"ކޮކްޓެއިލް ކޯލިޝަން" އެއްގައި ތިބުމަކީ ފަޚުރެއް: އަލީ ޒާހިރު

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅުން ޕާޓީތަކުން އެކުލަވައިލި އިއްތިހާދަށް ރައީސް އަބްދުﷲ ޔާމީން "ކޮކްޓެއިލް ކޯލިޝަން" ގެ ނަން ދެއްވިޔަސް، ގައުމީ މަސްލަހަތު އިސްކޮށްފައިވާ އެ އިއްތިހާދަކީ ފަޚުރެއް ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މިރޭ ސްރީ ލަންކާގައި ވިދާޅުވެއްޖެ އެވެ.


އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އިދިކޮޅުން ހަދާފައިވާ ކޯލިޝަނަކީ ކަންކަމަށް އެއްބަސް ނުވެވޭ "ކޮކްޓެއިލް ކޯލިޝަނެއް" ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ ވިދާޅުވެފަ އެވެ. އެ ކޯލިޝަންގެ ކޮންމެ ލީޑަރަކު ވެސް ބޭނުން ވަނީ ވެރިކަމަށް ވަޑައިގަތުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުން ސްރީ ލަންކާގައި، ބޭއްވި ކެމްޕޭން ޖަލްސާގައި އެ ވާހަކަތަކަށް ރައްދު ދެއްވައި އަލީ ޒާހިރު ވިދާޅުވީ، ތަފާތު ފިކުރުތައް ހިމެނޭ ޕާޓީތަކުން އިއްތިހާދެއް އެކުލަވައިލުމަކީ، ލީޑަރުންގެ ހިތްވަރާއި ކެރުންތެރިކަމުން ކަމަށެވެ. އަމިއްލަ މަސްލަހަތު އެއްފަރާތް ކުރައްވައި ކޮންމެ ލީޑަރަކު ވެސް އިސްކުރެއްވީ ގައުމީ މަސްލަހަތު ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނެނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަޕޯޓަރުންނެވެ.

"އެއީ، [ކޯލިޝަނަކީ] އަޅުގަނޑުމެންގެ ލީޑަރުންގެ އަމިއްލަ އެދުމެއް ނެތް ކަން. އެހެންވެ ފަޚުރުވެރިކަމާ އެކު ކޮކްޓެއިލް ކޯލިޝަނެއްގެ ގޮތުގައި އަޅުގަނޑުމެން މިތިބީ،" ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަތް ޖަލްސާގައި އަލީ ޒާހިރު ވިދާޅުވި އެވެ.

ސްރީ ލަންކާގައި ބޭއްވި ޖަލްސާގައި އަލީ ޒާހިރާއި ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

އަލީ ޒާހިރު ވިދާޅުވީ، ރައީސް ޔާމީން ވިދާޅުވި ގޮތަށް، އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކޮންމެ ލީޑަރަކީ ވެސް ވަކިން ނުކުމެވަޑައިގެން ގައުމުގެ ވެރިކަން ކުރެއްވޭނެ ބޭފުޅެއް ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި، އެއް ކެންޑިޑޭޓަކު ނެރުނީ، ގައުމަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވާތީ ކަމަށް ވިދާޅުވި އެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކޮށް، ކާމިޔާބީ ހޯދާނީ ވެސް އެ "ކޮކްޓެއިލް ކޯލިޝަން" އިން ކަމަށް ވިދާޅުވި އެވެ.

އެމްްއެމްޕީއާރުސީ މެދުވެރިކޮށް މި ސަރުކާރުގައި ހިންގި ބޮޑު ޚިޔާނާތުގައި ނެގި އެތައް ބިލިއަން ރުފިޔާއެއް ހުރި ތަން އެނގޭނީ އިދިކޮޅު ޕާޓީތަކަށް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ، އެކަމަށް ރައްދު ދެއްވައި، އަލީ ޒާހިރު ވިދާޅުވީ "އެ ފައިސާ ހުރި ތަން އެނގޭ" ކަމަށެވެ. ވަކި ބޭފުޅެއްގެ އަމިއްލަ އިއުތިރާފާ ވެސް ގުޅިގެން މައްސަލަ ތަހުގީގު ކޮށްދޭން އިދިކޮޅު ޕާޓީތަކުން މުއައްސަސާތަކުގައި އެދުނީ އެހެންވެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ، އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ އެމަނިކުފާނުގެ އަމިއްލަ ގެކޮޅަށް ވަން ކަމަށް ރައީސް ޔާމީން ވިދާޅުވި މައްސަލަ ތަހުގީގު ކޮށްދޭން އެދި ފުލުސް އޮފީހަށް ހުށަހެޅި ވާހަކަ އަށެވެ. އިދިކޮޅުން ހުށަހެޅި އެ މައްސަލަ ފުލުހުން ތަހުގީގެއް ނުކުރެ އެވެ.

"އަޅުގަނޑުމެންނަށް އެ ފައިސާ ވީ ތަން އެނގޭތީ ކަމާބެހޭ މުއައްސަސާތަކަށް އޮންނާނެ ހުށަހަޅާފައި. މިވެނި މީހެއްގެ އެކައުންޓަށް ވަން ފައިސާގެ ވާހަކަ ބަލައިދޭށޭ. މިވެނި މީހަކު ވަގަށް ނެގި ފައިސާގެ ވާހަކަ ބަލައިދޭށޭ،" އަލީ ޒާހިރު ވިދާޅުވި އެވެ.

"ނަމަވެސް ރައީސް ޔާމީން ސަރުކާރުގެ މުއައްސަސާއެއްގައެއް ނެތް މިއިން މައްސަލައެއް ބަލާނެ ހިތްވަރެއް، މިއިން މައްސަލައެއް ބަލާނެ ކެރުންތެރިކަމެއް."

ސްރީ ލންކާގައި ބޭއްވި އިދިކޮޅު ޕާޓީތަކުގެ ކެމްޕޭން ޖަލްސާގައި ސަޕޯޓަރުންތަކެއް ބައިވެރިވަނީ. --ފޮޓޯ/އެމްޑީޕީ

އެކަމަކު، އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު ވައުދުވެވަޑައިގެންފައިވާ ގޮތަށް، ދައުލަތުން ވަގަށް ނަގާފައިވާ ަފައިސާ ހޯދުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް ފަށާނެ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީ އަކީ އަބަދު މުޒާހަރާ ކުރާ ޕާޓީއެއް ކަމަށާއި "ކައްވަޅުގައި" ވެސް ކުރާނީ މުޒާހަރާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ، އަލީ ޒާހިރު ވިދާޅުވީ އެމްޑީޕީ އަދި ގުޅިފައިވާ އެހެން ޕާޓީތަކަކީ ވެސް ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ރައްޔިތުންނަށް ހޯދައިދޭން ކެރޭ ޕާޓީތަކެއް ކަމަށެވެ. ރައީސް ޔާމީން ހިފަހައްޓަވައިގެން އުޅޭ ހައްގުތައް ވެސް ރައްޔިތުންނަށް އިޔާދަކޮށްދޭނީ، ރިޔާސީ އިންތިޚާބަށް ފަހު އިދިކޮޅު ކޯލިޝަންގެ ވެރިކަމެއް ގާއިމްވުމުން ކަމަށް ވިދާޅުވި އެވެ.