އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ޖަލްސާއެއް: އައިޑީކާޑު ހިމެނޭ ވޯޓާސް ލިސްޓާއި ރީ ރަޖިސްޓްރީ ލިސްޓް ހޯދަން ކޮމިޝަންގައި ވަނީ އެދިފައި --ފޮޓޯ/މިހާރު
25 އޯގަސްޓް 2018 - 17:33
އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފުރިހަމަ މައުލޫމާތު ހިމެނޭ ވޯޓާސް ލިސްޓާއި ރީ ރަޖިސްޓްރީ ލިސްޓް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އިދިކޮޅު ކޯލިޝަނުން އިލެކްޝަންސް ކޮމިޝަންގައި މިއަދު އެދެފި އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް މިއަދު ފޮނުވި ސިޓީގައިވަނީ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓުގެ ސައްހަ ކަން ކަށަވަރު ކުރެވޭނީ އައިޑީކާޑު ނަމްބަރު ހިމެނޭ ގޮތަށް ވޯޓާސް ލިސްޓު ލިބުމުގެ އިތުރަށް ރީ ރަޖިސްޓްރީ ލިސްޓު ލިބިގެން ކަމަށެވެ. އައިޑީކާޑު ނަމްބަރު ހިމެނޭ ގޮތަށް ވޯޓާސް ލިސްޓް ދޭން ތަކުރާރުކޮށް އެދުމުން ވެސް އެ ލިސްޓް ކޮމިޝަނުން ދީފައިނުވާ ކަމަށް އެ ސިޓީގައިވެ އެވެ.
މީގެ އިތުރުން ރީ ރަޖިސްޓްރީ ކުރުމަށް ކޮމިޝަނުން ދިން 14 ދުވަސް ހަމަވެގެން ދިޔައިރު، އެތައް ބަޔަކު ނުބައި ތަންތަނަށް ރީ ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ. އެކަމަކު ރީ ރަޖިސްޓްރީ ލިސްޓު މިއަދާ ހަމައަށް އާންމު ނުކުރުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށް އެ ސިޓީގައިވެ އެވެ. އެ ސިޓީގައިވާ ގޮތުން އެ މައުލޫމާތުތައް ނުލިބޭތީ ވޯޓާސް ލިސްޓްގެ ސައްހަކަން ކަށަވަރު ކުރަން ދަނީ އުނދަގޫވަމުންނެވެ.
"ވީމާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލާ ފަރާތްތަކުގެ ވޯޓާސް ލިސްޓް އެ ފަރާތްތަކުގެ އައިޑީކާޑު ނަމްބަރު އެނގޭނެ ގޮތަށް ލިބޭނެ ގޮތް ހައްދަވައި ދެއްވައި، އަދި ރީ ރަޖިސްޓްރޭޝަން ލިސްޓް ލިބޭނެ ގޮތް ހައްދަވައި ދެއްވުން އެދެމެވެ." އެ ސިޓީގައިވެ އެވެ.
އެ ސިޓީގައިވާ ގޮތުން އިންތިޚާބުގެ މިނިވަންކަން ކަށަވަރު ކުރަން އިލެކްޝަންސް ކޮމިޝަނުން އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ، ޕާޓީތަކުން އެކަމަށް ފަހެއް ނުޖެހޭނެ އެވެ.
އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ އިންތިޚާބުގެ ފުރިހަމަ ވޯޓާސް ލިސްޓާއި ރީ ރަޖިސްޓްރީ ލިސްޓް ހޯދަން އިދިކޮޅު ކޯލިޝަނުން ހުށަހެޅިއިރު، ރީ ރަޖިސްޓްރީވާން ހުށަހެޅި ފޯމްތަކުގެ ތެރެއިން 5،000 އަށް ވުރެ ގިނަ ފޯމް ބާތިލްކޮށް، އަލުން ރީ ރަޖިސްޓްރީވާން އިލެކްޝަންސް ކޮމިޝަނުން މި ހަފުތާގައި ވަނީ އަންގައިފަ އެވެ. އެ ފޯމްތައް ބާތިލްކުރީ ސައްހަ ކަން ކަށަވަރު ނުވާތީ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއަހެލި
26 August 2018
ގައިމުވެސް މަގޭނަމާ އައިޑީ ކާޑު ނަންބަރު ހުރި ލިސްޓް ތިޔަ ކޯލިޝަނޭކިޔައިގެން އުޅޭ ބައިގަޑަށް ދޭކަށް ބޭނުމެއްނޫން! މަށަކީ އިރާދަކުރެއްވިއްޔާ ދުވަހަކުވެސް އެމްޑީޕީގެ ކެންޑިޑޭޓަކަށް ވޯޓްލާނެ މީހެއްނޫން! ވީމާ، މަގޭ ޒާތީ މަޢުލޫމާތު އެމްޑީޕީ ހިމެނޭ މީހުންނަށް ދީފިއްޔާ އީސީ ގޮވައިގެން ޝަރީއަތަށްވެސް ދާނަން!
ޖަހޯބަރާ
25 August 2018
އެމީހުނަކަށް ވެސް ތި ލިސްޓު ވީ ތަނެއް ނޭނގޭ! ދެން ކިހިނެއް ތަ ދެނީ! އަނެއްކޮޅުން ތިލިސްޓުގަ ތިބިމީހުން ތިބެނީ އެއްފޮށިން އަނެއްފޮއްޓަށް ދުވެދުވެ.. އަދި ލިސްޓުން ބައެއް މީހުން ދިރިފަ މަރުވެސް ވޭ އެބަ! ލިސްޓު ލިބޭނީ މިސަކަރާތް ޖަހާނިމިގެން.. ކޯޓުން ހުކުމް ކުރީމަ ބުނާނީީ ލިސްޓު ދިނުމުގެ ކަންތައް ހެމަޖައްސަމުން އެބަދަމޭ އަދި ދައުލަތުގެ ބަންޑާރަނައިބު ފަނޑިޔާރާއި ގުޅަން މަސައްކަތްކޮށް ގުޅޭގޮތް ނުވެއޭ.. ދެން އިވޭނީ ކޯޓްގެ ފުރާޅުގެ ޓިނުކޮޅު ވަޔާ އެއްކޮށްދިއަ ހަބަރު.. މިކހަލަގޮތެއް ކޯޓަށްދިއައިމަ ވާނީ!
ފަރީދާ
25 August 2018
ތާއީދެއް ނެތޭ ކިތަންމެ ވަރަކަށް ލިސްޓްތައް ފޮރުވައިގެން އުޅުނަސް ދެން ބޭޒާރު ނުވަނީސް ފިލައިގެން ދާންވީނު ބަލަ ނުހޮވޭނެ ގެރެންޓީ %100 ވޯޓެއްލައިގެނެއް ނުހޮވޭނެ
ހެހެހެ
25 August 2018
ގުޅި އަށާއި ފުޅިއަށާއި ރުނބައަށްތަ ވޯޓު ލަނީ؟ އެހެންވިއްޔާ ތިހެން ވެދާނެ. ހެހެހެ
ބޮސް
25 August 2018
ގާނޫނުން ތިޔަ ލިސްޓު ޕާޓީތަކަށް ދިނުމަށް ލާޒިމުކުރޭތަ؟
އެމްސް
25 August 2018
އެއްވެސް ކަމަކަށް އިތުބާރެއް ނެތް، އެހެނީ ސީދާ ރައީސްގެ އަނގައިން ބުނެވިފަ ހުރި ބަސްތަކުން އެކަނިވެސް މިކަންކަން އެބަ ސާބިތުވޭ!
ތިމަންނަ
25 August 2018
ކުދިންނޭ މިތަނުގައި އޮޅުވާނުލާ ، މަކަރު ނުހަދާ ، ކޮރަޕްޝަން އެކަމަކަށް ނުވަދެ ، ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ.