ޑަބްލިއުއެލްޓީއާ އެކު އެއްބަސްވުމެއް ނެތް، 1.7 ބިލިއަން ދޭކަށް ނުޖެހޭނެ: ދައުލަތް

ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ރަށްތަކެއް ހަވާލު ނުކުރި ކަމަށް ބުނެ ގެއްލުމުގެ ބަދަލަށް އެ ކުންފުނިން ހޯދަން އެދޭ 112 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) އަކީ ދައުލަތުން ދޭންޖެހޭ ފައިސާއެއް ނޫން ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.


ޑަބްލިއުއެލްޓީ އިން ދައުލަތާ ދެކޮޅަށް ދައުވާކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ޑަބްލިއުއެލްޓީއަށް 2007 ގައި ތިން ރަށެއް ދޭން ނިންމުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލާގައި ގެއްލުމުގެ ބަދަލަށް 112 މިލިއަން ޑޮލަރު ހޯދުމަށެވެ. އެ ބަދަލު ނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުން ނިންމުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ ޑަބްލިއުއެލްޓީންނެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ އެއިމްސް ކުންފުންޏަށް ސަރުކާރުން ދޫކުރި ރަށްތަކުގެ ސަބް ލީސް އެއްބަސްވުމެއް ޑަބްލިއުއެލްޓީއާ އެކު ހަދާފައި ނެތް ކަމަށާއި ސަބް ލީސް އެއްބަސްވުމެއް ހެދުމަށް ދިން ފުރުސަތުގެ ބޭނުން ޑަބްލިއުއެލްޓީ އިން ހިފާފައި ނުވާ ކަމަށެވެ. ސަބް ލީސް އެއްބަސްވުމެއް ނެހެދުމުގެ ސަބަބުން އެ ރަށްތައް ތަރައްގީ ނުކުރެވި، އެކަމުގެ ގެއްލުން ދައުލަތަށް ވެސް ލިބިފައިވާ ކަމަށާއި ސަބް ލީސް އެއްބަސްވުމެއް ނެތީސް، ޑަބްލިއުއެލްޓީއަށް ގެއްލުމުގެ ބަދަލު ދޭކަށް ނުޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ ރަށްތަކާ ގުޅިގެން ޑަބްލިއުއެލްޓީގެ ހައްގުތައް އުފަންވާނީ ސަބް ލީސް އެއްބަސްވުމެއް ހެދުމުން ކަމަށް އެ ރަށްތައް ދޭން ނިންމިކަން އަންގައި، އެއިމްސް ކުންފުނިން ޑަބްލިއުއެލްޓީ އަށް ދިން ލިޔުމުގައި ވެސް އެބައޮތް ކަމަށް ދައުލަތުން ބުންޏެވެ. ކޮންޓްރެކްޓާ ބެހޭ ގާނޫނު އޮތްގޮތުން ވެސް، ގެއްލުމުގެ ބަދަލު ދޭންޖެހޭނީ އެއްބަސްވުމެއް އޮއްވައި އެއާ ޚިލާފަށް އެއްބަސްވުމުގެ ބައިވެރިއަކު އަމަލު ކުރުމުން ކަން ފާހަގަކޮށް، ދައުލަތުން ބުނި ގޮތުގައި ސަބް ލީސް އެއްބަސްވުމެއް ނެތީސް ޑަބްލިއުއެލްޓީއަށް ދޭންޖެހޭ ބަދަލެއް ނޯންނާނެ އެވެ.

ދައުލަތުން ބުނިގޮތުގައި އެ ރަށްތަކާ ސަބް ލީސް އެއްބަސްވުން ހެދުމުގެ ފުރުސަތުގެ ޑަބްލިއުއެލްޓީ އަށް ދިނަސް އޭގެ ބޭނުން ނުހިފައި، އެ ކުންފުނިން މަސައްކަތްކުރީ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމަށެވެ.

