ހިޔާނާތުގެ ފައިސާ ހޯދަން އެހީތެރިވުމަށް އެމްޑީޕީން ފާސްކޮށްފި

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވެރިކަން ލިބިވަޑައިގެންފި ނަމަ މިހާރުގެ ރައީސް އަބްދުﷲ ޔާމީން "ވަގަށް ނަގާފައިވާ ފައިސާ އާއި މުދާ" ހޯދަން އެހީތެރިވެދިނުމަށް އިދިކޮޅު އެމްޑީޕީން މިއަދު ފާސްކޮށްފި އެވެ.


ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ހުށަހަޅުއްވައި، ވަޑައިގެން ތިއްބެވި ގައުމީ މަޖިލީހުގެ 52 މެންބަރުންގެ އިއްތިފާގުން ފާސް ކުރި ގަރާރުގައި ބުނަނީ، މި ސަރުކާރުން ހިޔާނާތްތެރިވެފައިވާ ފައިސާ ހޯދުމަކީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ވައުދެއް ކަމަށެވެ.

އަދި އެ މަސައްކަތް ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމުގެ ފަންނީ ތަޖުރިބާކާރުން ގެނެސް އެ މަސައްކަތަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ޗެއާޕާސަން ހަސަން ލަތީފުއާ އެ ގަރާރުން ވަނީ ހަވާލުކޮށްފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުން ދައުލަތަށް ގެއްލިފައިވާ ފައިސާ 1.3 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް ކުރީގެ އޮޑިޓާ ޖެނެރަލް އިބްރާހިމް ނިޔާޒް ވިދާޅުވާ ގޮތުން ގެއްލިފައިވާ ފައިސާގެ އަދަދު އެއަށްވުރެ ދޭއް ނުވަތަ ތިން ގުނަ މަތިވާނެ އެވެ.

ޝިފާޒް ހުށަހެޅުއްވި އެ ގަރާރަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވަމުން ރިޔާސީ ކެންޑިޑޭޓް އިބޫ ވިދާޅުވީ މިއީ އެމްޑީޕީން އިސްނަގައިގެން ކުރާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

"މިއަދު މި ހުށަހަޅާފައިވާ ގަރާރުގައި އެމްޑީޕީގެ ފަރާތުން އިސް ނަގައިގެން ތި ކުރައްވާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމުގައި އަޅުގަނޑު ދެކެން. މި ދައްކަނީ ކުޑަކުޑަ ފައިސާ ކޮޅެއްގެ ވާހަކައެއް ނޫން،" އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ބައެއް ފައިސާ ވީ ކޮޓަރި ކޮޓަރީގައި. ބައެއް ފައިސާ ރާއްޖެއިން ބޭރުގައި. ބައެއް ފައިސާ އަޅުގަނޑުމެންނަކަށް ނޭނގޭ ވީނުވީ ތަނެއް. މި ފައިސާ ހޯދުމުގެ މަސައްކަތް އެއީ ފަސޭހަ ކަމަކަށް ވެގެން ނުދާނެ. މިއަދު ވެރިކަމުގައި ހުރި ރައީސް ޔާމީން އެ ވިދާޅުވަނީ އެއީ ކުރަންޖެހޭ ކަމެއް ނޫން ކަމުގައި. އެއީ އެކަން މިހާރު އޮތް ގޮތް."

މީގެ އިތުރުން އިބޫ ވަނީ މި މަސައްކަތުގައި އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕާޓީތައް ގުޅުމަށް ގޮވާލައްވައިފަ އެވެ. އަދި ދައުލަތުގެ ކަމާބެހޭ މުއައްސަސާތުން ހިޔާނާތްތަކުގެ މައުލޫމާތު އާންމު ކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.