ހުޅުމާލޭގެ މާރާމާރީގައި ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސް

ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި މާރާމާރީގައި ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސް ކަމަށް އެ އާއިލާ އިން މިއަދު ބުނެފި އެވެ.


ބޮލުގައި ދަގަނޑުބުރިއަކުން ޖެހުމުން ހާލު ސީރިއަސްވެ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ އިސްމާއިލް ނާދިރު، 22، އަށެވެ.

އެ އާއިލާ އިން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި ނާދިރުގެ ބޮލުގައި ދަގަނޑުބުރިއަކުން ޖެހީ އަތިރިމަތީގައި އެކަނި ހުއްޓަ އެވެ. ހަމަލާ ދިނުމާއެކު އެރޭގެ 9:30 ހާއިރު އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި އެވެ. ނަމަވެސް އެ ތަނުގައި ނިއުރޯސާޖަންއެއް ނެތުމުން އާއިލާ އިން ފުރަތަމަ މަސައްކަތް ކުރީ ނާދިރު އޭޑީކޭ އަށް ގެންދާށެވެ.

"އޭޑީކޭ އަށް ބަދަލުކުރަން އުޅުނީ، އެކަމަކު އެތަނުގެ ޑޮކްޓަރުން ލަފާދިނީ މި ވަގުތަށް އެންމެ ރަނގަޅު ވާނީ ޓްރީ ޓޮޕަށް ގެންދިޔައިއްޔާއޭ. އެހެންވެ އެ ރޭ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށީ،" އާއިލާ އިން ވާހަކަދެއްކި މީހަކު ބުންޏެވެ.

ޓްރީ ޓޮޕަށް ބަދަލުކޮށް ނާދިރުގެ ސިކުނޑީގެ ދެ އޮޕަރޭޝަނެއް ކުރި އެވެ. ނަމަވެސް ސިކުނޑި ދުޅަވެފައި ވާތީ ނާށިގަނޑު ވަނީ ނަގައިފަ އެވެ.

"ކްރިޓިކަލް ހާލަތެއްގައި މިހާރު އޮތީ، ހޭނައްތާފައި ނާށިގަނޑު ނަގާފައި. އެހެންވެ ސިކުނޑީގެ ދުޅަ ކުޑަވުމުން ނާށިގަނޑު ލައްވައި ހޭލައްވާނެ ކަމަށް ޑޮކްޓަރުން ވިދާޅުވި،" ހުޅުމާލޭގައި ހިންގާ ވޯޓާ ސްޕޯޓްސް ސެންޓަރެއްގައި މަސައްކަތް ކުރަމުން އަންނަ ނާދިރުގެ ހާލަތާ ގުޅޭ ގޮތުން އާއިލާ އިން ބުންޏެވެ.

އޭނާގެ ފަރުވާ އަށް މިހާރު ވެސް ލައްކައަކަށް ވުރެ ގިނަ ރުފިޔާ މިހާރު ވަނީ އަރައިފަ އެވެ. ފަރުވާ އަށް އިތުރު މަހެއްވަރު ހޮސްޕިޓަލްގައި މަޑުކުރަން ޖެހޭނެތީ އާއިލާ އިން މިހާރު ވަނީ އާއްމުންގެ އެހީ އަށް އެދިފަ އެވެ. އެހީވުމަށް ނާދިރުގެ މަންމަ، އާމިނަތު ދީދީގެ ބީއެމްއެލް އެކައުންޓް ނަމްބަރު (7715119642101) އަށް ފައިސާ ފޮނުވައިދިނުމަށް އާއިލާ އިން އެދެ އެވެ.

އެ މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ސާފެއް ނުވެ އެވެ.