އަޅުގަނޑުގެ ސަރުކާރެއްގައި ކޯލިޝަން ދެމިި އޮންނާނެ: އިބޫ

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރެއްގައި ކޯލިޝަން ދެމި އޮންނާނެ ކަމުގެ ޔަގީންކަން އޭނާ މިއަދު ދެއްވައިފި އެވެ.


ރ. އަތޮޅަށް އިދިކޮޅު ކޯލިޝަން ކުރާ ކެމްޕެއިން ދަތުރުގައި ހުޅުދުއްފާރުގައި ވާހަކަ ދަައްކަވަމުން އިބޫ ވަނީ މިހާރު ކޯލިޝަންގައި ތިބި ހުރިހާ ޕާޓީތަކާ ގުޅިގެން ސަރުކާރުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މި އުފައްދަނީ ގައުމީ ރައްޔިތުންގެ ސަރުކާރެއް. މިއީ އެންމެ މީހެއްގެ ނުވަތަ އެންމެ ބައެއްގެ ސަރުކާރެއް ނޫން،" އިބޫ ވިދާޅުވި އެވެ. "މިއީ މިއަދު މި ގައުމަށް ބޭނުންވެފައި އޮތް ގޮތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކުގައި މި ކުރި މަސައްކަތް، ދެ އަހަރު ވަންދެން މި ކުރި މަސައްކަތް، އަޅުގަނޑުގެ ސަރުކާރެއްގައި ދެމި އޮންނާނެ."

"އަޅުގަނޑުމެންނަކީ ކޯލިޝަނަކާއެކު އިންތިހާބަކާ ކުރިމަތިލާ ބައެއް. ސަރުކާރު އުފެދިގެން ދާނީ އެ ކޯލިޝަނުގެ ތެރެއިން. އެ ކޯލިޝަނުގައި ތިއްބަވާނެ ރާއްޖޭގައި މި އޮތް ހުރިހާ ޕާޓީތަކެއް އިރާދަކުރެއްވިއްޔާ."

މީގެ އިތުރުން އިބޫ ވަނީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ހުންނަވައި ހިދުމަތް ކުރައްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ.

"އިރާދަކުރެއްވިޔާ 23 ސެޕްޓެމްބަރުގެ އިންތިހާބު ކާމިޔާބުކޮށް އަޅުގަނޑުމެން އުފައްދާނީ ރައްޔިތުންގެ ވެރިކަމެއް. ބަސް ބުނަން ތިބޭނީ ރައްޔިތުން. އަޅުގަނޑުމެން ތިބޭނީ ރައްޔިތުން އެ ބުނާ ގޮތަށް މަސައްކަތް ކުރަން. އަޅުގަނޑުމެން ވާނީ ރައްޔިތުންގެ ހާދިމުންނަށް،" އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ތިން ބާރު އެއްކޮށް ވެރިކަން ހިންގުމުގެ ބާރުން އޭނާގެ ވެރިކަމެއްގައި މުޅި ގައުމު ކޮންޓްރޯލް ކުރަން ބޭނުންވެވަޑައިނުގަންނަވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ ބާރުތައް އެއްކޮށްގެން ކުރާ ވެރިކަމެއް. ގާނޫނު އަސާސީގައި ބުނާ ގޮތުން ވެރިކަން އޮންނަން ޖެހޭނީ ރައްޔިތުންގެ އަތް މަތީގައި. ބަސް ބުނަން ޖެހޭނީ ރައްޔިތުން. އަޅުގަނޑުމެން ޖެހޭނީ މަސައްކަތް ކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަން ފެނިގެންދާނީ އެގޮތަށް،" އިބޫ ވިދާޅުވި އެވެ.

ސެޕްޓެމްބަރު، 23ގައި، ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް މިހާތަނަށް އިބޫ ވަނީ 100 އަށް ވުރެ ގިނަ ރަށްރަށަށް ޒިޔާރަތް ކުރައްވައިފަ އެވެ. އަދި މި ދަތުރުތަކުގައި އޭނާ ދަނީ އިދިކޮޅުގެ ކޯލިޝަންގެ ސަރުކާރެއްގައި އޮންނާނެ ސިޔާސަތުތައް ހާމަ ކުރައްވަމުންނެވެ.