ބްރިޖު ހުޅުވަން 46 މިލިއަން ރުފިޔާ، ބޮޑު އިސްރާފެއް: އިދިކޮޅު ކޯލިޝަން

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު މިރޭ ހުޅުވަން ބާއްވާ ރަސްމިޔާތަށް، ދައުލަތުން 46 މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށާއި އެއީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ހަރަކާތެއް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން މިއަދު ފާޑުކިޔައިފި އެވެ.


ބްރިޖު ހުޅުވަން ނިންމާފައި ވަނީ ހަވާ އެރުވުމާއި ލޭޒާ ޝޯއަކާ އެކުގަ އެވެ. އެމްއެންޑީއެފްގެ ބެލުމުގެ ދަށުން، ބަޑި ބޭހުގެ ކުޅިވަރުތައް ބާއްވާނީ، އެކަމުގެ ތަޖުރިބާކާރު، އަދި ހަވާއެރުވުމުގެ ރެކޯޑު އޮތް ބޭރު ބައެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. ނަމަވެސް އެކަމަށް ދާ ހަރަދެއް އެ މިނިސްޓްރީން ނުބުނެ އެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ހަވާ އެރުވުމާއި ލޭޒާގެ ކުރިވަރުތަކަށް ހަރަދުކުރާ 46 މިލިއަން ރުފިޔާއަކީ ބޮޑު އިސްރާފެއް ކަމަށެވެ.

"ހަމަ ދުމަށް އަރައިގެންދާ، ރައްޔިތުންގެ ފައިސާ މިއީ. ބައްލަވާލައްވާ ތިން މިލިއަން ޑޮލަރަކީ ރައްޔިތުންގެ އަތުން ދާ 46 މިލިއަން ރުފިޔާ. އެންމެ ރެއެއްގައި ބްރިޖު ހުޅުވާލަނިއްޔޭ ކިޔާފައި އެ ރަސްމިއްޔާތޭ ވިދާޅުވެ ރައީސް ޔާމީންގެ ކެމްޕެއިނަށް އިސްރާފު ކޮށްލައްވަން،" ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު ވިދާޅުވި އެވެ.

ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ހަރަދުކުރާ ފައިސާ އަކީ 150 މީހުންގެ ބޯހިޔާވަހިކަން ހޯދައިދެވޭނެ ނުވަތަ ދެ ރަށެއްގެ ނަރުދަމާ އެޅޭނެ ފައިސާ ކަމަށް މާރިޔާ ވިދާޅުވި އެވެ. އެފަދަ ކަމަކަށް ބޮޑު ހޭދައެއް ކުރާ އިރު ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށް ވިދާޅުވެ މާރިޔާ ވަނީ ރައީސް ޔާމީނަށް ފާޑު ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން އާންމު ރައްޔިތުން މިތިބީ ދުނިޔޭގެ ފެންވަރުގައި ހަމައެކަނި ބްރިޖެއް ހުޅުވާލަނިއްޔޭ ކިޔާފައި ތިން މިލިއަން ޑޮލަރު ހަރަދު ކޮށްލެވޭ ގޮތަށްތޯ އެއީ އަޅުގަނޑުމެނަށް ސުވާލު އުފެދޭ ކަމެއް،" މާރިޔާ ވިދާޅުވި އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން: .---ފޮޓޯ: ނިޝާން އަލީ/މިހާރު

މިރޭ ބްރިޖު ހުޅުވުމަށް ފަހު ހަތް ދުވަސް ވަންދެން ތަފާތު ހަރަކާތްތައް ބްރިޖުގައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ފަސް އަލަތު ކައިވެންޏެއް ބޭއްވުމާއި ތަފާތު ދާއިރާތަކުގެ ޒުވާނުން ބްރިޖުގައި ބާއްވާ ހިނގާލުމެއް ހިމެނެ އެވެ.

އާންމު ދަތުރުތަކަށް ބްރިޖު ހުޅުވައިލާނީ އަންނަ މަހު 7 ގަ އެވެ.

ޗައިނާގެ ސީސީސީސީ އިން ހެދި މި ބްރިޖަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.