ތިން އަހަރަށް ފަހު އިދިކޮޅު ޖަލްސާއަށް ކާނިވާ ސަރަހައްދު ދޫކޮށްފި

ރައީސް އަބްދުﷲ ޔާމީނާ ދެކޮޅު ފަރާތްތަކުގެ އެއްވެސް ހަރަކާތަކަށް ކާނިިވާ ސަރަހައްދު ދޫނުކޮށް ގާތްގަނޑަކަށް ތިން އަހަރު ވީ ފަހުން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެމްޕޭނަށް އެ ސަރަހައްދު ދޫކުރަން ހައުސިން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.


މާލޭގައި މިހާރު ހުހަށް އޮތް އެންމެ ބޮޑު ބިން އިދިކޮޅު އިއްތިހާދުގެ ޖަލްސާއަށް، އަންނަ ހޮނިހިރު ދުވަހުގެ ރޭ ދޫކުރާ ގޮތަށް އެ މިނިސްޓްރީން ނިންމީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އެދުމުންނެވެ.

މީގެ ކުރިން ކާނިވާ ސަރަހައްދާއި ދަރުބާރުގެ ފަދަ ތަންތަން ހޯދަން އެމްޑީޕީން އެދުނު ނަމަވެސް ދޫކޮށްފައެއް ނުވެ އެވެ. އެކަމަކު އިދިކޮޅުގެ ޖަލްސާއެއް ބާއްވަން މި ފަހުން ދަރުބާރުގެ ދޭ ގޮތަށް އެ މިނިސްޓްރީން ހަމަޖެއްސި އެވެ. އެ ފުރުސަތުގައި ޖަލްސާއެއް ނުބޭއްވުނީ، އެމްޑީޕީން ބުނެފައިވާ ގޮތުގައި، މާ ލަހުން ޖަވާބު ލިބުމުންނެވެ.

ރައީސް ޔާމީންގެ ކެމްޕޭނަށާއި ޕީޕީއެމް ބޭނުންވާ ކޮންމެ ފަހަރަކު ކާނިވާ ސަރަހައްދާއި ދަރުބާރުގެ ލިބުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އިދިކޮޅުން ކުރިންސުރެ ގެންދަނީ ބުނަމުންނެވެ.

ރިޔާސީ އިންތިހާބުގެ ފޯރި ގަދަވެފައިވާ އިރު ވެރިރަށުގައި ޖަލްސާއެއް ބާއްވަން ތަން ދޫނުކުރާތީ އިދިކޮޅު ފަަރާތްތަކުން މިއަދު ވަނީ ހައުސިން މިނިސްޓްރީއަށް ވެސް ގޮސްފަ އެވެ. އެ މިނިސްޓްރީން އެންމެ ފަހުން ހުއްދަ ދިނީ، ސެޕްޓެމްބަރު 8 ވާ ހޮނިހިރު ދުވަހުގެ ހަވީރު ހަތަރަކުން ރޭގަނޑު 12 އާ ދެމެދު، ކާނިވާ ސަރަހައްދު ދޫކުރާ ގޮޮތަށެވެ.

ހައުސިން މިނިސްޓްރީން އެމްޑީޕީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ދުވަހު އެ ޕާޓީގެ ކެމްޕެއިން ހަރަކާތްތަކަށް ކާނިވާ ސްޓޭޖް ސަރަހައްދުގައި ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ވެސް ކާނިވާ ސަރަހައްދުގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

މި މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން މާލެ އާއި އަތޮޅު ތެރޭގައި ބާރަށް ކުރިއަށް ދާއިރު، ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެގޮތުން ރައީސް ޔާމީން ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކާ ދިމާކޮށް، އިދިކޮޅު ފަރާތްތަކުގެ ޖަގަހަތަކަށް ފުލުހުން ވަދެ އެތަންތަން ބަންދުކުރާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.