ޑަބްލިއުއެލްޓީން ހޯދަން އެދޭ 112 މިލިއަން ޑޮލަރުގެ ބަދަލު ހިސާބުކޮށްފައިވާ ގޮތާ މެދު ވެސް ދައުލަތުން ސުވާލު އުފެއްދި އެވެ. ޑަބްލިއުއެލްޓީގެ އެދުމަކަށް ގެއްލުމުގެ ބަދަލު ހިސާބުކޮށް، އޮޑިޓް ފާމަކުން ތައްޔާރު ކޮށްފައިވާ ރިޕޯޓެއް އެ ކުންފުނިން ޝަރީއަތަށް ހުށަހަޅާފައި ވިޔަސް، ދައުލަތުން ބުނިގޮތުގައި އެ ރިޕޯޓުގައި ހިސާބުކޮށްފައިވާ ގޮތުގައި މައްސަލަތަކެއް އެބަހުއްޓެވެ. އެގޮތުން، އެ ރިޕޯޓުގައި ގެއްލުމުގެ ބަދަލު ހިސާބު ކޮށްފައިވަނީ 33 އަހަރަށް ކަމަށް ވިޔަސް، އެ މައްސަލާގައި ހިމެނޭ ތިން ރަށަކީ 25 އަހަރަށް ސަރުކާރުން އެއިމްސް ކުންފުންޏަށް ދޫކުރި ރަށްތަކެއް ކަމަށް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން އެ ރިޕޯޓަކީ ޑަބްލިއުއެލްޓީގެ ޑިރެކްޓަރުންނާ ހިއްސާ ކުރުމަށް ތައްޔާރުކުރި ރިޕޯޓެއް ކަމަށާއި އެއީ ހަމައެކަނި އެ ކުންފުނީގެ ބޭނުމަށް ބޭނުން ކުރެވޭނެ ރިޕޯޓެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވާތީ އެކަން ވެސް ދައުލަތުން ފާހަގަކުރި އެވެ. އެހެންވެ، ދައުލަތުން ބުނިގޮތުގައި އެ ރިޕޯޓަކީ ޝަރީއަތަށް ހުށަހެޅިދާނެ ރިޕޯޓެއް ކަމާ މެދު ސުވާލު އުފެދެ އެވެ. އަދި އެ ރިޕޯޓުގައި ހުރި ބައެއް އަސާސީ މައުލޫމާތުތައް ކަށަވަރު ނުވާކަން އެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައި އެބައޮތް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން މިއަދު ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ލަފައެއް ވެސް ޝަރީއަތަށް ހުށަހަޅައިފަ އެވެ. ދައުލަތުން ބުނިގޮތުގައި އެއީ އެ ރަށްތަކާ ގުޅިގެން ގެއްލުމުގެ ބަދަލު ދޭން ނުޖެހޭނެ ކަމަށް އޮޑިޓް އޮފީހުން ދީފައިވާ ލިޔުމެކެވެ.

މީގެ އިތުރަށް ދައުލަތުން ވަނީ ބައެއް އިޖްރާއީ ކަންތައްތަކެއް ވެސް މިއަދުގެ އަޑުއެހުމުގައި ފާހަގަކޮށްފަ އެވެ. އެގޮތުން ދައުލަތުން ފާހަގަކުރި އެއް މައްސަލައަކީ އެ ރަށްތައް ހަވާލު ނުކުރެވުނީ ޑަބްލިއުއެލްޓީ އިން އަދާކުރަންޖެހޭ ޒިންމާތަކެއް އަދާ ނުކުރުމުގެ ސަބަބުން ކަމަށް ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައި އޮތްއިރު، އެ މައްސަލަ ޑަބްލިއުއެލްޓީ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި ނެތުމެވެ.

އެ ބައި އެ ކުންފުނިން އިސްތިއުނާފް ނުކުރުމުން އެ ހުކުމުގެ އެ ބަޔަކީ މިހާރު ނިހާއީ ނިންމުމަކަށް ވެގެން ގޮސްފައިވާ ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން ހަވާލާދޭ ހައި ކޯޓުގެ ހުކުމަކީ އެ ރަށްތަކުގެ އެޑްވާންސަށް ޑަބްލިއުއެލްޓީ އިން ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމެވެ.

އިޖްރާއީ ދެވަނަ ކަމެއްގެ ގޮތުގައި ދައުލަތުން ފާހަގަކުރީ ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއިރު، ގާނޫނީ އުސޫލަކާ ގުޅޭގޮތުން ހައި ކޯޓުން ނިންމި އެއްވެސް ކަމެއް އެ މައްސަލާގައި ފާހަގަ ނުކޮށް އޮތުމެވެ. ކޯޓުތަކުގެ ގާނޫނު އޮތްގޮތުން ހައި ކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވޭނީ ގާނޫނީ އުސޫލަކާ ގުޅޭގޮތުން އެ ކޯޓުން ނިންމާ ނިންމުމެއް ގޯސް ކަމަށް ގަބޫލުކުރެވޭ ނަމަ ކަމަށާއި އެކަމަކު ޑަބްލިއުއެލްޓީން ހުށަހަޅާ އިސްތިއުނާފްގައި އެފަދަ ކަމެއް ފާހަގަކޮށްފައި ނެތް ކަމަށް ދައުލަތުން ބުންޏެވެ.

