ނަޝީދު އުޅެނީ އިބޫ އަށް ލޮޓިއެއް ދޭން، ވެރިކަން ފޭރި ގަންނާނެ: ނިހާން

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އާއިލާ އުޅެނީ، މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނެރުއްވައިގެން އޭނާ އަށް ލޮޓިއެއް ދޭން ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.


ޕީޕީއެމްގެ "ރުމާލު 2" ޖަގަހާގައި ބޭއްވި ޖަލްސާގައި ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވީ، ނަޝީދަކީ ރާއްޖެ މިހާތަނަށް ނުދެކޭ ފަދަ ދޮގުވެރިއެއް ކަމަށާއި އެ މަނިކުފާނު ދުވަހަކު ވެސް ތެދެއް ހައްދަވާފައި ނުވާ ކަމަށެވެ.

ނިހާން ވިދާޅުވީ، އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާއިރު، "މަޑުމައިތިރި ބަނިޔާދަން" އިބޫ އަށް ފަސް އަހަރުގެ ދައުރެއް ލިބިދާނެ ކަން އަދިވެސް ކަށަވަރު ނުވާ ކަމަށެވެ.

"ނަޝީދާއި ކެނެރީގެ މީހުން ބައިއަތު ހިފައިގެން މިއުޅެނީ އިބޫ އަށް ލޮޓިއެއް ދޭން ވެގެން. ނިކަން ބަނިޔާދަން މަޑުމަޑުން ހުންނަވާ، ޅ. ހިންވަރު ބޭފުޅެއް އެއީ. އޭނާ ލައްވައި މި އުޅެނީ ދޮޅު އަހަރުގެ ވެރިކަމެއް ކުރުވާފައި ބާކީ ބައި ފޭރި ގަންނަން،" ނިހާން ވިދާޅުވި އެވެ.

"މިކަމަށް އިބޫ އަކަށް ވެސް ނޫނެކޭ ވިދާޅުވާކަށް ކެރިވަޑައެއް ނުގަންނަވާ. މިއުޅެނީ އޮވުލުމާއި މަކަރުން ކަންކަން ކުރަން."

ނިހާން ވިދާޅުވި ގޮތުގައި، ވެރިކަމަށް ކުރިމަތިލެއްވީ ފަސް އަހަރުގެ ރިޔާސީ ދައުރަކަށް ކަން އެމްޑީޕީން ވެސް އިބޫ އަށް ކަށަވަރުކޮށް ދޭން ޖެހޭނެ އެވެ.

މާލެ: އޮގަސްޓް 17، 2018- ޕީޕީއެމްގެ ފަރާތުން ރުމާލު 2 ޖަގަހާގައި ބޭއްވި ޖަލްސާގައި ވިލިމާފަންނު ދާއިރާގެ މެމްބަރު ނިހާން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"...އެހެންވީމާ މި ފަސް އަހަރުގެ ވާހަކަ ވަރަށް ސާފުކޮށް އެ މީހުން ވިދާޅުވެ ދެއްވަން ޖެހޭނެ. އެމްޑީޕީން މިއަށް ޖަވާބު ދޭން ޖެހޭނެ. ސާފުކޮށް ދޭން ޖެހޭނެ ތިމަންނަމެން މި ކުރިމަތިލަނީ ހިތްހަލާލުކަމާ އެކުގައި އެއްވެސް ކަހަލަ ބައިއަތު ހިފުމެއް ނެތި، އެއްވެސް ކަހަލަ ބިރު ދެއްކުމެއް ނެތި ހަމަ ސައްހަކަން މަތީ، ހަމަ ބުއްދީގައި އެނގި ކަށަވަރު ވެގެން ހާލު ފަސް އަހަރުގެ ވެރިކަމަކަށް ކަން ކުރިމަތިލައިގެންކަން މި އުޅެނީ،" އިބޫ ވެރިކަމަށް ވަޑައިގަންނަވަނީ 18 މަސް ދުވަހަށް ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅުވައިގެން ނިހާން ވިދާޅުވި އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައި ވަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ދޮޅު އަހަރު ވާނީ ރައްޔިތުން އިތުބާރު ކުރާ، މިނިވަން މުއައްސަސާތަކެއް ބިނާ ކުރާނެ ދުވަސްތަކަކަށް ކަމަށެވެ. އަދި އެއީ، ގިނަ ސިޔާސީ ޕާޓީތަކަކަށް ގާނޫނީ ހައިސިއްޔަތު ލިބޭނެ ދުވަސްތަކަކަށް ވާނެ ކަމަށް ވެސް މެނިފެސްޓޯގައި ވެ އެވެ. އެކަމަކު، ރިޔާސީ އިންތިޚާބަށް އެމްޑީޕީން އިދިކޮޅު އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާއިރު، ދޮޅު އަހަރުގެ ސަރުކާރެއް އެކުލަވައިލުމާ މެދު އެ ކޯލިޝަންގެ ބައެއް އިސްވެރިންގެ ހިޔާލު ތަފާތެވެ.

ނިހާން މިރޭ ވިދާޅުވީ، ކެމްޕެއިނަށް ރަށްރަށަށް ވަޑައިގެން އާ ވައުދެއް އިބޫ ނުވާ ކަމަށާއި މުޅިން ވެސް ދައްކަވަނީ ރައީސް އަބްދުﷲ ޔާމީން ފުރިހަމަ ކުރައްވާފައިވާ ކަންކަމުގެ ވާހަކަ ކަމަށެވެ.

ނިހާން ވިދާޅުވި ގޮތުގައި، އިބޫ ވެގެން ދާނީ ވެރިކަމަށް ކުރިމަތިލައްވައިގެން، އަމިއްލަ ރަށުން ވެސް އަޣުލަބިއްޔަތު ލިބިވަޑައިނުގަންނަވާ ކެންޑިޑޭޓަކަށެވެ.