ފްލެޓް ލިބެނީ ހައްގުވެރިންނަށް ކަން ކަށަވަރުކޮށް، އަގުތައް ތިރި ކުރާނަން: އިބޫ

ފްލެޓް ލިބޭނީ ހައްގުވެރިންނަށް ކަން ކަށަވަރުކޮށް، ފްލެޓްތަކަށް ދައްކަންޖެހޭ އަގު ކުޑަ ކުރާނެ ކަމަށް އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ކޯލިޝަންގެ ޖަގަހައެއް ހެންވޭރުގައި ހުޅުވައިދެއްވުމަށް ފަހު، އެ ހަފްލާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. އެއާއެކު، ފްލެޓް ހޯދަން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހައްގުވެެރިންނަށް ފްލެޓް ނުލިބުމަކީ ވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން ފްލެޓްތައް ދެނީ ބޭނުންވާ ވަކި ބަޔަކަށެވެ. އެކަމަކު އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އެކަންކަން ބަދަލުކޮށް، އެންމެ ހައްގުވެރިންނަށް ފްލެޓް ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ނޯންނާނެ މިނިސްޓަރުގެ ލިސްޓެއް. އަޅުގަނޑުމެންގެ އޮންނާނީ މާކްސް ދެވޭ އުސޫލުން އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް ބޯހިޔާވަހިކަން ހޯދައި ދިނުން. އެގޮތުން މާކްސް ދެވޭއިރު މަދަނީ ޖަމްއިއްޔާތައް ބައިވެރިކޮށްގެން އިވެލުއޭޝަން ކުރިއަށް ގެންދާނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ފްލެޓް ލިބުނަސް، އެތަންތަނަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ވެސް މިހާރު ވަނީ ބޮޑު ބުރައަކަށް ވެފައި ކަމަށެވެ. އަދި އެކަންކަމަށް ވެސް ކޯލިޝަންގެ ވެރިކަމުގައި ލުއި ގޮތްތައް ހަމަޖައްސައި ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ގެދޮރާ ބެހޭ ޚާއްސަ ސްކީމެއްގެ ދަށުން ލުއި ލޯނު ދިގު މުއްދަތުން ދައްކާ ޚަލާސް ކުރެވޭ ގޮތަށް ހަމަޖެހިގެންދާނެ. އަދި ފްލެޓްްގެ އަގުތައް މިހާރަށް ވުރެ ތިރި ކުރެވޭނެ،" އިބޫ ވިދާޅުވި އެވެ.

މިރޭގެ ހަފްލާގައި އިބޫ ކުޑަކުއްޖަކާ އެކު -- މިހާރު ފޮޓޯ/ހުސައިން ވަހީދު

މާލެއަށް ދިމާވެފައިވާ އަނެއް މައްސަލައަކީ މާލޭގައި ޕާކިންގެ މައްސަލަ ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ އެކަށީގެންނުވާ މިންވަރަށް މާލޭގައި ވެހިކަލް ގިނަވުން ކަން އިބޫ ފާހަގަކުރެއްވި އެވެ. އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނައުމަށްޓަކައި މާލޭގައި ޕާކިން ޒޯން އިތުރުކޮށް، ޖޫރިމަނާތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި މި ކުރާ ކަމަކީ ޖޫރިމަނާ ކޮށްފައި މިހެން ދިމާވާ ކޮންމެ އިންތިޚާބަކާ ދިމާކޮށް ޖޫރިމަނާ މައާފް ކުރަމުން ގެންދަނީ. މިއީ އިންތިޚާބަށް ނުފޫޒު ފޯރުވައި، ނާޖާއިޒް ފައިދާ ނެގުމަށް ކުރާ ކަމެއް،" އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވެރިކަމުގައި ފުރަތަމަ ދައްކާނީ ޕާކްކުރާ ތަން. އެއަށް ފަހު ޕާކް ކުރަން ކަނޑައެޅިފައި އޮންނަ ތަނުގައި ޕާކް ނުކުރީމަ ޖޫރިމަނާ ކުރާނީ. މިހާރު މާލޭގެ މަގުތަކުގައި ޕާކް ކޮށްގެން އެ ނަގާ ޖޫރިމަނާ އަޅުގަނޑުމެންގެ ވެރިކަމުގައި ކަނޑާލަދޭނަން."

އިބޫ ވިދާޅުވި ގޮތުގައި ޕާކިން ޒޯން އިތުރު ކުރިޔަސް، އެއީކީ ދާއިމީ ހައްލަކަށް ނުވެދާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަމަށް އޮތް ދާއިމީ ހައްލަކީ ލާ މަރުކަޒީ ނިޒާމުން ރާއްޖެ ގުޅާލުމެވެ.

