ރާއްޖެ ޓީވީ ޖޫރިމަނާ މައްސަލަ ކޯޓުން ބަލައެއްނުގަތް

އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގައި މީހަކު ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރުމުން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރާއްޖެ ޓީވީ ކޮށްފައިވާ ޖޫރިމަނާ ދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިިފި އެވެ.


ރާއްޖެ ޓީވީން ސިވިލް ކޯޓުގައި އެދިފައިވަނީ، ޖޫރިމަނާ ކުރުމުގައި ބްރޯޑްކޮމުން އަމަލު ކޮށްފައި ވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ގަބޫލު ކުރެވޭތީ އެ މައްސަލަ ބަލައި ނިމެންދެން ޖޫރިމަނާ ދެއްކުން ފަސް ކޮށްދިނުމަށެވެ.

ސިވިލް ކޯޓުން މިއަދު ވަނީ އެ މައްސަލަ ރަޖިސްޓްރީ ކޮށްދެވެން ނެތް ކަމަށް ރާއްޖެ ޓީވީ އަށް އަންގައިފަ އެވެ.

ރާއްޖެ ޓީވީން މިއަދު ނެރުނު ބަޔާން--

ކަންބޮޑުވުން ފާޅުކޮށް ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ ޓީވީއާ ދޭތެރޭ ބްރޯޑްކޮމުން ހިތުހުރި ގޮތަކަށް ކަންކުރަމުން އަންނަނީ އިންސާފު ހޯދަން އެ ސްޓޭޝަނުން ދާނެ ތަނެއް ނެތްކަން ކޮމިޝަންގެ މެމްބަރުންނަށް ގަބޫލްކުރެއްވޭތީ ކަމަށެވެ.

އަދި މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކަވަރޭޖަށް ހުރަސް އެޅުމަށް ބްރޯޑްކޮމުން ކޮށްފައިވާ ކަމެއް ކަމަށް ރާއްޖެ ޓީވީން ތުހުމަތުކުރެ އެވެ.

ބްރޯޑްކޮމުން ފަސް ފަހަރަށް ޖޫރިމަނާ ކޮށްފައިވާ ރާއްޖެ ޓީވީއާ މެދު އެ ކޮމިޝަނުން ޒާތީކަމެއް ގެންގުޅޭ ކަމަށް ކުރާ ތުހުމަތުތައް ކޮމިޝަނުން ދޮގުކުރެ އެވެ.

ބްރޯޑްކޮމް އިން ބުނި ގޮތުގައި ރާއްޖެ ޓީވީ ޖޫރިމަނާކުރީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ބޭއްވި މުޒާހަރާއެއްގައި ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭ ގޮތަށް ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރުމުންނެވެ. އެހެންވެ ދެ ގާނޫނަކާ ހިލާފުވެގެން ކުރި ޖޫރިމަނާ، މިދިޔަ ބުދަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގައިފަ އެވެ.