އަބުރުގެ ބިލުގައި އިސްތިއުނާފް ކުރެވޭ ގޮތް ބަދަލުކޮށް، ޖޫރިމަނާއާ މެދު ވިސްނަން ޖެހޭ: ބައެއް މެމްބަރުން

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގައި އިސްތިއުނާފް ކުރެވޭ ހާލަތް ހަނިކޮށްފައި އޮތް އޮތުން ބަދަލުކޮށް، ބިލުގައި ބުނާ ޖޫރިމަނާގެ އަދަދާ މެދު ވިސްނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.


އަބުރުގެ ބިލު ފަރުމާކޮށްފައި އޮތް ގޮތުން މީޑިއާތައް ޖޫރިމަނާ ކުރުމުގެ ބާރު މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާއަށް ވަނީ ދީފަ އެވެ. އެގޮތުން އަބުރާ ބެހުނުކަން ސާބިތުވެއްޖެނަމަ، 50،000ރ. އާއި ދެ މިލިއަން ރުފިޔާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ނަމަވެސް ޖޫރިމަނާ ކުރި މައްސަލަ ޝަރުއީ ކޯޓެއްގައި އިސްތިއުނާފް ކުރެވޭނީ، ޖޫރިމަނާ ފައިސާ ދެއްކުމަށް ފަހު އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިގެން މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާއަކުން މައްސަލަ ކޯޓަށް ހުށަހަޅަފިނަމަ، ތިން މަހާއި ހަ މަހުގެ މުއްދަތަކަށް ޖަލަށްލެވޭނެ އެވެ. ނަމަވެސް އަބުރާ ބެހުނު ކަން ކޯޓުގައި ސާބިތުނުވާ ކަމަށް ހުކުމްކޮށްފިނަމަ، ޖޫރިމަނާ ފައިސާ ރީފަންޑު ކުރެވޭނެ އެވެ.

އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ މެމްބަރު މާރިޔާ އެ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަނީ: ޖޫރިމަނާގެ އަދަދު ބޮޑުކަމާއި އިސްތިއުނާފް ކުރެވޭ ހާލަތް ހަނިކޮށްފައި އޮތުމުން ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އަބުރުގެ ބިލު ދިރާސާ ކުރާ ވަގުތީ ކޮމެޓީގެ މެމްބަރު އަދި ކެޔޮދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު މޫސާ ނިޒާރު ވިދާޅުވީ އިސްތިއުނާފް ކުރުމުގެ ހައްގު ނުލިބި އޮތުމަށް ތާއީދު ނުކުރައްވާނެ ކަމަށާއި އެކަން ކޮމެޓީން އިސްލާހު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ބޮޑުވީމަ އެކަމާ މެދު ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މޫސާ ނިޒާރު ވިދާޅުވީ ބިލު އޮންނަން ޖެހޭނީ ނޫސްވެރިންނަށް ވެސް މިނިވަންކަމާއެކު ހިޔާލުފާޅުކުރެވި، ދިވެހި އެއްވެސް ރައްޔިތެއްގެ އަބުރާއި އިއްޒަތް ނުގެއްލޭ ގޮތަށްކަން މީޑިއާ ކައުންސިލުން ވެސް ގަބޫލު ކުރާ ކަމަށެވެ. އެހެންވެ، މީޑިއާތަކަށް އެ ފުރުސަތު ފަހިކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނޭޅޭ ގޮތަށް، ދިވެހި ރައްޔިތުންގެ އަބުރާއި ކަރާމާތް ނުގެއްލި އޮތުމަށް ތިޔަބޭފުޅުން [މީޑިއާ ކައުންސިލުން] ވެސް ތާއީދު ކުރައްވާނެ،" މޫސާ ނިޒާރު ވިދާޅުވި އެވެ.

ބިލު ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވި ގޮތުގައި މީޑިއާ ކައުންސިލުން ހުށަހެޅި ކަންކަމަށް ކޮމެޓީން ރިއާޔަތް ކުރާނެ އެވެ. އަދި ކަމާއި ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ބިލަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ މެމްބަރު ޖައުފަރު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: މީޑިއާ ކައުންސިލްގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކަމާ ބެހޭ މުއައްސަސާތަކާ ބައްދަލުކޮށް، ލިބޭ މައުލޫމާތުގެ އަލީގައި، އަޅުގަނޑަށް ޔަގީންކަން އެބައޮތް ބިލަށް ބަދަލުތަކެއް ގެނެވޭނެ ކަމުގެ،" ޖައުފަރު ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރު ހުސައިން ހަސަން ވިދާޅުވީ ނޫސްވެރިން އިސްތިއުނާފް ކުރުމުގެ ކުރިން ޖޫރިމަނާ ފައިސާ ދައްކަން އޮތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި މި އުސޫލު އޮންނަނީ ދައުލަތަށް އާމްދަނީ ހޯދުމުގެ ގާނޫނުތަކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން [ނޫސްވެރިން] މަޖުބޫރު މި ކުރަނީ ޖަލަށް ދާން، އަޅުގަނޑުމެންނަށް ފައިސާއެއް ނުދެއްކޭނެ. ޒުވާން ނޫސްވެރިން ޖަލަށް ދިޔައީމަ މެމްބަރުންނާ މެދު ނަފްރަތު އުފެދޭނީ،" ހުސެއިން ވިދާޅުވި އެވެ.

މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މާރިޔާ އަހުމަދު ވިދާޅުވި ގޮތުގައި އަބުރަކީ މީހަކު ޖޫރިމަނާކޮށް ނުވަތަ އަދަބު ދީގެން އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. އަދަބު ދިނުމުގެ ނިޔަތުގައި ބިލު ފަރުމާ ކުރުމުގެ ބަދަލުގައި އަބުރަށް އަރައިގަތުމަށް ހިތްވަރު ނުދެވޭ ގޮތަށް ބިލު ބައްޓަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގެ ރައީސް އާސިފް (ވ) އަދި ނައިބު ރައީސް ޝަރީފް. ފޮޓޯ: ނިޝާން އަލީ/ މިހާރު

ކެލާ ދާއިރާގެ މެމްބަރު ޕީޕީއެމްގެ އަލީ އާރިފް ވިދާޅުވީ މީޑިއާ ކައުންސިލުން ހުށަހެޅި ކަންތައްތަކަކީ ރަނގަޅު ކަންތައްތަކެއް ކަމަށެވެ. ނަމަވެސް ބިލު އޮތް ގޮތުން ތެދުވެރިކަމާއެކު އެއްވެސް ކަމެއް ރިޕޯޓު ކުރުމަށް ހުރަސް ނާޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ އާރިފް ވިދާޅުވި ގޮތުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި ހިމެނޭ ގިނަ ގައުމުތަކުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އަދި ބައެއް ގައުމުތަކުގައި މަދަނީ ކުށެއްގެ ގޮތުގައި އަބުރާ ބެހުން ކަނޑައަޅާފައި އޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް އަލީ އާރިފްގެ ވާހަކަތަކަށް ރައްދު ދެއްވާ މީޑިއާ ކައުންސިލްގެ މެމްބަރު އަހުމަދު ހަމްދޫން ވިދާޅުވީ އަބުރާ ބެހުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމުތަކުން ދިފާއުވުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތީ ދީފައި ކަމަށެވެ. އަދި ޖިނާއީ ދައުވާއަކަށް ދާނަމަ، ނޫސްވެރިން ދިފާއުވުމުގެ ފުރުސަތު ވަރުގަދަ ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.