ރައީސް ޔާމީންގެ ވެލިދޫ ދަތުރުފުޅާ ދިމާކޮށް، ކޯޓު އަމުރަކުން އެމްޑީޕީގެ ހަރުގެ ބަންދުކޮށްފި

ރައީސް އަބްދުﷲ ޔާމީން މިރޭ ވެލިދު އަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ ދަތުރުފުޅާ ދިމާކޮށް، އެ ރަށުގައި ހުންނަ އެމްޑީޕީ ހަރުގޭގެ ބައެއް ސާމާނު ހިފަހައްޓައި، ފުލުހުން އެތަން ބަންދުކޮށްފި އެވެ.


ރައީސް ޔާމީން ވެލިދު އަށް ވަޑައިގަތީ، އެ ރަށުގެ ނަރުދަމާ އާއި ފެނުގެ ނިޒާމުގެ ނިމުން ފާހަގަ ކުރުމަށް، މިރޭ 8:30 ހާއިރު އެވެ. އޭގެ ކުރިން، ފުލުހުން ވަނީ އެމްޑީޕީގެ ހަރުގެ ބަންދުކޮށްފަ އެވެ. އަދި އެތަނުގައި ހުރި ލައުޑް ސްޕީކަރު ފަދަ ތަކެތި ހިފެހެއްޓި އެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ތަކެތި ހިފެހެއްޓީ، ރައީސް ޔާމީން ވެލިދު އަށް ވަޑައިގަންނަވާ ވަގުތުގައި، ރަށުގެ އާއްމު މަސްލަހަތު ގެއްލުވައި ލުމަށާއި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރާ ކަމަށް ބުނެ އެވެ. އޭރު ހަރުގެ ކުރިމަތީގައި، އެމަނިކުފާނާ ދެކޮޅު ޝުއޫތައް ލިޔެފައިވާ ބެނާ ފަދަ ތަކެތި ދަމާފައި ހުއްޓެވެ.

ވެލިދޫ އެމްޑީޕީ ހަރުގެ ކައިރީގައި ފުލުހުންތަކެއް މަޑުކޮށްލައިގެން

ލައުޑް ސްޕީކަރާއި ސްޕީކަރުން ލަވަ ޖެހުމަށް ބޭނުން ކުރާ ކަރަންޓުގެ ހުރިހާ ސާމާނެއް، ކޯޓުގެ އަމުރުގެ ދަށުން ފުލުހުން ހިފަހައްޓާފައި ވަނީ ރައީސް ވެލިދު އަށް އަރާވަޑައިގަންނަވާ ވަގުތުން ފެށިގެން ފުރާ ވަޑައިގަންނަވަންދެންނެވެ.

ކޯޓު އަމުރުގައިވާ ގޮތުން، މިކަމުގެ ހެއްކާއި ގަރީނާ އަކީ، ފުލުހުންގެ އިންޓެލިޖެންސުން ތައްޔާރު ކޮށްފައިވާ ސެކިއުރިޓީ އެސެސްމެންޓެކެވެ.

ރައީސް ޔާމީން މިރޭ ވެލިދު އަށް ވަޑައިގަތުމުން، ހޫނު މަރުހަބާއެއް އެ ރަށުން ވަނީ ދަންނަވައިފަ އެވެ. އެގޮތުން، ފިޔާތޮށި ކުލައިން މުޅި ބަނދަރުމަތި ޖަރީ ކޮށްފައިވާއިރު، އެ މަނިކުފާނާ ސަލާމް ކުރުމަށް ވަރަށް ގިނަ ބަޔަކު އެ ރަށުން ނުކުތެވެ.