ފުލުސް އޮފީހަށް ހާޒިރުވާން އެންގި އިރު އިލްޔާސް މެލޭޝިއާގައި!

އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވާން އެންގި އިރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސެއިން މިއަދު މެލޭޝިއާ އަށް ވަޑައިގެންފި އެވެ.


ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭއްވި ބައްދަލުވުމެއްގައި، ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އިލްޔާސް ދެއްކެވި ވާހަކަތަކަކީ މިހާތަނަށް ފުލުހުންނަށް ލިބިފައިނުވާ މައުލޫމާތުތަކެއް ކަމަށެވެ. އަދި އަފްރާޝީމްގެ މަރަށް ހަ އަހަރު ފަހުން، އޭނާ އެ ވާހަކަ ދެއްކެވި ނިޔަތާ މެދު ސުވާލު އުފައްދައި، އެކަން އިތުރަށް ސާފުކުރަން އިލްޔާސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު އިލްޔާސް ވަނީ މިއަދު ހެނދުނު މެލޭޝިއާއަށް ފުރާވަޑައިގެންފަ އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު "މިހާރު" އަށް ވިދާޅުވީ އިލްޔާސް މެލޭޝިއާ އަށް ވަޑައިގަތީ އާއިލާގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ކަމަށެވެ. އަދި އާއިލާގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ފަހު، އެނބުރި މާލެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

"ވަކި ދުވަހެއް ބުނާކަށް ނޭނގޭ. އާއިލާއާ ބައްދަލުކޮށްލަން ދިޔައީ،" އަލީ ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިން ވެސް އޮތީ މިއަދު ފުރާވަޑައިގަންނަވާ ގޮތަށެވެ.

"ފުރިއިރު ނޭނގޭ ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޖެހޭކަމެއް،" އަލީ ޒާހިރު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން މިދިޔަ ހޮނިހިރު ދުުވަހުގެ ރޭ އައްޑޫގައި ބޭއްވި ޖަލްސާގައި އިލްޔާސް ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި ފަހުން، އެކަމާ ގުޅުން ހުރި ނުވަ ޒުވާނަކު، އެކި ފަހަރު މަތިން މަރާލާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާއިން ފެނިވަޑައިގެންނެވި ކަމަށެވެ.

އެފަދަ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، އެކަން ފުލުހުން ތަހުގީގުނުކޮށް، އެކަމުގެ ޖަވާބު ފުލުހުން ހޯދާފައި ނުވާތީ އެކަމާ މެދު އޭނާ ސުވާލު ކުރެއްވި އެވެ.

މިދުވަސްވަރު އިލްޔާސް ގެންދަވަނީ އިދިކޮޅު އިއްތިހާދުގެ ޖަލްސާތަކުގައި ވާހަކަ ދައްކަވައި، ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނާ ގުޅިފައިވާ ދީނީ އިލްމުވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.