15 އޯގަސްޓް 2018 - 13:58
ސްޕެނިޝް ލީގުގެ މެޗުތައް ކުރިއަށް އޮތް ތިން ސީޒަނުގައި ދެކުނު އޭޝިއާ ސަރަހައްދަށް ދެއްކުމުގެ ހައްގު ފޭސްބުކަށް ދިނުމާ އެކު، އެ ލީގުގެ މެޗުތައް ކޭބަލް ޓީވީން ބެލުމުގެ ފުރުސަތު ދިވެހިންނަށް ގެއްލިއްޖެ އެވެ.
ބާސެލޯނާ އާއި ރެއާލް މެޑްރިޑް ފަދަ ދުނިޔޭގެ ބޮޑެތި ޓީމުތައް ވާދަކުރާ މި ލީގުގެ މި ސަރަހައްދުގެ ޓީވީ ރައިޓްސް މިދިޔަ ހަތަރު ސީޒަނުގައި ނަގާފައި އޮތް ސޮނީ ޕިކްޗާސް ނެޓްވޯކުގެ ޗެނަލްތައް ރާއްޖޭގެ މީޑިއާނެޓުން ލިބެ އެވެ.
އެ ފުރުސަތު ގެއްލުމާ ބެހޭގޮތުން މީޑިއާނެޓުން މިވަގުތު ކޮމެންޓެއް ނުކުރެ އެވެ. ލިއޮނަލް މެސީ ފަދަ ކުޅުންތެރިންގެ ކުޅުން މީޑިއާނެޓުން ނުފެނުނު ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގާއި އިޓާލިއަން ލީގުގެ މެޗުތައް ފެންނާނެ އެވެ.
ފޭސްބުކަށް އެ ހައްގު ދިނުމާ އެކު އެ ޕްލެޓްފޯމުން ނޫން ގޮތަކަށް މި ސަރަހައްދަށް އެ ލީގުގެ މެޗުތައް ދެން ފެންނާނެ އެހެން މަގެއް ނޯންނާނެ އެވެ. އެކަމަކު އުފާވެރި ހަބަރަކީ ލީގުގެ ހުރިހާ މެޗެއް ވެސް ފޭސްބުކުން ސްޓްރީމްކުރާކަމެވެ. ކޭބަލް ޓީވީން ނަމަ ފެންނާނީ ހަމައެކަނި ވަރުގަދަ މެޗުތަކެވެ. ސްޕެނިޝް ލީގާއި ފޭސްބުކުން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން ސީޒަނުގައި ކުޅޭ 380 މެޗުގެ އިތުރުން ޕްރީ މެޗު ޝޯ އާއި ޕޯސްޓް މެޗު ޝޯގެ އިތުރުން އުސްއަލިތަކާއި އިންޓަވިއުތައް ވެސް ގެނެސްދާނެ އެވެ. ސްޕެނިޝް ލީގުގެ ރަސްމީ ޕޭޖުންނާއި ވަކިވަކި ކްލަބްތަކުގެ ޕޭޖުން މެޗުތައް ސްޓްރީމްކުރެވޭނެ އެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމަށް ލީގުގެ ރައިޓްސް ދިން އަގެއް ސްޕެނިޝް ލީގުން ހާމައެއް ނުކުރެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އެ އަގު 105.5 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. ސޮނީ އަށް ދީފައި އޮތީ 32 މިލިއަން ޑޮލަރު (493 މިލިއަން ރުފިޔާ) އަށް ކަމަށްވެ އެވެ.
އިންޑިއާ އާއި ރާއްޖޭގެ އިތުރުން ފޭސްބުކަށް ރައިޓްސް ލިބެނީ އަފްގާނިސްތާން، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ސްރީ ލަންކާ އަދި ޕާކިސްތާނުގައި ދެއްކުމަށެވެ. މި ސަރަހައްދުގައި 348 މިލިއަން މީހުން ފޭސްބުކް ބޭނުންކުރާއިރު އޭގެ ތެރެއިން 270 މިލިއަން މީހުން ނިސްބަތްވަނީ އިންޑިއާ އަށެވެ. އެހެންވެ މި ޑީލު އަމާޒުވަނީ އިންޑިއާގައި ސްޕެނިޝް ލީގު މަޝްހޫރުކުރަން ކުރާ މަސައްކަތަށެވެ. ކްރިކެޓަށް މަރުދޭ އިންޑިއާގައި ފުޓްބޯޅައިގެ މަގުބޫލުކަން އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ. އެންމެ ބޮޑު ސަބަބަކީ ޔޫރަޕުގެ ބައެއް މަޝްހޫރު ކުޅުންތެރިން ގެނެސް ފަށާފައިވާ އިންޑިއަން ސުޕަ ލީގެވެ.
