނު ލިބޭނެ ގޮތްތަކެއް، އިދިކޮޅު ކޯލިޝަނެއްގެ ވެރިކަމުގައި ހަމަޖައްސަވައިދޭނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.


ލ. އާއި ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި، ވޭމަންޑޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މުޅި ރާއްޖެ އަށް ޓޫރިޒަމް ފުޅާ ކުރަން ޖެހިފައިވާ ކަމަށެވެ. އަދި، ރިސޯޓް ހެދުމަށް މިހާރު 160 ރަށް ދޫކޮށްފައިވާ އިރު ފައިސާގެ ތާށިކަމާ ހެދި އެ ތަންތަން ނުނިމޭ ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި މި ފަރާތްތަކަށް ފައިސާ، ލޯނު ލިބޭނެ އެކި ގޮތްގޮތް ހޯދައިދީ އެ ރަށްތައް މާކެޓަށް ނެރެވޭނެ ގޮތްތައް ހަދައިދޭނަން،" އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ އަމާޒަކީ ޖަޒީރާ ގައުމެއް ތަރައްގީ ކުރުންކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ވޭމަންޑު އާއި ގުޅިފައިވާ ރަށްތައް ގުޅުވާލާ ދޭނެ ކަމަށެވެ.

ވޭމަންޑުއާ އެއް ފަޅެއްގެ ތެރޭގައި ކިނބިދު އާއި އެލާ ކިޔާ ފަޅު ރަށެއް އޮވެ އެވެ. މި ތިން ރަށް ގުޅައިލަދިނުމަށް ވޭމަންޑޫ ރައްޔިތުންގެ ފަރާތުން މިއަދު ވަނީ އިބޫ އަށް ހުށަހަޅައިފަ އެވެ.

މި ރަށުގައި 1300 މީހުންގެ އާބާދީއެއް އޮންނަ އިރު ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމް ގާއިމް ކޮށްފައިނުވާތީ އެކަން އިދިކޮޅުގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުން ފަށާފައިވާ ދަތުރުފަތުރުގެ ނިޒާމު އެއަށް ވުރެ ތަރައްގީ ކުރައްވާނެ ކަމަށްވެސް އިބޫ މިއަދު ވިދާޅުވި އެވެ.