އެކަންކަން ފާހަގަކޮށް، ދައުލަތުން އެދުނީ ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް ތާއީދުކޮށް ދިނުމަށެވެ.

ޑަބްލިއުއެލްޓީގެ ވަކީލް އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދު ވިދާޅުވީ އޮޑިޓް ފާމްގެ ރިޕޯޓުގައި ހުރި ބައެއް މައުލޫމާތުތައް ޔަގީންނުވާ ކަމަށް އެ ރިޕޯޓުގައި ލިޔެފައި އޮތީ އެ ރިޕޯޓް ހެދީ ރާއްޖޭގައި ޓެކްސް ނިޒާމެއް ތައާރަފް ކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުން ދިޔަ ދުވަސްވަރު ކަމަށް ވެފައި، ޓެކްސް ނިޒާމެއް ތައާރަފްވެއްޖެ ނަމަ ބައެއް އަދަދުތަކަށް ބަދަލު އައުމުގެ ފުރުސަތު އޮންނާނެތީ އެވެ. އެކަމަކު ފަހުން ޓެކްސްތައް ތައާރަފް ކުރިއިރު، އެ ރިޕޯޓުގައި ހުރި އަދަދުތަކަށް ބަދަލު އަންނަންޖެހޭ ވަރުގެ ބަދަލެއް ނާންނަ ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ.

ޑރ. ހަސަން ވިދާޅުވި ގޮތުގައި އެފަދަ ފަންނީ ރިޕޯޓްތަކުގެ ކަންކަމާ ބެހޭ މައުލޫމާތުތައް ސާފުކޮށް ދެވޭނީ އެކަމުގެ ފަންނީ މީހަކަށެވެ. އަދި އެފަދަ އެހެން މައްސަލައެއްގައި ވެސް އެފަދަ ރިޕޯޓަކަށް ބިނާކޮށް 2013 ގައި ސުޕްރީމް ކޯޓުން ބަދަލު ނަގައިދީފައި އެބައޮތް ކަމަށާއި އެކަން ހައި ކޯޓުގައި މައްސަލަ ހިނގިއިރު ވެސް ފާހަގަ ކޮށްފައިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

އެ ވާހަކައިގެ ރައްދުގައި ދައުލަތުން ބުނީ ސުޕްރީމް ކޯޓުގެ އެ ހުކުމަކީ މި މައްސަލައާ ވަރަށް ތަފާތު މައްސަލައެއް ކަމަށާއި އެ ހުކުމަކީ ދައުލަތުން މީހަކާ އެކު ހަދާފައިވާ އެއްބަސްވުމަކާ ގުޅިގެން ބަދަލު ދިނުމަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ. އެކަމަކު ޑަބްލިއުއެލްޓީގެ މައްސަލާގައި އެފަދަ އެއްބަސްވުމެއް ދައުލަތާ އެކު ހަދާފައި ނެތް ކަން ދައުލަތުން ފާހަގަކުރި އެވެ.

އެ ރިޕޯޓުގައި 33 އަހަރަށް ގެއްލުމުގެ ބަދަލު ހިސާބު ކޮށްފައި އޮތް މައްސަލަ ދައުލަތުން ފާހަގަ ކުރާތީ އެކަމަށް ރައްދު ދެއްވައި، ޑރ. ހަސަން ވިދާޅުވި ގޮތުގައި އެހާ ދިގު މުއްދަތަކަށް އެ ރިޕޯޓް އޮތީ އެ އިންވެސްޓްމެންޓްގެ ބާވަތުންނެވެ. އެ ރަށްތަކަކީ 200 އެނދުގެ ރިސޯޓް ހެދުމާ ގުޅޭ ރަށްތަކެއް ކަމަށާއި އެކަމަށް މަދުވެގެން 40 ވަރަކަށް މިލިއަން ޑޮލަރު ޚަރަދުވާނެ ކަން ފާހަގަ ކުރައްވައި، ހަސަން ވިދާޅުވީ އޭރު ގާނޫނުތައް ހުރިގޮތުން ރިސޯޓް ހެދުމަށް ޚަރަދުކުރާ ކޮންމެ 10 މިލިއަން ޑޮލަރަކަށް ކުލީގެ މުއްދަތު އިތުރު 10 އަހަރަށް އިތުރުކޮށްދޭ ކަމަށް ހަސަން ވިދާޅުވި އެވެ. އެއިމްސް ކުންފުނީގެ ހެޑް ލީސް އެއްބަސްވުމަށް ވުރެ ދިގު މުއްދަތަކަށް ގެއްލުމުގެ ބަދަލު ހިސާބު ކޮށްފައި އޮތީ އެ ސަބަބާ ހެދި ކަމަށް ހަސަން ވިދާޅުވި އެވެ.

