އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަހުމަދުގެ މުވައްޒަފަކު ރަހީނުކޮށް ފައިސާތަކެއް ފޭރިގެންފި

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަހުމަދު އަބްދުﷲގެ އަމިއްލަ އޮފީހަށް ވަޅި ހިފައިގެން ތިބި ބަޔަކު ރޭ ވަދެ، އެތަނުގައި އެ ވަގުތު ހުރި މުވައްޒަފަކު ބަނުމަށް ފަހު، 36،500ރ. ފޭރިގެންފި އެވެ.


އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރުގެ އަމިއްލަ ވިޔަފާރީގެ މަސައްކަތް ހިންގާ އޮފީހަށް ވަޅި ހިފައިގެން ތިބި ގްރޫޕަކުން ވަދެ، އޮފީހުގައި އެ ވަގުތު ހުރި މުވައްޒަފުގެ އަތާއި ފައި އަދި މޫނު ބަނދެ، 36،500 ރުފިޔާ އާއި ދެ ލެޕްޓޮޕް ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޮފީހުގެ ގޮނޑި އާއި މޭޒާއި އެހެނިހެން ތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުންދީ އަހުމަދު ”ދުއްވާލާނެ“ ކަމުގެ އިންޒާރު މުވައްޒަފަށް ދިން ކަމަށެވެ.

އެ މުވައްޒަފާ ހަވާލާދީ، ހެންވޭރު ދަނޑު ކައިރީގެ ގޯޅިއެއްގެ ތެރޭގައި ހުންނަ އަހުމަދުގެ އޮފީހުން ވާހަކަ ދެއްކި މީހަކު ބުނީ ރޭގެ ދަންވަރު 12:30 އާއި 1:30 އާ ދެމެދު ހިންގި އެ ފޭރުމުގެ ތެރޭގައި، އެ މުވައްޒަފުގެ އަތާއި ފައި އަދި މޫނު ބަނދެފައި ގަޑިއެއްހާއިރު ވަންދެން ބާއްވާފައި އޮތް ކަމަށެވެ.

އަހުމަދުގެ އޮފީހުގެ މުވައްޒަފު ރަހީނުކޮށް، ފައިސާތައް ފޭރިގަތް ކަމަށް ވަނީ އޮފީހުން އަހުމަދު ވަޑައިގެންނެވިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.

"އޭނާ [ރަހީނުކުރި މުވައްޒަފު] އޮފީހަށް ވަންނަން ދަނިކޮށް، ދޮރުމަތިން ހިފަހައްޓައި އަނގަމަތީގައި އަތް އަޅައިގެން އޮފީސް ތެރެއަށް ވެއްދި ކަމަށް ވަނީ. އޭގެ ފަހުން އަތާއި ފަޔާއި މޫނު ބަނދެ، ތަޅުދަނޑިތައް އޭނާގެ އަތުން އަތުލައިގަނެ ފައިސާތައް ފޭރިގަތީ. އޮފީސް ތެރޭގައި ގަޑިއެއްހާއިރު އެ ގުރޫޕް އުޅުނު ކަމަށް މުވައްޒަފު ބުނޭ،" އެ މުވައްޒަފާ ހަވާލާދީ ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ، އޮފީސްތެރެއަށް ވަން ގުރޫޕު ފައިސާތަކާއި ލެޕްޓޮޕްތައް ހިފައިގެން ނުކުތީ، ބަނދެފައިވާ މުވައްޒަފު ނުމޮހެ ދޫކޮށްލާފައި ކަމަށެވެ. އެކަމަކު، އެ ގުރޫޕް ދިޔަތާ އިރުގަނޑެއްގެ ތެރޭގައި އެ މުވައްޒަފު ވަރަށް އުނދަގުލުން ތެދުވެ، ބޭރަށް ނުކުތީ ކަމަށް ވެ އެވެ.

އެމްޑީޕީން ބުނިގޮތުގައި، އެ މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް ގޮސް، ރިޕޯޓު ނަގައި، ފޮރެންސިކް ހެކި ހޯދުމުގެ މަސައްކަތް ކުށުގެ ވެށީގައި ވަނީ ކޮށްފަ އެވެ.

"މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިއީ އާދައިގެ ވައްކަމެއް ނުވަތަ ފޭރުމެއް ކަމަކަށް ނުބެލެވޭ. މި ޕާޓީން ދެކެނީ މިއީ އަހުމަދު އަބްދުﷲ އަށް ސީދާ އަމާޒުކޮށް، ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބިރުދެއްކުމުގެ ގޮތުން ދުރާލައި ރާވައިގެން ހިންގާފައިވާ ޖިނާއީ ކުށެއް،" އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ބުނީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބަށް އަމާޒުކޮށް ހިންގާފައިވާ އެ ނޭއްގާނީ އަމަލު ފުރިހަމަ ތަހުގީގެއް ކޮށް، ކުށުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންނަށާއި ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.

"އެމްޑީޕީ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕްގެ ބޭފުޅުންނަށާއި ހަރަކާތްތެރިންނަށް އަމާޒުކޮށް، ރިޔާސީ އިންތިހާބާ ދިމާކޮށް، ކުރަމުންދާ ގޯނާއާއި އެކި ބާވަތުގެ ގެއްލުމާއި އުނދަގޫތައް ހުއްޓާލުމަށް ވެސް މި ޕާޓީއިން ގޮވާލައި އެފަދަ އަމަލުތައް ކުށްވެރިކުރަން،" އެމްޑީޕީން ބުންޏެވެ.