މާލޭގައި ވަޅި ހަރައި، ޒުވާނަކު މަރާލައިފި

މާލޭގައި މިރޭ ވަޅިން ހަމަލާދީ ޒުވާނަކު މަރާލައިފި އެވެ.


އެމްއެމްއޭ ސަރަހައްދުގައި ހިންގި މާރާމާރީގައި މަރުވި ޒުވާނާއާ ބެހޭ އެއްވެސް ތަފުސީލެއް ނުދީ ފުލުހުން ފަހުން ވަނީ ކަނޑައެޅިގެން ވަކި ބަޔަކަށް އަމާޒުނުކޮށް، ފާޑެއްގެ އިންޒާރެއް ދީފަ އެވެ. އެ އިންޒާރުގައި ބުނީ ރާއްޖެ ހަލަބޮލިކޮށް ނުރައްކާތެރި އަމަލުތައް ހިންގަން ހިތްވަރުދޭ ނުވަތަ ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހަމަލާގައި މަރުވީ އިބްރާހިމް އާގިލް އެވެ. ގދ. ފަރެސްމާތޮޑާއަށް އުފަން އާގިލްގެ އުމުރަކީ އެންމެ 18 އަހަރެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އެ ޒުވާނާ އެތަނަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

އާގިލްގެ މަރު މި އައީ މިދިއަ ހަފުތާއިން ފެށިގެން މާލޭގެ ގްރޫޕްތަކެއްގެ މެދުގައި ނުރައްކާތެރި މާރާމާރީތަކެއް ހިންގަމުން ދަނިކޮށެވެ. އެގޮތުން އެކެއްގެ ބޮލަށް ލިބުނު ގެއްލުމަކާ ގުޅިގެން އޭޑީކޭގައި ބޮލުގެ އޮޕަރޭޝަނެއް ވެސް ކުރަން ޖެހުނެވެ. އެކަމަކު އޭނާގެ ހާލު ރަނގަޅު ކަމަށް އާއިލާ އިން ބުނެ އެވެ.

އާގިލް މަރުވި މާރާމާރީއަށް ފަހު ފުލުހުން ނެރުނު ބަޔާނުގައި ބުނީ ނުރައްކާތެރި މާރާމާރީތައް ހުއްޓުވައި އެފަދަ އަމަލުތަކަށް ހިތްވަރުދޭ މީހުންނާ މެދު ހަރުކަށި އަދަބު ދޭނެ ކަމަށެވެ.

"ނުރައްކާތެރި އަމަލުތަކަށް މަގުފަހިވާ ގޮތަށް ހަރަކާތްތެރިވާ ނުވަތަ އެފަދަ އަމަލުތަކަށް ހިތްވަރުދޭ ފަރާތްތަކަށް ގާނޫނީ ނިޒާމުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅަމުންދާނެ،" ބަޔާނުގައިވެ އެވެ.