ރެއާލް މެޑްރިޑުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
އިންޑިއާގައި 500 މިލިއަނެއްހާ މީހުންނަށް އިންޓަނެޓުގެ ހިދުމަތް ލިބޭއިރު އޭގެ ތެރެއިން ގިނަ މީހުން އެ ހިދުމަތް ބޭނުންކުރަނީ ފޯނުންނެވެ. އެ ގައުމުގެ ބިލިއަނަކަށް ވުރެ ގިނަ މީހުން މޯބައިލް ބޭނުންކުރެ އެވެ.
ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވީ އިންޑިއަން ސަބް ކޮންޓިނެންޓުގައި ތިބި ސްޕެނިޝް ލީގުގެ ސަޕޯޓަރުންނަށް ފޭސްބުކް މެދުވެރިކޮށް އެ ލީގު ވީހާ ވެސް ގާތަށް ގެނެވޭތީ އުފާކުރާ ކަމަށެވެ.
"މި ސަރަހައްދުން ވަގުތުން މެޗުތައް ބަލާ މީހުންގެ އަދަދު ދުވަހަކު ވެސް ނުވާ ވަރަށް އިތުރުވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަދި އެކަން އެވަނީ ވެސް ފޭސްބުކް މެދުވެރިކޮށް މުޅިން ހިލޭ،" ޓެބާސް ވިދާޅުވި އެވެ.
މީގެ ނާޖައިދު ފައިދާ ނަގަން ހެކަރުން މަސައްކަތްކުރުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު އެއްވެސް މެޗެއް އެހެން ސަރަހައްދަކަށް ލީކުވިޔަ ނުދިމުމަށް ފޭސްބުކުގެ މޮނިޓަރިން ސިސްޓަމް މެދުވެރިކޮށް މަސައްކަތްކުރާނެ އެވެ.
މިވަގުތު މެޗުތައް ދައްކާނީ އިޝްތިހާރު ނުލާ ކަމަށްވީ ނަމަވެސް ކުރިމަގުގައި އެކަން ބަދަލުވާނެ އެވެ. ފޭސްބުކުން އަންނަނީ ލައިވް ކޮންޓެންޓުގެ ތެރެއަށް އިޝްތިހާރު ލައިގެން ދެއްކުން އެމެރިކާގައި ޓެސްޓްކުރަމުންނެވެ. އިޝްތިހާރު ލިބެން ފެށުމުން މާލީ ގޮތުން ފޭސްބުކާ ވާދަކުރުމަކީ އުނދަގޫ ކަމަކަށްވާނެ ކަމަށް ބެލެވެ އެވެ.
ފޭސްބުކުން އަންނަނީ މިދިޔަ އަހަރުން ފެށިގެން މަޑުމަޑުން ކުޅިވަރު ސްޓްރީމިންގެ ތެރެއަށް ވަންނަމުންނެވެ. އެގޮތުން އެމެރިކާގެ މޭޖާ ލީގު ބޭސްބޯލް މެޗުތައް ސްޓްރީމްކުރާއިރު ދާދި ފަހުން ވަނީ ސްޕެނިޝް ލީގާއި އިޓާލިއަން ލީގުގެ މެޗުތަކެއް އިނގިރޭސި ވިލާތުގައި ސްޓްރީމްކުރުމަށް އިލެވަން ސްޕޯޓްސްއާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ.
