ވޯޓު ލާ މަރުކަޒުތަކުގައި ބަހައްޓާ ވޯޓާސް ލިސްޓާ މެދު އިދިކޮޅުން ކަންބޮޑުވޭ

ވޯޓު ލާ މަރުކަޒުތަކުގައި ބަހައްޓާ ވޯޓާސް ލިސްޓާ މެދު އިދިކޮޅު ކޯލިޝަނުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.


އަންނަ މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލާ ފޮށިތައް ކައިރީގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަހައްޓަން ނިންމާފައިވަނީ އެންމެ ފުރަތަމަ އާއްމުކުރި ލިސްޓެވެ. އެ ލިސްޓުގައި ބައެއް މީހުންގެ ނަން އުނިވެފައިވާތީ އީސީ އަށް ވެސް ޝަކުވާ ހުށަހެޅި އެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ވޯޓު ލާ މަރުކަޒުތަކުގައި ބަހައްޓަން ނިންމާފައިވަނީ 45 ދުވަސް ކުރިން އާއްމުކުރި ލިސްޓު ކަމަށެވެ. ބައެއް މީހުންގެ ނަން ނެތުމުން އެއީ ފުރިހަމަ ލިސްޓަކަށް ނުވާނެ ކަން މާރިޔާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެންމެ ފުރަތަމަ އާއްމުކުރި ވޯޓާސް ލިސްޓުގައި 172 މީހުންގެ ނަމެއް ނެތިގެން ފޯމު ހުށަހެޅި ކަމަށެވެ. ޝަކުވާ ބެލުމަށްފަހު އީސީން ވަނީ އެ މީހުންގެ ނަން ވޯޓާސް ލިސްޓުގައި ހިމަނާފައި ކަމަށް ވެސް ވިދާޅުވި އެވެ.

"އީސީން މިހާރު ބުނަނީ 45 ދުވަސް ކުރިން ނެރުނު ލިސްޓު ކަމަށް އޮބްޒާވަރުންނަށް ފެންނަ ގޮތަށް އިންނާނީ. އޭގެ މާނައަކީ އިލެކްޝަންސް ކޮމިޝަނުން ޝަކުވާ ބަލައިގެން 172 މީހުންގެ ނަން އުނިވެފައި އޮތް ލިސްޓެކޭ އެތާ އެ އޮންނަނީ. މިއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" މާރިޔާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ މީގެ ކުރިން ބޭއްވި އިންތިޚާބުތަކުގައި ކަންތައް ކުރިގޮތަށް ކަންތައްތައް ކުރަން އިލެކްޝަންސް އަށް އިލްތިމާސްކޮށްފަ އެވެ.

އޭނާ ވިދާޅުވީ ގައުމުގެ އަމާންކަން ގެއްލިފައިވާ ކަމަށް ބުނެ އިންތިޚާބު ފަސްކޮށްފާނެ ކަމުގެ ބިރު ރައްޔިތުންގެ ތެރޭގައި އެބަ އޮތް ކަމަށެވެ. ނަމަވެސް ތާރީހަށް ބަދަލެއް ނުގެނެސް އިންތިޚާބު ބާއްވަން އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލައިފަ އެވެ.

އިބޫގެ އިތުރުން އޭނާގެ ރަނިންމޭޓް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވަނީ މީހުން ދިރިއުޅޭ 127 ރަށަކަށް ވަޑައިގެންފަ އެވެ. މިހާރު ކެމްޕެއިނަށް ވަޑައިނުގެން އޮތީ ތިން އަތޮޅަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ މިހާރު އަމާޒު ހިފާފައިވަނީ އިންތިޚާބުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުން ކަން މާރިޔާ ފާހަގަކުރެއްވި އެވެ.