ބްރިޖާ ގުޅޭ މަގުތައް ހުޅުވާލާނީ އަންނަ ބުރާސްފަތި ދުވަހު

ބްރިޖާ ގުޅޭ މަގުތައް އާއްމުންނަށް ހުޅުވައިލާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި ބައި އިއްޔެ ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ. ނަމަވެސް ބައެއް މަސައްކަތްތައް ކުރަމުން އަންނާތީ، އެ މަގު އިއްޔެ ހުޅުވާލާފައެއް ނުވެ އެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި މިހާރު ކުރަމުން އަންނަނީ މަގު ފާހަގަތައް ޖެހުމާއި ހޮޅިދަނޑިތަކުގެ ބުޑުއެޅުމުގެ މަސައްކަތް ކަމަށެވެ. އޭގެ އިތުރުން ހުރަސް މަގުތަކާ ގުޅުވާލުމުގެ ކަންތައްތައް ވެސް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިކަންކަން ނިންމައި ސެޕްޓެމްބަރު ހައެއްގައި މަގު އާއްމުންނަށް ހުޅުވާލެވޭނެ،" މުއިއްޒުގެ ޓްވީޓުގައި ވެ އެވެ.

މުއިއްޒުގެ ޓްވީޓް

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމަ އަށް ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި އިރު، އެ މަގުގެ އެ ބައި މިހާރު ވަނީ ހަތަރު ލޭން ހިމެނޭ ގޮތަށް 12 މީޓަރަށް ފުޅާކޮށްފަ އެވެ. އެ މަގު ފުޅާކޮށްފައިވަނީ ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނު ނުދިނުމަށެވެ.

ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަޝްރޫއުގައި ހިމެނޭ ބޮޑެތި މަގުތަކަކީ ބޮޑުތަކުރުފާނު މަގުގެ އުތުރުން ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދު ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު (ހެންވޭރު ޕާކްގެ ހުޅަނގުގެ އުތުރުކަނުން ރާޅުގަނޑު ސަރަހަައްދަށް ނުކުންނަ މަގު) އެވެ.

މިދިިޔަ ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް ބްރިޖް ހުޅުވާފައި ވިޔަސް، އާއްމުންނަށް ބްރިޖް ބޭނުންކުރެވޭނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.