ހެންވޭރުގެ ޖަގަހައަށް ފަހު، އިބޫ ވަނީ އައްޑޫ ސިޓީގެ ޖަގަހައެއް ވެސް ހުޅުއްވައި ދެއްވައިފަ އެވެ. އެ ހަފުލާގައި ވާހަކަ ދައްކަވަމުން އިބޫ ވަނީ ކޯލިޝަންގެ ވެރިކަމެއްގައި އައްޑޫއަށް ވެސް ކަންތައްތަކެއް ކޮށް ދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވީ އައްޑޫއަކީ ވޭތުވެދިޔަ ގިނަ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ދާއިރާއެއް ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އައްޑޫއަށް ނިސްބަތްވާ ގިނަ ބަޔަކު މާލެެއަށް ހިޖުރަ ކުރަން ޖެހިފައިވާ ކަމަށެވެ.

އައްޑޫ ތަރައްގީ ކުރުމުގެ ގޮތުން އެމްޑީޕީގެ ވެރިކަމުގައި ބައެއް މަސައްކަތްތަކެއް ކުރެވުނަސް، ވެރިކަން ބަދަލުވުމާ ގުޅިގެން އެ މަސައްކަތް އެއްކޮށް ހުއްޓުނީ ކަމަށާއި އައްޑޫގައި 5،000 އެނދުގެ ރިސޯޓެއް ތަރައްގީ ކުރާނެ މި ސަރުކާރުން ކުރިން ވައުދު ވެފައި ވިޔަސް، އެކަން މިއަދާ ހަމައަށް ވެސް ވެފައި ނެތް ކަމަށް އިބޫ ވިދާޅުވި އެވެ. އެކަމަކު އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯގައިވާ ފަދައިން ގޮތަށް މުޅި ރާއްޖެއެކޭ އެއްގޮތަށް އައްޑޫއަށް ވެސް ފަތުރުވެރިކަން ފުޅާކޮށް، އޭގެ ފައިދާ ލިބޭ ގޮތް ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އައްޑޫ އަށް ވެސް ބޮޑުކޮށް އެ ފުރުސަތު ލިބެންދާނެ. ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރު އަގުހެޔޮކޮށް، އެއްތަނުން އަނެއް ތަނަށް ދިވެހިންނާއި ފަތުރުވެރިން ދަތުރު ކުރުމަށް ލިބޭ ފުރުސަތުގެ ތެރޭގައި އައްޑޫގައި އިތުރަށް ލޯކަލް ޓޫރިޒަމް ފުޅާވެގެންދާނެ ކަމީ ފެންނަން އޮތް ހަގީގަތެއް،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯގައި ހިމެނޭ ޖަޒީރާ ސިޔާސަތު ތަންފީޒު ކުރަން އެންމެ ރަނގަޅު އެއް ތަނަކީ ވެސް އައްޑޫ އެވެ. އެ ސިޔާސަތުގެ ދަށުން ސިޓީ ކައުންސިލް އިތުރަށް ބާރުވެރިކޮށް، އާމްދަނީ ލިބޭނެ މަގު ކައުންސިލްތަކަށް ފަހިކޮށްދޭނެ ކަމަށް އިބޫ ވިދާޅުވަމުންދާ ވައުދު މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ. އައްޑޫއަށް ކޮށްދޭނެ އިތުރު ބައިވަރު ކަންކަން އަދިވެސް އެބަހުރި ކަމަށް ވިދާޅުވެ، އިބޫ ވިދާޅުވި ގޮތުގައި އެ ތަފްސީލުތައް ހާމަ ކުރައްވާނީ އައްޑޫގައި ބާއްވާ ބޮޑު ޖަލްސާގަ އެވެ.

"އައްޑޫއަށް ބަލާއިރު އެތަނަކީ އަޅުގަނޑުމެން މި ބޭނުންވާ ލާ މަރުކަޒީ ނިޒާމް ފުރިހަމައަށް ހިންގަން ބޭނުންވާ އެންމެ ފައްކާވެފައި އޮތް އެއް ދާއިރާ. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މި ނިކުންނަނީ ޖަޒީރާވަންތަ ގޮތަކަށް މި ރާއްޖެ ހިންގުމަށް. އަޅުގަނޑުމެން އެންމެ މުހިންމު ކަމެއް ދޭނެ އެއް ދާއިރާއަކީ އައްޑޫ ސިޓީ،" އިބޫ ވިދާޅުވި އެވެ.