ދިވެހިން އުޅޭ ގެތަކަކަށް ވެސް ޓްރިވެންޑްރަމްގެ ފެންބޮޑުވުމުގެ އަސަރުކޮށްފި

ބޭހަށް ގޮސް ދިވެހިންގެ އެކި އާއިލާތައް ތިބި ހަތަރު ގެޔަކަށް ވެސް، އިންޑިއާގެ ޓްރިވެންޑްރަމަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި އަސަރުކުރި ކަމަށް ރާއްޖޭގެ ކޮންސިއުލޭޓުން މިއަދު ބުނެފި އެވެ.


ކޮންސިއުލޭޓްގެ ޑެޕިއުޓީ ކޮންސުލް ޖާދުﷲ ހުސައިން ތައުފީގް ވިދާޅުވީ ފެން ބޮޑުވުމުގެ އަސަރު ކުރީ ކޮސްމޯ ހޮސްޕިޓަލް ކައިރީގައި ހުރި ގޭތަކަކަށް ކަމަށެވެ. ބައެއް ގޭގޭގައި ހަތަރު ފޫޓަށް ފެން ބޮޑުވީ އެ ހޮސްޕިިޓަލް ކައިރީގައި އޮންނަ ކޯރުތަކުގެ ފެންގަނޑު ބޮޑުވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ފެނުގެ އަސަރު ކުރި ގެތަކުގެ ތެރެއިން އެއް ގޭގައި އުޅެމުން އައި އެންމެން އެހެން ތަނަކަށް ބަދަލުވީ އަމިއްލަ އަށެވެ. ދެ ދެމަފިރިއަކު ހޮޓަލަކަށް ބަދަލުވި އިރު، ފެނުގެ އަސަރު ކުރި އެހެން ގެއެއްގައި މިވަގުތު ތިބި އެންމެން ވެސް އުޅެމުން އަންނަނީ ހަމަ އެތަނުގައި ކަމަށް ޖާދުﷲ ވިދާޅުވި އެވެ.

ބޭހަށް ގޮސް އެއް ގެއެއްގައި ތިބި ނުވަ މީހުންގެ ތެރެއިން ހަތް މީހަކު އެނބުރި މާލެ ދިޔައީ، އޭނާ ވިދާޅުވި ގޮތުގައި، ކުރިން ވެސް އެ މީހުންގެ ދަތުރު ރޭވިފައި އޮތް ގޮތަށެވެ.

ހަތަރު ވަނަ ގޭގައި އުޅެމުން އައި މީހުން އެހެން ތަނަކަށް ބަދަލެއް ނުވެ އެވެ.

ޓްރިވެންޑްރަމްގައި ދިވެހިން އުޅޭ ގެއެއްގައި ފެންބޮޑުވެފައި

ޖާދުﷲ ވިދާޅުވި ގޮތުގައި ބޭސް ފަރުވާއަށް ޓްރިވެންޑްރަމަށް ދާ ބައެއް ދިވެހިން އާންމުކޮށް ތިބެނީ ކޯރުތަކުގެ ކުރިމަތީގައި ހުންނަ ގެތައް ކުއްޔަށް ހިފައިގެންނެވެ. އެ ހިސާބުގަނޑުގައި ކޯރުތައް ދެމިފައި އޮންނަ ގޮތާއި ކާނުތައް ހަދާފައި ހުންނަލެއް ހަނިކަމުން ވިއްސާރަ މޫސުމުގައި އާންމުކޮށް ފެން ބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހިން ޓްރިވެންޑްރަމަށް ޒަރޫރީ ބޭނުންތަކުގައި އައިސް އުޅޭ އިރު ކޯރުތަކުގެ ކުރިމަތީގައި ހުންނަ ގޭގެ ކުއްޔަށް ހިފައިގެން ނުތިބެން އަޅުގަނޑުމެން ގޮވާލަން،" ޖާދުﷲ ވިދާޅުވި އެވެ.