ހަމަހަމަ ކަމުގެ އުސޫލާ ޚިލާފަށް ދައުލަތުން އަމަލު ކޮށްފައިވާ ވިދާޅުވެ، ހަސަން ވިދާޅުވީ މިފަދަ އެހެން މައްސަލައެއްގައި އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން އޭޑީކޭ ކުންފުންޏަށް ބަދަލު ދިނުމަށް ދައުލަތުން ވަނީ އެ ކުންފުންޏާ އެކު ސެޓްލްމަންޓް އެއްބަސްވުމެއް ހަދައިފަ އެވެ. އަދި އިތުރު އެހެން ދެ މައްސަލައެއްގައި ވެސް ދައުލަތުން އެގޮތަށް އަމަލުކުރި ކަމަށް ބުނެ ހަސަން ވަނީ އެކަމުގެ ލިޔުންތައް ޝަރީއަތަށް ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ ޑަބްލިއުއެލްޓީ އަށް ގެއްލުމުގެ ބަދަލު ދޭން ނުޖެހޭނެ ކަމަށް އޮޑިޓާ ޖެނެރަލް މިހާރު ލަފާ ދެއްވިޔަސް، އެއިމްސް ކުންފުނީގެ 2009 ގެ އޮޑިޓް ރިޕޯޓުގައި، އެ ރަށްތަކާ ގުޅިގެން ގެއްލުމުގެ ބަދަލު ދޭން އޮޑިޓާ ޖެނެރަލް އޭރު އަންގަވާފައި އެބައޮތް ކަމަށެވެ.

ދެ ގަޑިއެއްހާއިރަށް ދިގު ދެމިގެންދިޔަ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރުމަށް ފަހު އެވެ. އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރެވެ.

ގެއްލުމުގެ ބަދަލަށް 112 މިލިއަން ޑޮލަރު ހޯދަން ޑަބްލިއުއެލްޓީ އިން ދައުވާ ކުރާއިރު، އެ ރަށްތަކުގެ އެޑްވާންސަށް އެ ކުންފުނިން ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ދޭން ދައުލަތުގެ މައްޗަށް ކުރި ހުކުމް ދައުލަތުން ވެސް ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ދައުލަތުން ހުށަހެޅި އެ މައްސަލައިގެ އަޑުއެހުން މިއަދު ކުރިއަކަށް ނުގެންދެ އެވެ.

ވިލާ އަށް ސަރުކާރުން ދޫކުރި ރަށްތަކާއި ފަޅުތަކެއް 2015 ގައި ސަރުކާރުން އަތުލީ ވެސް ޑަބްލިއުއެލްޓީ އިން އެ ދައުވާ ދައުލަތާ ދެކޮޅަށް ކުރަމުންދާތީ ކަމަށް ބުނެ އެވެ. ވިލާއާ ގުޅުންހުރި އެއްވެސް ފަރާތަކުން އެ ރަށްތަކާ ގުޅިގެން ދައުލަތާ ދެކޮޅަށް ދައުވާއެއް ނުކުރަން ސަރުކާރާ އެކު ސެޓްލްމަންޓް އެއްބަސްވުމެއް ހަދާފައި އޮއްވާ ވިލާއާ ގުޅުންހުރި ޑަބްލިއުއެލްޓީ އިން ދައުލަތާ ދެކޮޅަށް އެ ދައުވާ ކުރުމަކީ ސެޓްލްމަންޓް އެއްބަސްވުމާ ޚިލާފްވުން ކަމަށް ދައުލަތުން ބުނެ އެވެ.

އެކަމަކު މިދިޔަ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ހުކުމްކުރީ އެ ރަށްތަކުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރި ކަން އެންގީ ގާނޫނާ ޚިލާފަށް ކަމަށާއި، އެރަށްތަކުގެ އެއްބަސްވުން އަދިވެސް ދެމި އެބައޮތް ކަމަށެވެ.