މަޖިލިހުގައި އަޅުވާފައި ހުރި "ތަޅު" ހުޅުވާނަން: އިބޫ

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި، ރައްޔިތުންގެ މަޖިލިހުގައި އަޅުވާފައި ހުރި "ތަޅު" ހުޅުއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ގއ. ނިލަންދޫގައި ވިދާޅުވެއްޖެ އެވެ.


އިބޫ އެގޮތަށް ވިދާޅުވީ، މަޖިލިހުގެ އިދިކޮޅު 16 މެމްބަރަކަށް އެތަނަށް ވަނަ ނުދީ، ހިފަހައްޓާފައިވާތީ އެކަމަށް އިޝާރާތް ކުރައްވަ އެވެ. އިބޫ ވިދާޅުވި މެމްބަރުންނަކީ މަޖިލިހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނާއި ބަންދުގައި ތިއްބެވި ހަތަރު މެމްބަރުންނެވެ.

އިދިކޮޅު 12 މެމްބަރުންނަށް މަޖިލީހަށް ވަޑައިގެން މަސައްކަތް ނުކުރެއްވޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ. ސުޕްރީމް ކޯޓުން އެންމެ ފަހުން ނެރުނު ހުކުމްގައިވާ ގޮތުން، އެ މެމްބަރުންގެ ގޮނޑިއާ މެދު ގޮތެއް ނިންމޭނީ، ވަކިވަކި އެ ކޯޓަށް ހުށަހެޅި މައްސަލަތައް ބެލުމަށް ފަހު އެވެ.

އިދިކޮޅު ކެންޑިޑޭޓު މިއަދު ނިލަންދު އަށް ވަޑައިގަތުމުން، ކުޑަ ކުއްޖަކު މަރުހަބާ ދަންނަވަނީ. - ފޮޓޯ: އެމްޑީޕީ

ނިލަންދޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ސަރުކާރު ހިންގަމުން ދަނީ 90،000 އަށްވުރެ ގިނަ ރައްޔިތުން ތަމްސީލް ނުވާ ގޮތަށް ކަމަށެވެ. އެބޭފުޅުންނަކީ މެމްބަރުން ނޫން ކަމަށްވާނަމަ، ގާނޫނުއަސާސީގައި ބައި އިލެކްޝަން ބާއްވަން ޖެހޭ ކަން ބުނެފައިވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ނުހައްގު ހުކުމްތަކެއް އެ މެމްބަރުންގެ މައްޗަށް ކުރުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހަށް ނުވަދެވި ތިބީ. 23 ސެޕްޓެމްބަރު ކާމިޔާބު ކުރުމަށް ފަހު، މަޖިލިހުގައި އަޅުވާފައި ހުރި ތަޅު ހުޅުވާނަން،" އިބޫ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުރިހާ ބާރުތަކެއް އެއްކުރައްވާފައިވާ ކަން ފާހަގަ ކުރައްވައި، އިބޫ ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި މަޖިލިސް ހަދާނީ ފުރިހަމަ އަށް ތަމްސީލް ކުރެވޭ ތަނަކަށް ކަމަށެވެ.

އިބޫ ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުން މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައި ތިބީ އިންސާފެވެ. އަދުލު އިންސާފެއް ނެތް ތަނެއްގައި ޑިމޮކްރަސީއެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ކޯޓުތަކުގައި އިންސާފު ނުލިބޭ ބައިވަރު މައްސަލަތައް ހުރި ކަން އިބޫ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، މި ވެރކަމުގައި މާލޭގެ މަގުތަކުގައި 31 މީހަކު މަރާލެވިފައިވާ އިރު، އޭގެތެރޭގައި 22 ޒުވާނުން ހިމެނޭއިރު، ކޯޓުތަކުން އެ މައްސަލަތައް ބަލަމުން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، އޭނާ މިސާލު ނެންގެވީ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީ މަރާލި ހާދިސާއަށެވެ.

