ކަނޑުދަތުރުކުރާ ފަރާތްތަކަށް ލުއި ގޮތްތަކެއް ރައީސް ހަމަޖައްސަވައި ދެއްވައިފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން، ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދުގެ ދެ މާއްދާއެއް މިވަގުތަށް ސަސްޕެންޑުކޮށް، އެ މީހުންނަށް ލުޔެއް ދިނުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.


އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "މިހާރު" އަށް މިރޭ ވިދާޅުވީ، ގަވައިދުގެ 19 ވަނަ މާއްދާ އާއި 24 ވަނަ މާއްދާ ރިވައިޒް ކުރުމަށްޓަކައި އެ މާއްދާ އަށް އަމަލުކުރުން ފަސް ކުރަން ރައީސް ޔާމީން ނިންމެވީ، ކަނޑުދަތުރުކުރާ ފަރާތްތަކުގެ ޝަކުވާ އަޑުއައްސަވައި ލުޔެއް ދެއްވުމުގެ ގޮތުން ކަމަށެވެ.

ގަވައިދުގެ 19 ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން ނަމަ، އުޅަނދުފަހަރުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ ލައިސަންސް އާ ކުރުމަށްޓަކައި، ކްލާހަކަށް ގޮސް ކިޔަވަން ޖެހެ އެވެ. އެކަމަކު، އެ މާއްދާ ސަސްޕެންޑު ކުރުމާ ގުޅިގެން، އެކަން ނުކޮށް ވެސް ކެޕްޓަނުންނާއި ފަޅުވެރިންގެ ލައިސަންސް އާ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި، ގަވައިދުގެ 24 ވަނަ މާއްދާ ބުނާ ގޮތުން ނަމަ، އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހަދައި ދިނުމުގެ ކުރިން، އެ އުޅަނދެއް އެހެލައި މަރާމާތުކޮށް، އެކަމުގެ ލިޔުމެއް ހޯދަން ޖެހެ އެވެ.

"އެގޮތަށް ލިޔުމެއް ހޯދުން މިވަނީ ވަރަށް ބޮޑު ދައްޗަކަށް. އެހާވަރަކަށް ސްލިޕްވޭއެއް ރާއްޖެއަކު ނެތް. އެ ވަރަށް ޑޮކްޔާޑެއް ނެތް. އެހެންވެ، ގަވައިދުގައި އެ ބުނާ ލިޔުން ހޯދުމަކީ ވަރަށް ބޮޑު ދައްޗަކަށް ވެފައި ވަނީ. އެހެންވެ، އެ ޝަކުވާތައް އެކި ފަރާތްތަކުން ރައީސަށް ހުށަހެޅުމާ ގުޅިގެން މިވަގުތަށް އެ އަށް އަމަލު ނުކުރަން އެމަނިކުފާނު ނިންމެވީ. މިއީ ކަނޑު އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށް ރައީސް ދެއްވި ވަރަށް ބޮޑު ލުޔަކަށް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދިގު މުއްދަތަކުން އަގު ދައްކާ ގޮތަށް ސަރުކާރުން މަސްވެރިންނަށް ދޫކޮށްފައިވާ ދޯންޏާއި އިންޖީނުތަކުގެ ޖޫރިމަނާ ވެސް ރައީސް ޔާމީން ވަނީ މިއަދުން ފެށިގެން މާފުކޮށްދެއްވައިފަ އެވެ. އަދި ކަނޑުގައި ދުއްވާ ކުދި އުޅަނދުފަހަރުގެ އަހަރީ ފީ އުވާލައި ޖޫރިމަނާ، ވެސް މި މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ މާފުކޮށްދީފަ އެވެ.