އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިން މޭޓް، ފައިސަލް ނަސީމް، އީދު ބަންދަށް، އޭނާގެ އުފަން ރަށް ފުވައްމުލަކަށް މިއަދު ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ. ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދެއްކެވިއިރު އޭނާ އުފަލުން ފެންކަޅިވެގެން ދިޔަ އެވެ.
ފައިސަލް މިއަދު ހެނދުނު ފްލައިޓުން ފުވައްމުލަކަށް ވަޑައިގެންނެވިއިރު އޭނާއަށް މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު އެއާޕޯޓަށް ގޮސް ތިއްބެވެ. ކިއޫ ހަދައިގެން ތިބި މީހުން ސަލާންކުރެއްވުމަށް ފައިސަލް ވިއްސަކަށް މިނެޓް ހޭދަކުރެއްވި އެވެ.
އެ ރަށު އެމްޑީޕީ ހަރުގޭގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ އިބޫ އަކީ ފަސްބައިގައި ހަޑިކަމެއް ނެތް ބޭފުޅެއް ކަމަށެވެ. އިބޫއަށް ވޯޓު ދޭން ޖެހޭ ސަބަބަކީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިނުވެ ގައުމު ތަރައްގީ ކޮށްދެއްވާނެތީ ކަމަށް ފައިސަލް ވިދާޅުވި އެވެ. ވާހަކަ ދެއްކެވިއިރު ފެންކަޅިވެ، ވާހަކަ މެދުކަނޑާލަން ޖެހުނެވެ.
އޭނާގެ ވާހަކާގައި، ކޯލިޝަންގެ ވެރިކަމެއްގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"ރައްޔިތުންނަށް ތެދުވެރި އަމާނާތްތެރިވާނެ ކަމުގެ ވައުދު މިވަނީ މި މާތްވެގެންވާ ހައްޖު ދުވަހު މާތްﷲ ގަންދީ ހުވާކޮށް. ދުވަހަކުވެސް ރާއްޖޭގެ ރައްޔިތުންނަށް ހިޔާނާތްތެރިނުވާނެ ކަމުގެ ވައުދު މިވަނީ،" ފުވައްމުލަކު ބަހުރުވައިން ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވި އެވެ.
ވަޒީފާއަށް ޓަކައި ސިޔާސީ ފިކުރު ހާމަކުރަން ބިރުން ތިބި މީހުން ވެސް ފާޅުގައި ނިކުމެ ރައީސް ޔާމީނާ ދެކޮޅަށް ވޯޓު ދިނުމަށް ފައިސަލް ގޮވައިލެއްވި އެވެ. ސިޔާސީ ފިކުރު ހާމަކޮށްގެން ވަޒީފާއިން ވަކިކުރާ މީހުންނަށް ކޯލިޝަންގެ ވެރިކަމެއްގައި ވަޒީފާ ހޯދައިދެއްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ކޯލިޝަން ވެރިކަން ފަށާ ދުވަހަކީ ރާއްޖޭގައި އިންސާފު ގާއިމުކޮށް އެންމެނަށް ހައްގުތައް ގާއިމްކޮށްދޭން ފަށާނެ ދުވަސް ކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅުގައި ގޭގެއަށް ވަޑައިގެން ކެމްޕެއިން ކުރައްވައި، މާދަމާ ރޭ ޖަލްސާއެއް ވެސް ބާއްވާނެ އެވެ.
އަންނަ މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ފައިސަލާއި އިބޫ އަންނަނީ ކޯލިޝަންގެ ޓީިމުތަކާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރައްވަމުންނެވެ.