ސަރުކާރުން ދޫކޮށްފައި ހުރި މަސް ދޯނިތަކުގެ ޖޫރިމަނާ މާފުކޮށްފި

ދިގު މުއްދަތަކުން އަގު ދައްކާ ގޮތަށް ސަރުކާރުން މަސްވެރިންނަށް ދޫކޮށްފައިވާ ދޯންޏާއި އިންޖީނުތަކުގެ ޖޫރިމަނާ، ރައީސް އަބްދުﷲ ޔާމީން މާފުކޮށްދެއްވައިފި އެވެ.


މިކަން ހާމަކުރެއްވީ، ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

ސަރުކާރުން ދޫކޮށްފައިވާ ދޯންޏާއި އިންޖީނުތަކުން މިހާތަނަށް މަސްވެރިން ދައްކަން ޖެހި، އެކަމަކު ނުދައްކައި ހުރި ފައިސާތައް އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ރައީސް ޔާމީން ވަނީ ގއ. ކޫއްޑޫގައި މަސްވެރިންނަށް ހާއްސަ ފިޝަރީޒް މެރީނާއެއް ވެސް ހުޅުވައި ދެއްވައިފަ އެވެ.

ދޯންޏާއި އިންޖީނުތަކުގެ ޖޫރިމަނާ މާފު ކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިވާއިރު، އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް އަންނަނީ މަސްވެރިކަމާ ގުޅޭ ދާއިރާއިން ވައުދުތަކެއް ވަމުންނެވެ.

އެގޮތުން، ތެލުގެ ޑިއުޓީ ކަނޑާލައި ތެލުގެ އަގު ހެޔޮ ކުރާނެ ކަމުގެ ވައުދު އިބޫ ވަނީ ވެފަ އެވެ.