އިދިކޮޅާ ގުޅެން ދޭ ދައުވަތު މިއުޅެނީ ގަބޫލު ނުކުރެވިގެން: ރިޔާޒް

އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަތުމަށް ދައުވަތު ދެމުން އައި ނަމަވެސް އެ ދައުވަތު ގަބޫލު ނުކުރެއްވިގެން އުޅެނީ، ވެރިކަމަށް އައިސް އެ ސަރުކާރުން ކުރާނީ ކޮން ކަމެއްތޯ ސުވާލު އުފެދޭތީ ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ތ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި، ވިލުފުއްޓަށް ވަޑައިގެން ރިޔާޒް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނާ އެކު ތިއްބެވި ސަބަބާ މެދު ސުވާލު އުފައްދައި، އިދިކޮޅު ޕާޓީތަކާ ގުޅެން ދައުވަތު ދޭ ކަމަށެވެ. އެކަމަކު، ރައީސް ޔާމީން ރައްޔިތުންނަށް ގެނެސްދެއްވާ ތަރައްގީ ދޫކުރައްވައި، އިދިކޮޅު ފަރާތްތަކާ ގުޅެން ޖެހޭ ސަބަބެއް އޮތް ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ދައުވަތު ދޭ، އަޅުގަނޑަށް ވެސް ދައުވަތު ދޭ. އެކަމަކު އަޅުގަނޑަށް އަދިވެސް މި އުޅެނީ ގަބޫލު ނުކުރެވިގެން އިދިކޮޅު ފަރާތްތަކުން ދެން ވެރިކަމަށް އައިސް ކުރާނީ ކޮން ކަމެއްތޯ އަޅުގަނޑަށް ނޭނގިގެން މި އުޅެނީ،" ރިޔާޒް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިލުފުއްޓަށް ވަޑައިގެން، އެ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާ އެކު ހިންގަވާފައި ވަޑައިގަންނަވަނީ: މި ރަށުގެ މަގު ހެދުމުގެ މަޝްރޫއުގެ ނިމުން ރައީސް ވަނީ މިއަދު ފާހަގަކޮށްދެއްވާފައި.---ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވީ ވިލުފުއްޓަށް އެކަނި ބެލި ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އެ ރަށުގައި ހިންގި މަޝްރޫއެއް ނެތް ކަމަށާއި އެކަމަކު ރައީސް ޔާމީންގެ ތިން އަހަރުގެ ތެރޭގައި 129 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އެ ރަށުގައި ޒުވާނުންނަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދީ، ލަފާފުރުމުގެ ދަތިކަން ހައްލުކޮށް، ސިއްހީ ކުރިއެރުން ވެސް ހޯއްދަަވައިދެއްވީ ރައީސް ޔާމީން ކަމަށް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި ދައުލަތުގެ ބަޖެޓުން ވިލުފުއްޓަށް ހިންގި މަޝްރޫއެއް ދައްކައިފި ނަމަ، ސިޔާސީ ކަންކަމުން އޭނާ ދުރުގައި ހުންނަވާނެ ކަމަށް ވިދާޅުވާން ކެރިވަޑައިގަންނަވަ އެވެ.

"އެހާ ވެސް ބޮޑު ތެދެއް އަޅުގަނޑު މި ހެދީ. މި ރަށަށް އެއްވެސް ޕްރޮޖެކްޓެއް މި ދެންނެވި ތިން އަހަރުގެ ތެރޭގައި ނޯންނާނެ. މި ރަށުގެ ތަރައްގީގެ ބާނީއަކީ، އަޅުގަނޑުމެންގެ މި ފިކުރު،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ފެނުނީ ދައުލަތުގެ ކުންފުނިތައް ނިކަމެތިވެ، ފަގީރުވެގެން ދިޔަ ތަން ކަމަށެވެ. ސަބަބަކީ އެމްޑީޕީގެ ވެރިކަމުގައި ހުރިހާ މަޝްރޫއުތައް ބޭރުގެ ކުންފުނިތަކަށް ދޭތީ ކަމަށް ވިދާޅުވި އެވެ.

އެކަމަކު މި ސަރުކާރު ވެރިކަމަށް އައިސް އެސްޓީއޯ އާއި އެމްޓީސީސީ ފަދަ ކުންފުނިތައް ވަނީ ބާރުވެރި ކުރުވާފައި ކަމަށާއި އެހެންކަމުން ރައީސް ޔާމީނާ އެކު ތިއްބެވީ ކީއްވެތޯ ސުވާލު އުފައްދާ އެންމެން ޕީޕީއެމާ ގުޅިވަޑައިގަތުމަށް ރިޔާޒް ގޮވާލެއްވި އެވެ.