ސައްހަކަން ކަށަވަރު ނުވަނީސް ވޯޓާސް ލިސްޓުގައި ސޮއެއް ނުކުރާނަން: އިބޫ

ވޯޓުލާ މީހުންގެ ލިސްޓުގައި ސޮއި ކުރައްވާނީ ރީ ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.


މިދިޔަ 2013ގެ ރިއާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުގައި ބުނެފައި ވަނީ އިންތިހާބުގެ ކުރިން ވޯޓާސް ލިސްޓުގެ ސައްހަކަން ގަބޫލު ކުރައްވައި ކެންޑިޑޭޓުން ސޮއި ކުރަން ޖެހޭނެ ކަމަށެވެ.

ރީ ރަޖިސްޓްރީ ކުރުމަށާއި ޝަކުވާ ހުށަހަޅަން ދިން މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.

ހދ. އަށް މިހާރު ކުރައްވާ ކެމްޕެއިން ދަތުރުގައި މިއަތޮޅު ނޮޅިވަރަމަށް ވަޑައިގެން އިބޫ ވިދާޅުވީ ރީ ރަޖިސްޓްރީ އަށް ހުށަހަޅާފައިވާ ޝަކުވާތައް އިސްލާހުކޮށް އެކުލަވައިލާ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމު ނުކުރައްވާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ލިސްޓް ދުރާލައި އިއުލާން ކުރެއްވުމަށް އިބޫ ގޮވައިލެއްވި އެވެ.

"ސޮއިކުރާނީ ކިހިނެއްތޯ ހަގީގަތާ އެއްގޮތަށް އޮތް އެއްޗެއްކަން ނޭނގެންޏާ. އަޅުގަނޑު ގޮވާލަން ރީ ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓް ހާމަ ކުރުމަށް،" މި ރަށު އެމްޑީޕީ ހަރުގޭގައި ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ކަންކަން ކަށަވަރު ކުރަން ބޭނުންވަނީ ވޯޓު އޮޅުވައިލުމަށް ގިނަ ކަންތައްތަކެއް ކުރަމުން ގެންދާތީ ކަމަށެވެ. ވޯޓު އޮޅުވައިލުމުގެ ފުރުސަތު ނުދޭނެ ކަމަށް ތަކުރާރުކޮށް އިބޫ ވިދާޅުވި އެވެ.

ލައްކައެއްހާ މީހުން ރީ ރަޖިސްޓްރީ އަށް ހުށަހަޅާފައިވާ އިރު އެ އަދަދު ގިނަ ކަމުން ސުވާލު އުފެދޭ ކަމަށް އިބޫ ވަނީ ކުރިން ވިދާޅުވެފަ އެވެ.

"އޮޅުވާލަން ކުރާނެ ކަންކަން އެނގޭ. އެ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން،" ކޯލިޝަން ލީޑާޝިޕްގެ ގިނަ ބަޔަކު ބައިވެރިވި ހަފްލާގައި އިބޫ ވިދާޅުވި އެވެ.

ސަރުކާރުގެ ވަޒީފާގައި މިހާރު ތިބި މީހުންނަށް ވެސް އިދިކޮޅު ކޯލިޝަނާ ގުޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި އޭގެ ސަބަބުން ވަޒީފާ ގެއްލޭ މީހުންނަށް ކޯލިޝަންގެ ވެރިކަމެއްގައި ވަޒީފާ އަލުން ދެއްވާނެ ކަމަށާއި، ވަޒީފާ ގެއްލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ވެސް ދޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ހާހެއްހާ މީހުން ދިރިއުޅޭ ނޮޅިވަރަމަށް ކޯލިޝަންގެ ސަރުކާރެއްގައި ކޮށްދެއްވާނެ ގިނަ ކަންތައްތަކެއް އިބޫ ވިދާޅުވި އެވެ. އޭގެ ތެރޭގައި މި ސަރުކާރުން ފަށާފައިވާ ރަށު ނަރުދަމާ މަޝްރޫ ނިންމައި މި ރަށުގެ މަގުތައް ހަދައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާ މިރަށުގައި ފްލެޓު ނުވަތަ ގޯތި ދޫކުރުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.