އެތައް ބަޔަކަށް ފަސޭހަކަމާ އެކު، އެއްވެސް އަގެއް ނެތި ބޭނުންކުރެވޭ ބޮޑު ސިންގާ ނެޓްވޯކެއް މެދުވެރިކޮށް މެޗުތައް ބެލޭނެ ގޮތް ތައާރަފްކުރުމަކީ ކޭބަލް ޓީވީ އޮޕަރޭޓަރުންނަށް އޮތް ބިރެކެވެ. ސަބަބަކީ ކޭބަލް ޓީވީގެ ހިދުމަތް ގިނަ ބަޔަކު ހޯދަނީ ކުޅިވަރު މެޗުތައް ވަގުތުން ބަލަން ކަމަށް ވުމެވެ. އަދި މިކަން މި ފެށެނީ ފިލްމްތަކާއި ސީރީސްތައް ވެސް ސްޓްރީމްކުރަން ފަށައި، ކޭބަލް ޓީވީން ވަރަށް ބޮޑަށް ކުޅިވަރަށް ބަރޯސާވާން ޖެހިފައި އޮތް ދަނޑިވަޅެއްގަ އެވެ. އެކަމަކު ފޭސްބުކުގެ އޮފިޝަލަކު ބުނީ މިއީ ބްރޯޑްކާސްޓަރުންނަށް އެހާ ބޮޑު ބިރަކަށް ނުވާނެ ކަމަށެވެ.
ރާއްޖޭގައި ވެސް ސްޓްރީމިންގެ ހިދުމަތް ގިނަ ބަޔަކު ހޯދި ނަމަވެސް އަދި ވެސް ފުޓްބޯޅަ ބެލުމަށް އެންމެން ކަހަލަ ގޮތަކަށް ބަރޯސާވަނީ ކޭބަލް ޓީވީ އަށެވެ. ސްޕެނިޝް ލީގުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ސަޕޯޓަރުން ކުރާ ގިނަ ބަޔަކު ރާއްޖޭގައި އުޅޭތީ ކޭބަލް ޓީވީން ފުޓްބޯޅަ ބަލާ މީހުންގެ ބޮޑު ނިސްބަތެއް އެ ގްރޫޕް ހިއްސާކުރެ އެވެ.
"ޕްރިމިއާ ލީގު ބަލަން ކޭބަލް ޓީވީ އަށް ފައިސާ ދައްކާފައި ސްޕެނިޝް ލީގު ބަލަން މި ޖެހެނީ އިންޓަނެޓަށް ބޮޑު ހަރަދެއްކުރަން. ކުރިން ވެއްޖެއްޔާ ކޭބަލް ޓީވީގެ ހިދުމަތް ނެގީމާ ބޮޑު ހުރިހާ ލީގެއް ފެނޭ. އެކަމަކު ދެން އެހެނެއް ނުވާނެ. މިއީ ބޮލުގެ ރިހުމެއް،" ފުޓްބޯޅަ ބަލާ ޒުވާނަކު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލުހާލަތު
15 August 2018
ފޭސްބުކް އިން އެރައިޓް އެބަ ވިއްކާ ބައެއް ބޮޑެތި ޗެނަލްތަކުން އެރައިޓް ގަނެފި ފޭސްބުކް އިން..އެއިން ޗެނަލްއެއް މީޑިއާ ނެޓްގަ އިންނަ ނަމަ ކޭބްލް މެދުވެރިކޮށްވެސް ފެންނާނެ.. ހަބަރަކަށް ހަބަރެއް ހެދީމަ ކަމަކު ނުދާނެ ހާޖާ ފާޖާ ބަލަންވާނެ
ސޭޓޫ
15 August 2018
ގަތީ ކޮން ޗެނެލަކުންތޯ
އަބްދުﷲ އިިބްރާހިމް ބިން އަލީ
15 August 2018
އަދި ނުގަނޭ. އެހެންވީމާ އަދި ޔަގީނުން ވެސް ނުފެންނާނެ ޓީވީއަކުން. ވާނުވާ ބަލާފަ ކޮމެންޓް ކުރޭ.
އަސްލުހާލަތު
16 August 2018
ތިހުރީ ވާނުވާގަ ކިތަންމެ ޗެނަލަކުން ގަނެފި.. ކަލޭމެންނަށް ސުޕެނިޝްލީގު ކޭބަލްޓީވީ މެދުވެރިކޮށް ފެންނާނެ..ހާއްސަކޮށް ސްކައި ސްޕޯޓްސްގެ ބައެއް ޗެނަލްތަކުން އަދި ސޮނީ ޕިކްސް އިންވެސް..
ނިޔާސާ
16 August 2018
ސޮނީ އީއެސްޕީއެން.
ސޯބު
15 August 2018
ޔޫރަޕްގެ ޓީވީ ޗެނަލްތައް ބެލޭނެގޮތްވެސް އެބަހުރި ދެއްތޯ.
