މާލޭ އެންމެންނަށް ހިޔާވަހިކަން ހޯދައިދޭނަން: އިބޫ

މާލޭގެ ބޭރުން ރީތި އިމާރާތްތަކެއް ފެންނަން ހުއްޓަސް، ގެދޮރުގެ ދަތިކަން ބޮޑުކަމުން ވަރަށް ހާލުގައި މާލޭ ރައްޔިތުން އުޅޭ ކަމަށާއި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި މާލޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ކަމަށް، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.


މާފަންނުގައި އިދިކޮޅު ކޯލިޝަންގެ "މާފޮޅޭ ޖަގަހަ" ހުޅުވައިދެއްވުމަށްފަހު އިބޫ ވިދާޅުވީ މި މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެެއިނަށް މާލޭގެ ވަރަށް ގިނަ ގޭގެއަށް ޒިޔާރަތްކޮށް، މީހުން ދިރިއުޅޭ ހާލަތު ބައްލަވާފައިވާ ކަމަށެވެ. އެގޮތުން، މާލޭގައި ވަރަށް ހާލުގައި މީހުން އުޅޭކަން އެނގިވަޑައިގެންނެވި ކަމަށް އިބޫ ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެންނަން މި ސަރުކާރުން ވެސް މަސައްކަތްތަކެއް ކޮށްފައި އެބަހުރި ކަމަށާއި އެކަމަކު އެ ހިޔާވަހިކަން ލިބުނީ އޭގެ ހައްގުވެރިންނަށް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ. އެ މައްސަލައަށް މިހާތަނަށް އައިއިރު ވެސް ހައްލެއް ނުގެނެވިފައިވަނީ ސަރުކާރުގެ ސިޔާސަތު ފެއިލްވެފައިވާތީ ކަމަށް ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި، އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި، ބޯހިޔާވަހިކަން ނުލިބޭ މާލޭގެ އެއްވެސް ރައްވެއްސެއް ނުހުންނާނެ އެވެ.

"އަޅުގަނޑުމެންގެ ވެރިކަމުގައި، އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަމުގެ ސިޔާސަތު ކަނޑައެޅިގެންދާއިރުގައި މި މާލޭގައި، މާލޭގެ އެއްވެސް ރައްވެއްސަކު ބޯހިޔާވަހިކަން ނުލިބި ނުހުންނާނެ. ދަތިހާލުގައި އެއްވެސް ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންނަށް، ގޮތެއް ފެންނަންދެން، އާމްދަނީއެއް ލިބެންދެން، ސަރުކާރުން ހިލޭ ބޯހިޔާވަހިކަމެއް ފޯރުކޮށްދޭނަން،" އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބޫ، މާފަންނުގެ "މާފޮޅޭ ޖަގަހަ" މިރޭ ހުޅުވައިދެއްވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އާމްދަނީން ކުލި ދައްކައިގެން ރަނގަޅު ދިރިއުޅުމެއް އުޅެވޭ މީހުންނަށް ވެސް ސަރުކާރުން ސަބްސިޑައިޒްކޮށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް އިބޫ ވިދާޅުވި އެވެ. އޭގެ އިތުރުން ފްލެޓް ގަންނަން ބޭނުންވާ މީހުންނަށް ޑައުންޕޭމަންޓް ދެއްކުމަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށް އިބޫ ވިދާޅި އެވެ.

އޭނާ ވިދާޅުވީ ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކުޑަކޮށް އެ ފައިސާ ދެއްކުމުން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ. އެއީ ހަ ޕަސެންޓުގެ އިންޓްރަސްޓާއެކު، މަހަކު 5،000ރ. ދައްކައި ދިގު މުއްދަތެއްގެ ތެރޭގައި ހަލާސްކުރަންޖެހޭ ލޯނަކަށް ހަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި ސިޔާސަތުގެ ސަބަބުން ފަސޭހަކަމާއެކީގައި އަރާމު ދިރިއުޅުމެއް އުޅެވޭނެ ބޯހިޔާވަހިކަން މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބޭފުޅުންނަށް ހަމަޖެެހިގެންދާނެ،" އިބޫ ވިދާޅުވި އެވެ.

މާލެ އަކީ ރިޔާސީ އިންތިޚާބުގައި މުހިއްމު ދައުރެއް އަދާކުރާނެ ތަނެއް ކަމަށާއި މާލެ ތަރައްގީކުރާނެ ސިޔާސަތުތަކެއް ވެސް އިދިކޮޅު ކޯލިޝަންގައި އެބަހުރި ކަމަށް އިބޫ ވިދާޅުވި އެވެ.