ކޮލަމާފުއްޓަށް އިބޫ ވަޑައިގަންނަވާނެ، ފުލުހުން ހިންގީ ކެމްޕެއިނަށް ހުރަސްއެޅުމުގެ އަމަލެއް: މާރިޔާ

ގއ. ކޮލަމާފުއްޓަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރު ފަސްކޮށްލަން ފުލުހުން އެދުނު ނަމަވެސް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެ ރަށަށް ވަޑައިގަންނަވާނެ ކަމަށް، އޭނާގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.


އިބޫ ކޮލަމާފުއްޓަށް ކުރައްވާ ދަތުރު ފަސްކޮށްލަން ފުލުހުން މިއަދު އެދުނީ އެ ރަށުގައި ރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އެވެ. އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިޓެންޑެޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ހަމަނުޖެހުންތަކަށް ފަހު އެ ރަށުގެ ހާލަތު ބަލާފައިވާ ކަމަށެވެ. އެ ބެލި ބެލުމުން ކެމްޕެއިނަށް ވަޑައިގަތުމަށް ކޮލަމާފުށީ މި ވަގުތު ރަނގަޅު ނޫން ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އިބޫގެ ތަރުޖަމާނު، މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު މާރިޔާ ވިދާޅުވީ، ކެންޑިޑޭޓުންނަށް ސެކިއުރިޓީ ދެމުން އަންނަނީ ސިފައިން ކަމަށެވެ. ފުލުހުންގެ މަސައްކަތަކީ ރަށްރަށުގައި އަމާންކަން ގާއިމްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ރަށުގެ ހާލަތު ހުރި ގޮތުން ކަމަށް ބުނެ ފުލުހުން އެ ހިންގީ ކެމްޕެއިނަށް ހުރަސްއެޅުމުގެ އަމަލެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ފުލުހުންގެ ޒިންމާއަކީ އެ ރަށުގައި އަމާންކަން ގާއިމްކުރުން. ކެންޑިޑޭޓުންނަށް ސެކިއުރިޓީ ދެމުން އަންނަނީ ސިފައިން.... ނަމަވެސް ސަލާމަތީ ކަންތައްތަކާ ކަންބޮޑުވެގެން ކަމަށް ބުނެ ފުލުހުން އެ ހިންގީ ކެމްޕެއިނަށް ހުރަސްއެޅުމުގެ އަމަލެއް ކަމަށް އަޅުގަނޑުމެން ދެކެން. ސަލާމަތީ ކަންތައްތަކާ ކަންބޮޑުވެގެން ނޫންކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ،" މާރިޔާ ވިދާޅުވި އެވެ.

އެ ރަށުގައި ހިނގާދިޔަ ހާދިސާތަކަށް ފަހު، އިބޫގެ ސެކިއުރީޓި ވަރުގަދަ ކޮށްދޭނެކަމުގެ ޔަގީންކަން ސިފައިން ދީފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ގއ. އާއި ގދ. އަށް ކުރައްވާ ކެމްޕެއިން ދަތުރެއް އިބޫ މާދަމާ ފައްޓަވާނެ އެވެ. މި ދަތުރުގައި އޭނާ ކޮލަމާފުއްޓަށް ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މާރިޔާ ވިދާޅުވީ ޝެޑިއުލްގައި ކަނޑައަޅާފައިވާ ގޮތަށް އިބޫގެ ދަތުރުތައް އޮންނާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނު ބުނާ ގޮތުން، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމާއެކު ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދޭން ޖެހޭނެ އެވެ.