އިދިކޮޅު ކެންޑިޑޭޓު މިއަދު ނިލަންދު އަށް ވަޑައިގަތުމުން، އޭނާ އަށް އެ ރަށު ބަޔަކު މަރުހަބާ ދަންނަވަނީ. - ފޮޓޯ: އެމްޑީޕީ

އަފްރާޝިމްގެ މަރާ ގުޅިގެން، ހުކުމް ތަންފީޒު ކުރެވިފައި ނުވާ ކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެކަން ނިމިފައި އޮތީ އިންސާފުން ކަން ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންވެ، އިދިކޮޅު ވެރިކަމެއްގައި އަފްރާޝީމްގެ މައްސަލަ އާއި ދެން ހިނގާފައި ހުރި މަރުގެ މައްސަލަތައް އަލުން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާބާދީގައި 1200 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ނިލަންދޫއަށް އިބޫގެ ވެރިކަމުގައި ބައެއް ކަންކަން ކުރެއްވުމަށް ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްދީ، ސިއްހީ އަދި ބޭންކިން ވަސީލަތްތައް ގާއިމުކޮށް ދެއްވާނެ ކަމަށް އިބޫ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އިބޫ، މިއަދު ގއ. މާމެންދޫގެ އިދިިކޮޅު ގިނަ ސަޕޯޓަރުންތަކަކާ ބައްދަލުކުރައްވާ ވިދާޅުވީ ވޯޓުގެ ނަތީޖާ ނުކުންނާނެ ގޮތް ވަރަށް ސާފުކޮށް އެނގެމުންދާ ކަމަށެވެ. އެގޮތުން ހުވަދު އަތޮޅުން އިދިކޮޅު ކޯލިޝަނާ އެއްކޮޅަށް ނަތީޖާ އިއްވާފައިވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ވޯޓުން ބަލިވިޔަސް، ވެރިކަމުގައި ހުންނަވާނީ އެމަނިކުފާނު ކަމަށް ވެރިކަން ކުރާ ޕީޕީއެމުން ބުނި ކަމުގައިވިޔަސް، އެހެން އެކަން ނުވާނެ އެވެ. އަދި ރައްޔިތުންގެ "ކޯޓުން" އެކަން ނިންމީމަ، ތަންފީޒުވެގެން ދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ރައްޔިތުންގެ ކޯޓުން ނިންމީމަ، އެކަން ތަންފީޒުވެގެން ދާނެ. އެކަމަށް ނޫނެކޭ ބުނާނެ އެއްވެސް މީހަކު ނުހުންނާނެ. އަޅުގަނޑުމެން އެބަތިބީމު ރައީސް ޔާމީންގެ ކޯޓުން ހުކުމް ކުރީމަ، އެ ނުގަބޫލުގައި އެކަން ގަބޫލުކޮށްގެން. ރައްޔިތުން ނުކުމެ، ބަސް އިއްވީމަ، އެއަށް ބުނާނެ އިތުރު އެއްޗެއް ނޯންނެ. ސަލާމަތީ ހިދުމަތްތައްވިޔަސް، ކޯޓުތައް ވިޔަސް، މިނިވަން މުއައްސަސާތަކުން ވެސް ނުކުމެ ތިޔަބޭފުޅުން ނިންމާ ނިންމުން ތަންފީޒުވެގެންދާތަން އެ ދުވަހު ފެނިގެންދާނެ،" އިބޫ ވިދާޅުވި އެވެ.

މާމެންދު އަށް އުފަން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހްސިން އާއި އދ. މާމިގިލީގެ މެޖިސްޓްރޭޓް އަހުމަދު ނިހާންގެ ރަށުގެ ހުންނަވައި އިބޫ ވިދާޅުވި ދެ ބޭފުޅުންނަކީ އިންސާފު ނުލިބި، އަނިޔާ ލިބެމުންދާ ދެ ބޭފުޅުން ކަމަށެވެ. އިދިކޮޅު ވެރިކަމެއްގައި ފުރަތަމަ ދުވަހު، ދެ ބޭފުޅުން މިނިވަންކޮށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.