ސސސސ
15 August 2018
ދެކުނު އޭޝިއާގެ ރައިޓްސް ވަކި ބަޔަކަށް ދީފައި އޮއްވާ ޔޫރަޕް ޗެނަލަކުން ވެސް މި ސަރަހައްދަށް ނުދެއްކޭނެ.
އެއްކަލަމީހާ
15 August 2018
ރޮނާލްޑޯ ރިއަލް ދޫކޮއްފަ ދިޔައީ މިހެން ވާނެކަން އިނގޭތީ... ދުނިއޭގެ އެއްމެމޮޅު ފުޓުބޯޅަ އެނަލިސްޓުން އުޅޭ ގައުމަށް ނުފެންނާނެތީ....
ރަމަޒާން
15 August 2018
ޓީވީ ވެސް އެހެން ވީމަ ސްމާރޓްވާން މިޖެހެނީ .. އެންޑްރޮއިޑް ސްމާރޓް ޓީވީ އެއް ހޯދާފަ ފޭސްބުކް އެޕް އެޓީވީއައް އެޅީމަ ގޭގަ ހުރެގެން ކުރިއެކޭވެސް އެއްގޮތައް ފުޓްބޯޅަމެޗް ބަލާލެވޭނެ. ކޮންމެ ކޮންމެ ސްމާޓް ޓީވީއަކައް އަދި ފޭސްބުކް ނޭޅޭނެ .. އެހެންވީމަ ގަންނަ އިރުވެސް ވަރަށް ބަލަން ޖެހޭނެ މިކަން .. ދެން ކޭބަލް ޓީވީއައް މެޗްތައް ބަލަން އިތުރައް ކުރާ ހަރަދައް ޖެހޭނީ އިންޓަރނެޓް ޕެކޭޗްް ފާސްޓް ކޮއްލަން .. އޭރުން މައްސަލަ ހައްލުވީ ..
ބަސްފޮތް..
15 August 2018
އިންޓަރނެޓްވެސް އެވަރަށް ސުމާޓުވެގެން ހަމަޖެހިގެން ބަލާލެވޭނި
ބަކުރުބެގެ
16 August 2018
ޕެކޭޖްތަކުގެ އަގުވެސް ހެޔޮށް، ޕެކޭޖްތައް ބޮޑުކޮށްގެން.
ކޮރަލް
15 August 2018
الحمد لله
ސަނތިމަރިޔަނބު
15 August 2018
ކުރާނެކަމެއްނެތް އެކަމަކު ކަސޯޓީ ނުބެލޭގޮތެއެް ނަހަދައްޗޭ ގޭތެރޭ ވަރަށް ހަލަބޮލިވެދާނެ
ލައިލަސް
15 August 2018
ވަރަށް ރަނގަަޅު ނިންމުމެށް ކުޅިވަރާ މަޖަލުގެ ތެރެއިން އެކަހެރިވެ އަޅުކަށް ކުރަން ހުރިހައި އެންމެނަށް ބޮޑު ފުރުސްތެށް.
ލިން
15 August 2018
މާ ފަސޭހަވެފަ ގިނައިން ބަލާނެ އަބަދު އެފްބީގަ އުޅޭކުދިން ގިނައީ..ކޮންމެ މީހެއްގެ އަތުގަ ސުމާޓް ފޯނެއް އޮންނަ ޒަމާން މިއީ
ފަލަޑޭ
15 August 2018
ތިދެން އަނެއްހެން ހާސްވާންޖެހޭކަމެއްނޫންދޯ؟ ކެމްޕޭން ދުވަސްވަރަށް ވީމާ ޔާމީން ނުވަތަ އިބޫ ވައުދުވެލާނެ ތިމަންނަ ހޮވިއްޖިއްޔާ ރާއްޖޭގެ ގައުމީ ޓީވީން ލައިވް ކުރަން ރައިޓުސް ހޯދަފާނެކަމަށް. :) އަނެއް ފަސޭހަ އަކީ އެސްއެމް އެސް ކޮށް ވޯޓްލައިގެން ވަކި މެޗެެއްދައްކަން އާދޭސް ކުރަންވެސް ނުޖެހި ފާހާނާގަ އިނދެގެންވެސް މޯބައިލް އިން މެޗްބެލޭނެ